18 ޖުލައި 2016 - 01:09

އަންކާރާ (ޖުލައި 18) - ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތަށް ފަހު މިހާތަނަށް 6،000 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބަންދުގައި މިހާރު ތިބި މީހުންގެ ތެރޭގައި ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ އެންމެ އަރިސް އަސްކަރީ މުޝީރު ކަމަށްވާ ކާނަލް އަލީ ޔަޒީސީ ހިމެނެ އެވެ. މީގެ އިތުރުން ވެސް ސިފައިންގެ އިސް ފަރާތްތައް ވަނީ ހައްޔަރުކޮށްފަ އެވެ. އުރުދުޣާން ވިދާޅުވީ ބަޣާވާތަށް މަގު ފަހިކުރި ހުރިހާ "ވައިރަހެއް" މި ފަހަރު ނައްތާލައްވާނެ ކަމަށެވެ.

"ސަރުކާރުގެ ހުރިހާ މުއްސަސާތަކަކުން މި ވައިރަސް ފޮހެލާނަން. މި ވައިރަސް ގައުމު ކައި ހުސްކުރުމުގެ ކުރިން ނައްތާލާނަން،" ބަޣާވާތުގައި މަރުވި ބައެއް މީހުންގެ ޖަނާޒާގާއި ބައިވެރިވެވަޑައިގަތުމަށް ފަހު އުރުދުޣާން ވިދާޅުވި އެވެ.
ބަޣާވާތުގެ ފަހަތުގައި ހުންނެވީ އެމެރިކާ އަށް އަމިއްލަ އަށް އަރުވާލެއްވިގެން އުޅުއްވާ ފަތުހުﷲ ގުލާން ކަމަށް އުރުދުޣާން އަނެއްކާ ވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ. އެކަމަކު ގުލާން ވަނީ އުރުދުޣާންގެ ތުހުމަތު ދޮގު ކުރައްވައިފަ އެވެ. ގުލާން އަނބުރާ ތުރުކީ އަށް ފޮނުވައި ދިނުމަށް އުރުދުޣާން ވަނީ އެމެރިކާގައި އެދިވަޑައިގެންފަ އެވެ.
އުރުދުޣާން ވިދާޅުވީ ބަޣާވާތަށް އެންމެ ރަނގަޅު ރައްދު ރައްޔިތުން ދީފައިވާ ކަމަށެވެ. ބަޣާވާތް ނާކާމިޔާބުވި އެއް ސަބަބަކީ ބަޣާވާތާ ދެކޮޅު ހެދުމަށް ގިނަ ބަޔަކު މަގުތަކަށް ނުކުތުމުންނެވެ.
ބަޣާވާތާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާތަނަށް ވަނީ 290 އަށް އަރައިފަ އެވެ. މީގެ ތެރޭން 100 ވަރަކަށް މީހުންނަކީ ބަޣާވާތް ކުރި މީހުންނެވެ. ސަލާމަތީ ފަރާތްތަކުން ބުނީ ބަޣާވާތުގައި ބައިވެރި މީހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ބައެއް މީހުން ގަދަ ދެއްކި ކަމަށެވެ.
ބަޣާވާތާ ގުޅުން ހުރި މީހުން ހައްޔަރު ކުރުމުގެ އޮޕަރޭޝަނުގެ ދަށުން އަދިވެސް އިތުރު މީހުން ހައްޔަރު ކުރާނެ ކަމަށްވެ އެވެ. އަދި އުރުދުޣާންއާ ދެކޮޅު ފަރާތްތަކުން ބުނަނީ މިއީ ވެރިކަމާ ދެކޮޅު ފަރާތްތައް ފުލުހުންގެ ބަންދަށް ގެންދަން އުރުދުޣާން އަށް ލިބިފައިވާ ފުރުސަތެއް ކަމަށެވެ. އަދި މި ދަނޑިވަޅުގެ ބޭނުން ހިއްޕަވާ އުރުދުޣާންގެ ބާރު އިތުރަށް ގަދަވާނެ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށަ އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
ބަޣާވާތާ ގުޅުން ހުރި މީހުން ހައްޔަރު ކުރުމުގެ އިތުރުން މިހާތަނަށް ވަނީ 2،700 ފަނޑިޔާރުން ވެސް މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފަ އެވެ.