11 މާޗް 2018 - 06:36

ބުދަ ދުވަހާ ގުޅޭ
ދީމާއާއި އަހަރެން ކައިވެނިކުރީމެވެ. ކޮންމެހެން ކައިވެންޏެއް ކުރަން ބޭނުންވެގެނެއް ނޫނެވެ. ދީމާ ގެއްލިދާނެތީއެވެ. މިލްކުވެރިކަން ކަށަވަރު ކުރުމަށް ޓަކައެވެ. ކައިވެނި ކޮށްގެން ދީމާގެ ގޭގައި ވެސް އުޅެވެން އޮތެވެ. އަހަރެންގެ މަންމަ ބޭނުންވީ އަހަރެންގެ ގެއަށް ދީމާ ގެންނާށެވެ. އެޕާޓުމަންޓު ހުރީ ތައްޔާރުކޮށް ނިމިފައެވެ. ދީމާ އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެއެވެ. ރޭގަނޑު ހަތަރުދަމު ދީމާގެ އެކުވެރިން ދީމާޔާ ބައްދަލުކުރަން ގެއަށް އާދެއެވެ. ގޭގައި މަޖާކުރެއެވެ. ޓީވީ ބެލުމާއި ކޮފީބުއިން އޮވެއެވެ. އަހަރެންގެ ނަޒަރުގައި އެއީ ދީމާގެ ޒާތީ ކަންކަމެވެ. ޒަމާނީ ޒުވާން ކުދިން އުޅޭނީ އެހެންނެވެ. އަހަންނާ ކައިވެނިކުރިއެކޭ ކިޔައިފައި ދީމާގެ ހުރިހައި އެކުވެރިން ދޫކޮށްލާކަށް ނުޖެހެއެވެ. ހަރުކަށި ޤަވާޢިދުތައް ހަދައި ދީމާ މުށުތެރެއަށް ލާކަށް ވެސް ނުޖެހެއެވެ.
އަހަރެންގެ އަންނައުނު ދޮވެއިސްތިރިކުރަނީ މަންމައެވެ. އަހަރުމެން ދެމަފިރިންނަށް ކައްކަނީ ވެސް މަންމައެވެ. މަންމައަކީ ފެށުނީއްސުރެ ވެސް ވަރަށް ސާފުތާހިރުކޮށް އުޅޭ މީހެކެވެ. ދީމާގެ އަންނައުނުތައް ދާވެ ފުނިޖެހެން ފެށުމުން އެ މަންޒަރު ބަލާކަށް މަންމައަކަށް ކެތެއް ނުވެއެވެ. އެ ކަން ވެސް ކުރަނީ މަންމައެވެ. ދީމާ ބުނެގެނެއް ނޫނެވެ. ކޮޓަރީގެ އެތައްމިތަނަށް ފުނިޖެހޭ ދާ އަންނައުނުތަކަށް ބަލަން މަންމައަށް ކެތް ނުވަނީއެވެ. އެނދުމަތީގައި އަޅައިފައި އޮންނަ ފޮތިގަނޑާއި، ބާލީސްއުރަ ދާވީމައި އެ ބަދަލުކޮށް، ކޮޓަރިތެރެ ފޮޅައި ސާފުކުރަނީ ވެސް މަންމައެވެ. ދީމާ އުޅޭ ގޮތް އަހަރެންގެ ބައްޕައަށް ވެސް ފެނެއެވެ. މައްސަލައަކަށް ވެދާނެތީ ދީމާ ކުރާ އެއްވެސް ކަމަކަށް އެކަކު ވެސް އެއްޗެއް ނުބުނެއެވެ. ފޮނި އުންމީދެއްގައި ކެތްކޮށްލައިގެން ތިބީއެވެ. ދުވަސްކޮޅަކުން ދީމާއަށް ދިރިއުޅެން ދަސްވާނެކަމަށް ބަލައިފައެވެ. ލޯ ހުޅުވޭނެކަމަށް ބަލައިފައެވެ. މަންމަ ބުނެއެވެ. ދަރިޔަކު ލިބުނީމައި ދީމާގެ އުޅުން ހަރުދަނާ ވާނެއެވެ. ޒިންމާނަގާނެއެވެ.
