މުދާ ވިއްކުމުގައި މަކަރު: ބޮޑެތި އަދަބުތައް ދޭން ޖެހޭ
މުދާ ވިއްކުމުގައި މަކަރު: ބޮޑެތި އަދަބުތައް ދޭން ޖެހޭ

މުއްދަތު ހަމަވެފައި ހުންނަ ބައެއް މުދަލުގައި އޮޅުވާލައިގެން ލޭބަލް ބަދަލުކޮށްގެން ވިއްކި މައްސަލަތަކެއް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. ގޭގެ އަށް އާންމުކޮށް ބޭނުންކުރާ ބައެއް ކާނާގެ ބާވަތްތައް ދުވަސް ހަމަވި ފަހުން، ލޭބަލް ބަދަލުކޮށްގެން ބާޒާރުގައި ވަނީ ވިއްކައިފަ އެވެ. މީގެ އިތުރުން އަގުހެޔޮ ބްރޭންޑްތަކުގައި އަގު ބޮޑެތި ބްރޭންޑްތަކުގެ ސްޓިކާތައް ހަރުކޮށްގެން ވެސް ވިއްކާފައި އެބަހުއްޓެވެ. އެކަމަކު މިކަން ކުރިޔަސް، މިއީ މާ ބޮޑު ފިޔަވަޅެއް އެޅޭ ކަމެއް ނޫނެވެ.

މުދާ ވިއްކުމުގައި މަކަރު: ބޮޑެތި އަދަބުތައް ދޭން ޖެހޭ
މުދާ ވިއްކުމުގައި މަކަރު: ބޮޑެތި އަދަބުތައް ދޭން ޖެހޭ

ގެ އަށް ދިޔަ މަގުމަތީގައި ކަރުހިއްކައިގަނެގެން ފިހާރައަކަށް ވަދެ، ޖޫސް ޕެކެޓެއް ގަތީމެވެ. އެއްވެސް ފަރުވާލެއް ނެތި ފިހާރައިގެ ފްރިޖުން ޕެކެޓު ނަގައިގެން ގޮސް، ކައުންޓަރު މަތީގައި ބަހައްޓައި ފައިސާ ދެއްކީމެވެ. އެއިގެ މުއްދަތު ހަމަވާ ތާރީހަށްކަށް ބަލައެއް ނުލަމެވެ. ބޭރު ފުށުން އެއްވެސް ގޯހެއް އުޅޭ ކަމަށް ނުފެންނާތީ މާ ބޮޑު ސަމާލުކަމެއް ނުދެމެވެ. އެއީ މުއްދަތު ހަމަވެފައިވާ ޕެކެޓެއްކަން އެނގުނީ ގެ އަށް އައިސް ޕެކެޓް ކަނޑާލުމުންނެވެ.

މުދާ ވިއްކުމުގައި މަކަރު: ބޮޑެތި އަދަބުތައް ދޭން ޖެހޭ
މުދާ ވިއްކުމުގައި މަކަރު: ބޮޑެތި އަދަބުތައް ދޭން ޖެހޭ

މިއީ މި ފަހުން ދިމާވި ކަމެކެވެ. މާލޭގެ ނަން މަޝްހޫރު ފިހާރައަކުން ގަތް އެއްޗެއްގެ ހާލަތެވެ.

ހަމަ މިފަދަ މަންޒަރެކެވެ. މާފަންނުގައި ހުރި ފިހާރައަކަށް ވަތް އިރު، އެތަނުގައި ވަކިން ބަހައްޓާފައި ހުރި އެއްޗެހިތަކެއް ވަށާލައި މީހުން ތޮއްޖެހިފަ އެވެ. ބަލާލި އިރު އެތަނުގައި ވިއްކަން ހުރި ކިރު ޕެކެޓުތަކާއި، ޔޯގަޓް ތަށިތަކާއި، ބިސްކޯދު، ފާރޮށި އަދި ނޫޑްލުސް ފަދަ އެކި ބާވަތްތަކުގެ އަގު 5ރ. އަށް ވުރެ ދަށް ވެފައިވާ ކަމަށް ޖަހާފައި އެބަ ހުއްޓެވެ. އެ ދިމާލަށް ކައިރިވެ، ރަނގަޅަށް ބަލާލި އިރު މި އެއްޗެއްސަކީ މި ހަފުތާ ތެރޭގައި މުއްދަތު ހަމަވާ އެއްޗިއްސެވެ. ހެޔޮ އަގުގައި އެ އެއްޗެތި ވިއްކާލާތީ، އެ ދިމާލަށް ބޮނޑިވެ ތިބެ މީހުންތައް އެ އެއްޗެތި ގަނެ ހުސްކުރަނީ އެވެ.

