10 މާޗް 2018 - 21:48

ވޮޝިންޓަން (މާޗް 10) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ބައްދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ގޮތަކަށް އިއުލާން ކުރެއްވި އިރު އެކަމާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ މަޝްވަރާ ކުރައްވާފައި ނުވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
އަންނަ މެއި މަހުގެ ތެރޭގައި ކިމްއާ ބައްދަލު ކުރުމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންނެވީ ސައުތު ކޮރެއާގެ ވަފުދުގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ފަހު އެވެ. ސައުތު ކޮރެއާގެ ވަފުދުން އެމެރިކާ އަށް ދަތުރު ކުރުމުގެ ކުރިން ވަނީ ނޯތު ކޮރެއާ އަށް ގޮސް ކިމްއާ ބައްދަލުކޮށްފަ އެވެ.
އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އެއްވެސް ބޭފުޅަކު ނޯތު ކޮރެއާގެ ލީޑަރާ މިހާތަނަށް ބައްދަލު ކުރައްވައިފައެއް ނުވެ އެވެ.
ކިމްއާ ޓްރަމްޕް ބައްދަލު ކުރައްވާނެކަން އިއުލާން ކުރެއްވިއިރު އެފްރިކާގެ ދަތުރުފުޅެއްގައި އުޅުއްވި ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން އަށް ވެސް އެކަމުގެ މައުލޫމާތު އެނޑިވަޑައިގެންފައެއް ނުވެ އެވެ.
ޓްރަމްޕުގެ އިއުލާން ކުރެއްވުމާ ގުޅިގެން އެމަނިކުފާނުގެ އަމިއްލަ ޕްރެސް ސެކްރެޓަރީ އަށް ވެސް ވަނީ އޮޅުން އަރައިވަޑައިގެންފަ އެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕްރެސް ސެކްރެޓަރީ ސާރާ ސެންޑާސް ވިދާޅުވީ ނޯތު ކޮރެއާ އިން ވަނީ ނިއުކްލިއާ އުފެއްދުން ހުއްޓާލަން އެއްބަސްވެފައިވާ ކަމަށެވެ. އަދި ނޯތު ކޮރެއާ އިން އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުން މެނުވީ ކިމް އާއި ޓްރަމްޕުގެ ބައްދަލުވުން ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.