11 މާޗް 2018 - 06:42

ކުރިން އެހެން ތަރިއަކަށް ހުށަހަޅާ ފިލްމެއް، ފަހުން އެހެން ތަރިއަކު ގަބޫލުކުރުމަކީ ބޮލީވުޑްގައި ގިނަ ފަހަރަށް ލަދުވެތި ކަމަކަށް އޮންނަނީވެފަ އެވެ. އެހެން ވިޔަސް މިކަހަލަ ކަންކަން މަދެއް ނޫނެވެ.

މި ފަހަރު މިއޮތީ ސުޝާންތު ސިންގް ރާޖްޕޫތާއި ޖޯން އަބްރަހަމްގެ ވާހަކައެކެވެ. ޑައިރެކްޓަރު ރޮބީ ގެރްވާލްގެ ފިލްމް ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) އެންމެ ފުރަތަމަ ހުށަހެޅީ ސުޝާންތަށެވެ. ފިލްމްގެ ޕޯސްޓަރު މިދިޔަ އަހަރު ދައްކައިލީ ވެސް އޭނާ ހިމަނައިގެންނެވެ.
އެކަމަކު ސުޝާންތު ސޮއިކޮށްފައި ހުރި ބައެއް އެހެން ފިލްމްތަކާއި "ރޯ" ގެ މަސައްކަތް ފަށަން ފުރަތަމަ ތާވަލުކުރި ދުވަސްވަރާ ފައްތަރުވުމުން އޭނާ ވަނީ ފިލްމް ދޫކޮށްލައިފަ އެވެ.
އޭގެ ފަހުން ބައެއް އެހެން އެކްޓަރުންނަށް "ރޯ" ހުށަހެޅިކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. އެކަމަކު މިހާރު މިއޮތީ ފިލްމްގައި ޓައިޓްލް ރޯލް ކުޅޭނެ އެކްޓަރަކީ ކޮބައިކަން ކަށަވަރުވެފަ އެވެ. އެއީ ޖޯން އަބްރަހަމް އެވެ.
ރޮބީ ބުނި ގޮތުގައި "ރޯ" ޖޯން އަށް ހުށަހެޅުމުން ސްކްރިޕްޓާ ގަޔާވިލެއް ބޮޑުކަމުން އޭނާ ވަނީ ފިލްމަށް ވަގުތުން އެއްބަސްވެފަ އެވެ.
"އަސްލު މި ބަދަލު މިހާރު މާ ރަނގަޅު. ޖޯން ވަރަށް ފިޓްވޭ މި ފިލްމަށް،" އޭނާ ބުންޏެވެ.
"ރޯ" އަކީ 1970 ގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ތުރިލާއެކެވެ. ފިލްމްގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 1 ގަ އެވެ.
ޖޯންގެ އެންމެ ފަހުގެ ފިލްމް "ޕަރްމަނޫ" އަންނަ މަހުގެ 6 ގައި ރިލީޒް ކުރާ އިރު، އޭނާ މިހާރު އަންނަނީ މިލަޕް ޒަވޭރީގެ "އެސްއެމްޖޭ" ގެ މަސައްކަތް ކުރަމުންނެވެ.
ސުޝާންތުގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ޑްރައިވް"، "ކޭދަރްނާތު" އަދި "ޗިޅިޔާ" ގެ އިތުރުން "ދަ ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމެކިން ފާހަގަކޮށްލެވެ އެވެ.