ތައިމޫރްގެ ނަން ފާއިޒަށް ބަދަލު ކުރަން ސައިފް އުޅުނު: ކަރީނާ
ތައިމޫރްގެ ނަން ފާއިޒަށް ބަދަލު ކުރަން ސައިފް އުޅުނު: ކަރީނާ

ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ ދަރިފުޅު ތައިމޫރް އުފަންވީއްސުރެ މީޑިއާގެ ސަމާލުކަން އަބަދު ވެސް ލިބެ އެވެ. އެހެންވެ އެއީ މިހާރު ކުޑަވަރެއްގެ "ސްޕަސްޓާރެކެވެ."

މިހާރު އުމުރުން އެއް އަހަރުގެ ތައިމޫރްގެ ނަން އިއުލާން ކުރުމާ އެކު، ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އެ ނަމަށް އަމާޒުވި އެވެ. ހާއްސަކޮށް އެ ނަމުގެ އަބުއިކަމާ އެކު، އެއީ ކޮން ކަހަލަ ނަމެއްތޯ ބުނެ ސޯޝަލް މީޑިއާގައި ވަރަށް ގަދަ އަށް ބަހުސްތައްކޮށް، ތަފާތު ގޮތްގޮތަށް ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ. އަދި އެއީ ހިންދޫންނާ ދެކޮޅު ރަސްކަލެއްގެ ނަން ކަމަށް ބުނެ ވެސް ފާޑުކިޔުންތައް އަމާޒުވި އެވެ.

ތައިމޫރްގެ ނަން އިންޑިއާގެ ގައުމީ ބަހުސަކަށް ވެދާހެން ހީވާ ކަހަލަ ކަހަލަ ފައްތަރަކަށް ދިއުމުން، ކަރީނާގެ ބޮޑު ބޭބެ އަދި މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރް ވަނީ އެ ނަމަށް ފާޑުކީ މީހުންނާ ދިމާލަށް ޓްވިޓާގައި ވަރަށް އެއްޗެހި ކިޔައިފަ އެވެ. އެ ހާޖާނުގަނޑުގެ ތެރޭގައި ބައެއް މީހުންނާ ދިމާ އަށް ރިޝީ ހަޑި އެއްޗެހި ވެސް ކިޔާފައިވެ އެވެ.

ޔަގީންވާ ކަމަކީ ތައިމޫރްގެ ނަމާ ދޭތެރޭ އާއިލާ ތެރޭގައި ވެސް ބަހުސްތަކެއް ހިނގި ކަމެވެ. މުމްބާއީގައި މިހާރު ކުރިއަށްދާ އިންޑިއާ ކޮންކްލޭވް 2018 ގެ ހަވާސާގައި ކަރީނާ ވަނީ ނޫސްވެރިޔާ ރަޖްދީޕް ސަރްދެސާއީއާ ތައިމޫރްގެ ނަމާ ބެހޭ ގޮތުން ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި ތައިމޫރްގެ ނަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޕްރެޝަރާ ހެދި ސައިފް އެ ނަން ބަދަލު ކުރަން އުޅުނެވެ. އަދި ދަރިފުޅުގެ ނަން ފާއިޒަށް ބަދަލު ކުރަން ސައިފް ވަރަށް މަސައްކަތް ކުރި އެވެ.

އެކަމަކު ކަރީނާއާ ހަވާލާދީ ރަޖްދީޕް ކުރި ޓްވީޓެއްގައި ބުނީ ވަކި ބައެއްގެ ޕްރެޝަރާ ހެދި ދަރިފުޅުގެ ނަން ބަދަލު ކުރަން ކަރީނާ އެއްގޮތަކަށް ވެސް ބޭނުން ނުވި ކަމަށެވެ.

"ކަރީނާ ބުނީ ބޭނުންވީ ހަމަ ދަރިފުޅު ތައިމޫރްގެ ނަމުގައި ބޮޑު ވާން ކަމަށް ބުނި،" އޭނާ ބުންޏެވެ.

ތައިމޫރަކީ ކަރީނާގެ އަލަތު ދަރިފުޅު ނަމަވެސް، އެއީ ސައިފްގެ ތިން ވަނަ ދަރިފުޅެވެ. ކުރީގެ ބަތަލާ އަމްރިތާ ސިންގްއާ ކައިވެނިކޮށް ސައިފަށް ކުރިން ދެ ކުދިން ލިބިފައިވެ އެވެ. އެއީ މިހާރު ފިލްމް "ކޭދަރްނާތު" އިން ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވާ ސާރާ އަލީ ހާން، 25، އާއި އިބްރާހީމް އަލީ ހާން، 17، އެވެ.