12 މާޗް 2018 - 06:25

ސަލްމާން ހާންގެ ސަސްޕެންސް ތުރިލާ "ރޭސް 3" ގެ ކާސްޓަކީ ވެސް ސަސްޕެންސެއް ކަހަލަ ކަމެކެވެ. ކުރިން އިއުލާންކޮށްފައިވާ ގޮތުން ފިލްމްގެ މައިގަނޑު ކާސްޓުންނަކީ ސަލްމާނާއި ޖެކްލީން ފެނަންޑޭޒާއި، ސާގިބް ސަލީމާއި ޑެއިޒީ ޝާހާއި، ބޮބީ ޑިއޯލްގެ އިތުރުން އަނިލް ކަޕޫރެވެ.
ފިލްމްގެ މުމްބާއީ ޝޫޓިން ޝެޑިއުލް ނިންމާލައި، ދާދި ފަހުން ވަނީ ތައިލެންޑްގައި ވެސް ވަރަށް މުހިއްމު މަންޒަރުތަކެއް ޝޫޓްކޮށްފަ އެވެ. ދެން ކުރިއަށް އޮތީ މެދުއިރުމަތީގައި ނަގަން ޖެހޭ މަންޒަރުތަކެވެ.
ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ "ރޭސް 3" ގެ ފަހު ޝޫޓިން ޝެޑިއުލް އަށް ތައްޔާރުވަމުން އަންނަ އިރު، ރިޕޯޓްތައް މިހާރު ބުނާ ގޮތުން ފިލްމްގެ ރޯލަކުން ސޮނާކްޝީ ސިންހާ ވެސް ފެނިގެން ދާނެ ކަމަށެވެ. އަދި އޭނާ ވަރަށް އަވަހަށް ޓީމާ އެކު މެދުއިރުމައްޗަށް ފުރާނެ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް "ރޭސް 3" ގައި ސޮނާކްޝީ ފެނިގެން ދާނީ ކޮން ކަހަލަ ރޯލަކުން ކަމެއް ނޭނގެ އެވެ. ފަހަރުގައި އެއީ ހާއްސަ ފެނިލުމަކަށް ވެސް ވެދާނެ އެވެ. ސޮނާކްޝީއަކީ 2010 ގައި ސަލްމާނާ އެކު ފިލްމް "ދަބަންގް" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. އޭގެ ފަހުން ދެ މީހުން އެކުގައި އެ ފިލްމްގެ ދެވަނަ ބައި ވެސް ކުޅެފައިވެ އެވެ.
އެހެންވެ ސަލްމާނާއި ސޮނާކްޝީގެ ޖޯޑަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ޖޯޑެއް ވެސް މެ އެވެ. ދާދި ފަހުން ރިލީޒް ކުރި ސޮނާކްޝީގެ "ވެލްކަމް ޓް ނިއުޔޯކް" ގެ ހާއްސަ ފެނިލުމަކު ސަލްމާން ވެސް ފެނިފައިވެ އެވެ.
"ރޭސް 3" އާ އެކު، ސަލްމާނާއި ސޮނާކްޝީ "ދަބަންގް 3" އިން ވެސް ފެނިގެން ދާނެ އެވެ. ޕްރަބޫދޭވާ ޑައިރެކްޓް ކުރާ ފިލްމްގެ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ.
ރަމޭޝް ތައުރާނީ ޕްރޮޑިއުސް ކުރާ "ރޭސް 3" ސިނަމާތަކަށް އަންނާނީ ޖޫން، 15، 2018 ގަ އެވެ. މި ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމް ޑައިރެކްޓް ކުރީ އައްބާސް-މަސްތާން އެވެ. ފާހަގަކޮށްލެވޭ ކަމަކީ މި މިފަހަރު ފިލްމްގެ ކާސްޓްގައި އަނިލް ފިޔަވައި، ކުރީގެ މުހިއްމު އެއްވެސް ތަރިއެއް ނުހިމެނޭ ކަމެވެ.
"ރޭސް" 2008 ގައި ގެނެސް ދިން އިރު، "ރޭސް 2" ރިލީޒް ކުރީ 2013 ގަ އެވެ.