އަހަންނަކީ އަވަހަށް ނިދާ މީހެކެވެ. ހެނދުނު އޮފީހަށް ދާން ހޭލަންޖެހޭތީއެވެ. އަހަންނަކީ މަންމައަށް ލިބުނު ހަމަ އެކަނި ދަރިފުޅެވެ. އަހަރެން ގެންގުޅެފައިވަނީ ލޮލަށް ވެއްޓުނު ކުނިކޮޅެއްހެންނެވެ. މަންމައާއި ބައްޕަގެ ގެ ވެސް ހުންނަނީ އުސްކޮށް ހަދައި ބައިތައް ކުއްޔަށްދީފައެވެ. ފައިސާއަކީ އަހަރެންނަށް ތިޔާގި އެއްޗެކެވެ. ތަޢުލީމީގޮތުން ފާހަގަކުރެވޭ ހަރުފަތަކަށް އަހަރެން ގެންދަން މަންމައާއި ބައްޕަ ކުރި މަސައްކަތުގެ މޭވާ ކިތަންމެހާ ވެސް ފޮންޏެވެ. އެ މީހުން ބޭނުންވި ލަނޑުދަނޑި ހާސިލުވިއެވެ. އަހަރެން މޮޅަށް ކިޔެވީމެވެ. އަހަރެން އަދާކުރަނީ މަތީ މަޤާމެކެވެ. ލިބޭ މުސާރަ ބޮޑެވެ.
ކައިވެނި ކުރިތާ އަހަރެއްގެ ތެރޭގައި ލޯބިލޯބި ދަރިޔަކު ލިބުނެވެ. ދެން ވެސް ދީމާގެ އުޅުމަކަށް ބަދަލެއް ނައެވެ. ދީމާ "ކުޑަކަމުން" ދަރިފުޅުގެ ކަންތައްތައް ކުރާކަށް ވެސް ދީމާއަކަށް ނޭނގެއެވެ. މަންމަގެ ނަޒަރުގައި ދީމާއަށް އަދި ދަސްވާނެއެވެ. ގިނަ ވަގުތު ދަރިފުޅު ގެންގުޅެނީ މަންމައެވެ. އަހަރެން ގޭގައި އުޅެންޏާ އަހަންނެވެ. ދުވާލު ހަތަރުދަމު ދީމާގެ ކަމަކީ ނިދުމެވެ. ހޭލާނީ މެންދުރުފަހުއެވެ. ރޭގަނޑަކީ މަޖާނަގާ ގަޑިއެވެ. އަހަރެން ނިދައިފައި އޮތަސް ދީމާ އުޅޭނީ އެކުވެރިންނާ އެކުގައި ބޮޑުކޮޓަރީގައެވެ. ފިލްމުބެލުން އޮވެއެވެ. އޯޑަރުކޮށްގެން ކާއެއްޗެހި ގެނެއެވެ. ދީމާގެ އެކުވެރިންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް އުޅެއެވެ. އެ މީހުންނާ އެކުގައި ބޭރަށް ގޮސްފައި ދަންވަރު ވެސް ދީމާ ގެއަށް އާދެއެވެ. ބައެއްފަހަރު ދަންވަރު ބޭރަށް ގޮސްފައި ފަތިހު ވެސް އާދެއެވެ. ހެނދުނު އަހަރެން ހޭލާ ފަހުން ވެސް ދީމާ އަތުވެދާނެއެވެ. ކަންތައް އެހާ ހިސާބަށް ދިޔުމުން އަހަރެންގެ މަންމަޔަކަށް ކެތެއް ނުވިއެވެ.
"ދަރިފުޅު އަޅެ ކޮންމެވެސް މިންގަނޑެއް އެބަޖެހޭ ގެންގުޅެން،" މަންމަ އެ ވާހަކަދެއްކީ ދީމާ ގޭގައި ނޫޅޭ ވަގުތެއް ބަލައިފައެވެ. "މަންމަ މި ހުންނަނީ ކެތްކޮށްލައިގެން. އެކަމަކު ބައްޕަ ފަތިސްނަމާދަށް ދާން ނުކުންނައިރު ވެސް ދީމާ އަންނަ ވަގުތާ އެބަ ދިމާވޭ. ހިސާބުގަނޑު މީހުންނަށް ވެސް އެ މަންޒަރު އެބަ ފެނޭ. ފިރިހެނުންގެ ސައިކަލު ފަހަތުގައޭ އަންނަނީ ވެސް."
