10 މާޗް 2018 - 20:38

މެންޗެސްޓާ (މާޗް 10) - ފުރަތަމަ ހާފުގައި ޒުވާން ފޯވާޑް މާކަސް ރެޝްފޯޑް ޖެހި ދެ ގޯލާ އެކު 2-1 އިން ވާދަވެރި ލިވަޕޫލް އަތުން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް ހަމަޖެހިލައިފި އެވެ.

މި މޮޅާ އެކު ޔުނައިޓެޑަށް ވަނީ ލީގުގެ ދެ ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ޔުނައިޓެޑަށް 30 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ލިވަޕޫލަށް 30 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.
ޔުނައިޓެޑުން މި މެޗަށް ނުކުތްއިރު ދިމާވި އެންމެ ބޮޑު ކަންބޮޑުވުމަކީ އަނިޔާގެ ސަބަބުން ޕައުލް ޕޮގްބާ އާއި އެންތަނީ މާޝިއަލް އަށް ނުކުޅެވުމެވެ. މާޝިއަލް އަށް ނުކުޅެވޭތީ މޮރީނިއޯ ވަނީ ފުރަތަމަ އެގާރައިން ރެޝްފޯޑަށް ފުރުސަތު ދީފަ އެވެ.
އެހެން މެޗުތަކާ ހިލާފަށް މި މެޗުގައި ލިވަޕޫލުން ފެށީ ލަސް ކުޅުމަކުންނެވެ. އޭގެ ފައިދާ ނަގައި ޔުނައިޓެޑުން ވަނީ ފުރަތަމަ 25 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. މިއީ މިދިޔަ ތިން މަސް ދުވަސް ތެރޭ ރެޝްފޯޑް ލީގުގައި ޖެހި ފުރަތަމަ ލަނޑުތަކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑަށް ތިން ވަނަ ލަނޑެއް ޖަހަައިދޭން ހުއާން މަޓާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ލިވަޕޫލް އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް ހުރެފައި އޯވަހެޑް ކިކަކުން މަޓާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ދެ ވަނަ ހާފް އެއްކޮށް ކޮންޓްރޯލް ކޮށްގެން ކުޅުނީ ލިވަޕޫލުންނެވެ. މި މެޗުގައި އެ ޓީމަށް ދިމާވި އެންމެ ބޮޑު ކަންބޮޑުވުމަކީ ރަނގަޅު ފޯމެއްގައި ހުރި މުހައްމަދު ސަލާހަށް މި މެޗުގައި ރަނގަޅު ކުޅުމެއް ނުދެއްކުމެވެ. ޔުނައިޓެޑްގެ އެޝްލީ ޔަންގް ވަނީ ސަލާހު ހުއްޓުވުމަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ލިވަޕޫލުން މި މެޗުގައި ޖެހި ގޯލަކީ މެޗުގެ 66 ވަނަ މިނިޓްގައި ޔުނައިޓެޑްގެ އައިވަރީ ކޯސްޓް ޑިފެންޑަރު އެރިކް ބެއިލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި ލަނޑާ އެކު ލިވަޕޫލުން އިތުރަށް އެޓޭކް ވަރުގަދަ ކުރި އެވެ. އަދި ޔުނައިޓެޑްގެ އޭރިއާ ތެރެއިން މަރުއާން ފެލައިނީ ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ކުރި ފައުލަކަށް އެ ޓީމުން ވަރަށް ބޮޑަށް ޕެނަލްޓީ އަކަށް އެޕީލްކުރި އެވެ. އެހެން ނަމަވެސް މެޗުގެ ރެފްރީ ކްރެއިގް ޕޯސަން ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
މިއީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ކޯޗުކޮށްދިން ޓީމެއް އަތުން މޮރީނިއޯ އަށް ހޯދުނު ދެ ވަނަ މޮޅެވެ. އަދި މިދިޔަ ދެ ސީޒަނުގެ ތެރޭގައި ލިވަޕޫލް އަތުން ޔުނައިޓެޑަށް ލީގުގައި ލިބުނު ފުރަތަމަ މޮޅެވެ. ކުރިން ކުޅުނު ތިން މެޗު ވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ.
މެޗަށް ފަހު މޮރީނިއޯ ބުނީ އޭނާގެ ޓީމަށް މި މޮޅު ލިބުނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.
"ސްޓޫޑިއޯގައި މެޗު އެނަލައިޒްކުރަން ތިބި މީހުން ބުނެފާނެ މިއީ އަަހަރެމެންނަށް ހައްގު ނޫން މޮޅެކޭ. މިއީ ލިވަޕޫލުން ކޮންޓްރޯލް ކޮށްގެން ކުޅުނު މެޗެކޭ. ހަގީގަތަކީ މި މެޗުގައި ޔުނައިޓެޑުން ފުރަތަމަ ހާފުގައި ކުޅެގެން ގޯލު ޖެހީ. ދެ ވަނަ ހާފުގައި ލިވަޕޫލުން ކުޅުނު އެކަމަކު އެ މީހުން ހުއްޓުވުމުގައި އަހަރެމެން ކުރި ހޯދީ،" ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއްގައި މޮރީނިއޯ ބުންޏެވެ.
ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ދިމާވި މައްސަލަ އަކީ ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުން ގޯލެއް ނުޖެހުން ކަމަށާއި ހަމައެކަނި އެއް ހާފުގައި ވަރަށް މޮޅަށް ކުޅެގެން މި ކަހަލަ މެޗަކުން މޮޅުވާން ފަސޭހަނުވާނެ ކަމަށެވެ.