12 މާޗް 2018 - 06:25

ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ފިލްމް ކުންފުނި ވިޝޭޝް ފިލްމްސްއަކީ އަބަދު ވެސް ޒުވާން އާ ތަރިންނަށް ފިލްމްތަކުން ފުރުސަތު ދޭ ސްޓޫޑިއޯއެކެވެ. އާ ފިލްމެއް މިހާރު ލޯންޗްކޮށްފައިވާ އިރު، ޒުވާން އާ ކާސްޓަކާ އެކު މި މަހުގެ 18 ގައި ފިލްމްގައި ޝޫޓިން ވެސް ފަށަން ވަނީ ނިންމައިފަ އެވެ.
މަހޭޝް ޕްރޮޑިއުސްކޮށް، ޕުޝްޕްދީޕް ބަރަދްވާޖް ޑައިރެކްޓް ކުރާ ފިލްމް "ޖަލޭބީ" އަކީ ކައުސިރު މުނީރްގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.
ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހިއްސާ ނުކުރި ނަމަވެސް، މީގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ މިހާރު ވެސް ބައެއް ފިލްމްތަކުން ފެންނަ ޒުވާން ބަތަލާ ރިއާ ޗަކްރަބަތީ އާއި ކުރީގެ ކާމިޔާބު ސިލްސިލާތައް ކަމަށްވާ ސްޓާ ޕްލަސްގެ "އޭކް ވީރް ކީ އަޅްދާސް: ވީރާ" އާއި ޒީޓީވީގެ "ގުބޫލް ހޭ" ފަދަ ސިލްސިލާތަކުން ބޮޑު މަގުބޫލް ކަމެއް ހޯދާފައިވާ ޑިގަންގަނާ ސޫރިޔާވަންޝީ އެވެ. އޭނާ ވަނީ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 9" ގައި ވެސް 2015 ގައި ވާދަކޮށްފަ އެވެ.
"ޖަލޭބީ" ގެ ލީޑް އެކްޓަރަކީ އިފް އޮންލީ (2015) އާއި ދުބާއީ ޑައިރީޒް (2016) އިން ފެނިފައިވާ އެކްޓަރެވެ.
ފިލްމާ ބެހޭ ގޮތުން މަހޭޝް ބުނީ ޒުވާން ތިން ތަރިންނަކީ ވެސް "ޖަލޭބީ" ގެ ވާހަކައާ ވަރަށް ގުޅޭ ކަހަލަ ތަރިންތަކެއް ކަމަށާއި އެ މީހުންގެ ޖާދޫ ފިލްމުން ދައްކުވައި ދޭނެ ކަމަށެވެ.
"ރާޒް" އާއި "މާޑާ" އަދި "ޖިސްމް" ފަދަ ކާމިޔާބު ފްރެންޗައިޒްތައް ގެނެސް ދިން މަހޭޝްގެ "ޖަލޭބީ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މަހޭޝްއަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު ޒުވާން ބަތަލާ އާލިއާ ބަޓާއި ކުރީގެ ބަތަލާ ޕޫޖާ ބަޓްގެ ބައްޕަ އެވެ.