"މަންމަ ވެސް ރައްޓެހިންނާ އެއްކޮށް ބޭރަށް ދަމެއްނު،" އަހަރެން ދީމާ ދިފާޢުކުރީމެވެ. "ފްރެންޑެއްގެ ގޭގައޭ ދީމާ އިންނާނީ. އެ ގޭ މީހުން ހޭލާތިބީމަ ދީމާ ވެސް މަޑުކޮށްލީ! މާ ލަސްވެފަ ހުރީމަ ބަލާއަންނަން އަހަންނަށް ނުގޮވަންވެގެން."
"މަންމަ ހަމަ ހައިރާންވޭ ދީމާ ކުރާ ހުރިހާ ކަމެއް ދަރިފުޅަށް ރަނގަޅު ވާތީ." ވާހަކަ ކުރުކޮށްލަމުން މަންމަ ބުންޏެވެ.
އަހަރެން އެހެން ބުނަނީ އެ ކަން އަހަންނަށް ރަނގަޅު ވެގެނެއް ނޫނެވެ. އަހަންނަށް ވެސް ރަނގަޅީ އެހާ ދަންވަންދެން ދީމާ ބޭރުގައި ނޫޅުނިއްޔާއެވެ. ރައްޓެހިން ގެނެސްގެން ގޭގައި ކިތަންމެ މަޖާނެގިޔަސް އަހަންނަށް މައްސަލައެއް ނެތެވެ. ދީމާއަށް އަހަރެން ވަރަށް އިތުބާރު ކުރަމެވެ. އަހަރެންގެ ކުރިމަތީގައި ދީމާގެ އަގުވެއްޓޭ ކަހަލަ ކަމެއް ދީމާ ނުކުރާނެއެވެ. ދީމާއަކީ އެ ކަހަލަ ކުއްޖެއް ނޫނެވެ. އެ ޔަގީންކަން އަހަންނަށް އޮވެއެވެ. ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަހަރެންނަށް ކަމުދާ ހުރިހައި ސިފަތަކެއް އެކަކުގެ ކިބައިގައި ވެސް ނުހުންނާނެ ކަމެވެ. ކައިވެނި ކުރަނީ ދެ މާޙައުލެއްގައި ބޮޑުވެ ދެ ގޮތަކަށް ތަރުބިއްޔަތުވެފައި ތިބޭ ދެ މީހުންނެވެ. ވީމާ، ދެމަފިރިންގެ ދެމެދުގައި ޚިޔާލު ތަފާތުވުމާއި، ދެބަސްވުން ވެސް ހުންނާނެއެވެ. އަހަރެން ޖެހޭނީ ދީމާގެ މިޒާޖުގައި ހުންނަ ބައެއް ކަންތައްތަކަށް ކެތްތެރިވާން ދަސްކުރާށެވެ. ކަމުނުދާ ސިފަތައް އަހަރެންގެ ވެސް ހުންނާނެއެވެ. ދީމާއަށް އަހަރެން ގުޅީމައި ފޯނު ނުނަގައިފި ނަމަ އަހަރެން ހިތްހަމަ ނުޖެހޭނެއެވެ. އޮޅިގެން ވިޔަސް ފާޚާނާއަށް ފެން ނާޅާ ހުރެއްޖެއްޔާ އަހަރެން ޝަކުވާ ކުރާނެއެވެ. ދީމާގެ މޫނުމަތިން ފެންނަ ތާޒާކަން ފިލައިފައި ހުރެއްޖެއްޔާ އަހަންނަކަށް ކަމަކުނުދާނެއެވެ. އަހަރެންގެ މިޒާޖުގައި ހުންނަ އެ ކަހަލަ ކަންތައްތަކަށް ދީމާ ވެސް ކެތްތެރިވެއެވެ. މައިންބަފައިން އަހަންނަށް ދަސްކޮށްދީފައިވަނީ ހަމަހަމަކަން ގެންގުޅޭށެވެ. ކެތްތެރިވާށެވެ.
