10 މާޗް 2018 - 22:32

ކާބުލް (މާޗް 10) - އަފްޣާނިސްތާނުގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ފަރާހް އަށް ތާލިބާނުން މިއަދު ދިން ހަމަލާއެއްގައި އެ ގައުމުގެ ސިފައިންގެ ތެރޭން 24 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ތާލިބާނުންގެ ހަނގުރާމަވެރިން ހަމަލާދީފައި ވަނީ ބަލާ ބުލުކް އަވަށަށް ހަމަލާ ދޭން ތައްޔާރުވާން އަފްޣާން ސިފައިން ޖަމާވެފައިވަނިކޮށް ކަމަށްވެ އެވެ. ތާލިބާނުންގެ ހަމަލާ އަށް ފަހު ސިފައިން ވެސް ރައްދުގައި ވަނީ ހަމަލާދީފަ އެވެ. ތާލިބާނުންގެ ތަރުޖަމާނަކު ބުނެފައި ވަނީ އެ މީހުން ދިން ހަމަލާގައި ސިފައިންގެ 53 މީހުން މަރުވެފައިވާ ކަމަށެވެ.
ފަހަކަށް އައިސް ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ފަރާތްތަކަށް ދޭ ހަމަލާތައް އިތުރުކޮށްފަ އެވެ. ތާލިބާނުންގެ ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ އަފްޣާނިސްތާނުގައި ތިބޭ ބޭރު ގައުމުތަކުގެ ސިފައިން 2014 ވަނަ އަހަރު އެ ގައުމުން ފޭބުމާ ގުޅިގެންނެވެ. އަފްޣާނިސްތާނުގެ 70 ޕަސެންޓް ސަރަހައްދުގައި ތާލިބާނުން މިހާރު ހަރަކާތްތެރިވާ ކަމަށް ފަހުގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ.
އަފްޣާނިސްތާނުގައި އެންމެ ގިނައިން އޯޕިއަމް ހައްދަނީ އީރާނުގެ ބޯޑަރާ ކައިރީގައި އޮންނަ ފަރާހް ޕްރޮވިންސްގަ އެވެ.