ދަރިފުޅަށް އަހަރު ފުރުނުއިރު ވެސް ދީމާގެ އުޅުމަކަށް އެއްވެސް ބަދަލެއް ނައެވެ. އެ ދަނޑިވަޅާ ދިމާކޮށް މަންމަ ބަލިވެއްޖެއެވެ. މަންމައަށް މާ ބުރަވީއެވެ. ދެން ވެސް ދީމާއަކަށް ނުވިސްނުނެވެ. އެ ގޮތް އަހަންނަށް ކަމަކުނުދިޔައެވެ. އަހަންނަށް ގޮތް ހުސްވީއެވެ.
"ދީމާ ދެން އިހަށް ބޭރަށް ދިޔުން ތަންކޮޅެއް މަދުކޮށްލަމާ!" ވަރަށް އޯގާތެރިކަމާ އެކުގައި އަހަރެން އެދުނީމެވެ. "އެޓްލީސްޓް މަންމަ ރަނގަޅުވަންދެން. ބޭބީގެ ކަންކަން ވެސް އެބަޖެހޭ ދީމާ ބަލަހައްޓަން."
ޖަވާބުގައި ދީމާ ބަލައިލި ގޮތުން އަހަންނަށް އިތުރު ތަފުސީލެއް ބޭނުމެއް ނުވިއެވެ. އެ ދުވަސް އަންނާކަށް ދީމާ ބޭނުމެއް ނޫނެވެ. ނުވަތަ ދީމާ އިންތިޒާރުކުރި ދުވަހަކީ އެއީއެވެ.
"މަ ބޭނުމެއް ނޫން އެކަކު ވެސް މަށަށް ގޮތްކިޔައިދޭކަށް،" ދީމާ ހިތްހަމަނުޖެހިފައި ބުންޏެވެ. "މިހެންވެގެންނޭ މަ ބުނީ އަދި އަހަރުމެން ބޭބީއެއް ހޯދާކަށް ނުވެއޭ. ގޭގެ ހުރިހާ ކަމެއް ކޮށްފަ، ބޭބީގެ ހުރިހާ ކަމެއް ކޮށްފަ އަދި މަ އެބަޖެހޭ ސައުވީސް ގަޑިއިރު މޭކަޕްކޮށްގެން ހުންނަން. ނުވާނެ އެ ކަމެއް."
"ދީމާ!" އަހަރެން ވަރަށް އޯގާތެރިކަމާ އެކުގައި ބުނީމެވެ. "ކިޑް މިހާރު އެހެރީ ގެންގުޅެން ފަސޭހަ ވަރަށް ބޮޑުވެފަ. މިހާރު އޭނައަށް ކާންދީ، ފެންވަރުވާކަށް ނުނަގާނެ މާ ގިނަ ޓައިމެއް. އޭނަ ބޮޑުވާއިރު އޭނައަށް އެނގެން އެބަޖެހޭ ތީކަން އޭނަގެ މަންމައަކީ. ދީމާ ބޭނުންތަ މާމައަށް މަންމަ ކިޔަން؟ އޮޓޯ މެޝިނެއް އެހެރީ. އެއްޗެހި އެ އަށް އަޅާލީމަ ނިމުނީ. އޯކޭ! ތަންތަން ސާފުކުރާށާ އިސްތިރިކޮށް ކަންތައް ކުރަން މީހަކު ވެސް ގެނެވިދާނެ. އެއީ މައްސަލައެއް ނޫން. އެކަމަކު ކިޑްގެ ކަންތައް އެބަޖެހޭ ދީމާ ކުރަން."
"ވިސްނާލާނަން!" އިރުކޮޅަކު ވިސްނަން ހުރެފައި ދީމާ ދިނީ ކުރު ޖަވާބެކެވެ.
ދީމާގެ މިނިވަންކަމަށް ހުރަސްއަޅާކަށް އަހަރެން ނޫޅެމެވެ. ގަދަކަމުން ދީމާ ލައްވާ ކަންކަން ކުރުވާކަށް ވެސް ބޭނުމެއް ނޫނެވެ. އަހަރެން ގަބޫލުކުރާ ފަލްސަފާއެއް އޮވެއެވެ. ފޮޅައިސާފުކުރަން ގެންނަ މީހާއާއި އަނބިމީހާއަކީ ތަފާތު ދެ މީހެކެވެ. އެކަކަށް ދޭނީ މުސާރައެވެ. އަނެކަކަށް ލޯތްބެވެ. އެކަމަކު ދަރިފުޅަކީ ދެމަފިރިއެއްގެ ލޯބީގެ މޭވާއެވެ. އެ ޒިންމާ އަހަރުމެންނަށް ނެގެން ޖެހޭނެއެވެ. އަހަރެން ލޯބިވާ ވަރަށް ނުވަތަ އެ އަށް ވުރެ ވެސް ބޮޑަށް ދަރިފުޅު ދެކެ ދީމާ ލޯބިވާން ޖެހޭނެއެވެ. ދަރިފުޅަށް އެއް އަހަރު ވާއިރު މަންމައެއްގެ ދައުރު ދީމާއަށް އަދާކުރެވެން ޖެހޭނެއެވެ. އެހެންނަމަވެސް ދީމާގެ ވިސްނުން ތަފާތުވީއެވެ. ލޯބީގެ ފޮންޏެއް ކަމުގައި ވާންވީ ދަރިފުޅު ބަދަލުވީ ދެމެދުގައި ޖެހުނު ކުންޏަކަށެވެ. ދާދި އަވަހަށް މަންމައަށް އެ ކަން އެނގިއްޖެއެވެ.
"އަޅެ މަންމަ ބަލި ނުވި ނަމަ ދޯ؟" މަންމަ އުޅުނީ އެ ޒިންމާ މަންމަގެ ބޮލުގައި އަޅާށެވެ.
"މަންމާ!" އަހަރެން ބުނީމެވެ. "މަންމަ ބޭނުންވި ގޮތަށް އަހަރެން މިހިރީ ބޮޑުވެފަ. ދީމާގެ މަންމަ ބޭނުންވި ގޮތަށް އޭނަ އެހެރީ ބޮޑުވެފަ. އެއީ އޭނަގެ މަންމަގެ މައްސަލައެއް. މަންމަ ނުޖެހޭ ޒިންމާ ނަގާކަށް."
މަންމަ ބޭނުން ނަމަ، ވަރަށް ފަސޭހައިން ދީމާގެ މަންމައަށް ފޫޅުކަނޑައިލެވުނީހެވެ. އެހެންނަމަވެސް، މަންމައަކީ އެ ކަހަލަ މީހެއް ނޫނެވެ.
"ތިހެން ނުބުނޭ ދަރިފުޅާ!" މަންމަ ވަރަށް އޯގާތެރިކަމާ އެކުގައި ބުންޏެވެ. "އެއްވެސް މަންމައަކު ބޭނުމެއް ނުވާނެ ދަރިންނަށް ނުބައި ތަރުބިއްޔަތެއް ދޭކަށް. ޓީޗަރު ދޭނީ ހަމަ އެއް ފިލާވަޅެއް. ބައެއް ކުދިން އެއްވަނަ ހޯދާނެ. ބައެއް ކުދިން ހަމަ ފާސް ނުވަނީ. މަންމައަށް ހީވަނީ ދީމާއަށް އަދި ވިސްނޭނެހެން."
އަހަރެން ވެސް އުންމީދުކުރީ އެ ގޮތަށެވެ. އެކަމަކު ދީމާގެ ނިންމުން ދިމާ އިދިކޮޅެވެ.
"އަހަރެން ބޭނުމީ ވަރިވާން،" ދީމާ ބުންޏެވެ. "ހިތަށްއަރާނެ އަހަންނަކީ ހާދަ ހެއްވާ މީހެކޭ. ހެއްވާ މީހުންނަކީ ހިތުގަ އޮންނަ ގޮތް ނޫން ގޮތަށް ބުނާ މީހުން. މަ ބުނާނީ ހިތުގައޮންނަ ގޮތަށް."
އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. ވަރިޔަކާ ހަމައަށް ދިޔުމުގެ ކުރިން ދެމަފިރިން ދެބަސްވާން ޖެހޭނެއެވެ. ޒުވާބުކުރަން ޖެހޭނެއެވެ. ރުޅިއައިސް ވާހަކަނުދައްކައި އެތައް ދުވަހަކު ތިބެން ޖެހޭނެއެވެ. އެއްވަނަ ގޮޅީގައި ހުރެފައި ދިހަވަނަ ގޮޅިއަށް ފުންމައިގަންނާކަށް ނުޖެހެއެވެ.
ނުނިމޭ