ކޮންމެ އެއްޗެއްގެ ވެސް މުއްދަތު ހަމަވާ ތާރީހެއް ޖަހާފައި ހުންނަނީ ވަކި ކަމެއް ވެގެނެވެ. އެއީ، އެ މުއްދަތުގެ ފަހުން ބޭނުން ކޮށްފި ނަމަ، ބޭނުން ކުރާ މީހާގެ ސިއްހަތައް ގެއްލުމެއް ވެދާނެތީ، އެކަމަކުން ރައްކާތެރި ވުމަށް އިންޒާރެއްގެ ގޮތުންނެވެ. ފިހާރަތަކުން ވިޔަފާރި ކުރާ މީހާ އެއްޗެހި ގަންނަ އިރު މި ތާރީހަކަށް މާ ބޮޑު ސަމާލު ކަމެއް ނުދެ އެވެ. އެއީ އެމީހުން ގަބޫލު ކުރާ ގޮތުގައި، ފިހާރައިގައި ވިއްކަން ހުންނާނީ ސައްހަ މުދާ ކަމަށް ވީމަ އެވެ. އެކަމަކު ވަކިިން ސަރަހައްދެއް ހަދައި، މުއްދަތު ހަމަވެފައި ނުވަތަ ދެތިން ދުވަސް ތެރޭގައި ހަމަވާ މުދާ ހެޔޮ އަގުގައި ވިއްކުމަކީ ކޮށްގެން ވާނެ ކަމެއް ހެއްޔެވެ؟

މިއީ މިހާރު ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލަ އެކެވެ. މުއްދަތު ހަމަވެފައި ހުރި ރޯސް ސިރަޕް ފުޅީގައި މުއްދަތު ހަމަވާ ތާރީހު ބަދަލު ކޮށް، ލޭބަލް ބަދަލު ކޮށްގެން ވިއްކާތީ އެ މައްސަލަ ފެންމަތިވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. މިދިޔަ ހަފުތާގައި އިވުނީ، "ބެސްޓް ރޯސް ވޯޓާ"ގެ އަސްލު ލޭބަލް މަތީގައި ލޭބަލެއް ތަތްކޮށްގެން ވިއްކަމުން ދާތީ އެކަމަށް ސަމާލުވުމަށް ހެލްތު މިނިސްޓްރީން ގޮވާލި އަޑެވެ.

މީގެ ކުރިން މިކަހަލަ މައްސަލަތައް ދިމާވާ ނިސްބަތާ އަޅާ ބަލާ އިރު މިއަހަރު މިހާތަނަށް، ހީ ނުކުރެވޭ ވަރަށް މި މައްސަލަ ބޮޑުވެފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެ އެވެ.

"މިދިޔަ އަހަރުތަކުގައި، އަހަރެއްގެ ތެރޭގައި އެންމެ ގިނަ ވެގެން ވެސް ރިޕޯޓް ކޮށްފައި ވަނީ ގާތްގަނޑަކަށް 20 މައްސަލަ. މިއަހަރުގެ މިހާތަަނަށް ބަލާ އިރު 100 އަށް ވުރެ ގިނަ މައްސަލަ އަޅުގަނޑުމެނަށް ރިޕޯޓް ކޮށްފައި އެބަ ހުރި. މިފަދަ މައްސަލަތައް މިހާރު މިވަނީ އާދަޔާ ހިލާފަށް އިތުރުވެފައި،" އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ވިދާޅުވި އެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގައި ބުނެފައި ވަނީ "ބޭނުންކުރުމަށް ވަކި މުއްދަތެއް ކަނޑައެޅިފައި ހުންނަ ތަކެތި، އެ މުއްދަތު ހަމަވުމަށް ފަހު ވިއްކަން ބެހެއްޓުމާއި ވިއްކުމާއި އަދި ހަލާކުވެ ނުވަތަ ނުބައިވުމުގެ ސަބަބުން އިންސާނުން ކެއުމަށް ނުވަތަ ބުއިމަށް އެކަށީގެން ނުވާ ކާބޯތަކެތި، ވިޔަފާރި ކުރާ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ މަނާ ކަމެކެވެ." މިހެން ނެވެ.

އެ ގާނޫނާ ހިލާފު ވެއްޖެ ނަމަ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 500ރ. އާއި އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި ޖޫރިމަނާ ކުރުމަށް ފަހު، އެ މައްސަލަ ހައްލު ކުރަން ދީފައިވާ މުއްދަތުގައި އެކަން ހައްލު ނުކޮށްފި ނަމަ އެތަނެއް ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ބަންދުކުރުމަށް ނުވަތަ ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލް ކުރުމެވެ.

އެކަމަކު، އާއްމުވެފައިވާ މި ކުށަށް އެދެވިގެންވާ ފިޔަވަޅެއް އެޅިފައިވޭ ހެއްޔެވެ؟ މިއަހަރުގެ މިހާތަނަށް 100 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓު ކޮށްފައިވާ އިރު އޭގެން ކިތަށް މައްސަލައާ ދޭތެރޭ ފިޔަވަޅު އަޅާފައިވޭ ހެއްޔެވެ؟

މި މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅެމުން ނުދާ ކަމަށް އެމްއެފްޑީއޭއިން ވެސް އެއްބަސްވެ އެވެ. އެންމެ ބޮޑު ވަރަކަށް ވެސް މިހާރު ކުރަނީ ޖޫރިމަނާ އެވެ. އެ ޖޫރިމަނާ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުދެއްކިޔަސް، މާ ބޮޑު ފިޔަވަޅެއް އަޅާ ތަނެއް ނުފެނެ އެވެ. ގާނޫނުގައި ބުނާ ދެ ވަނަ މަރުހަލާގެ ފިޔަވަޅު، ތަން ބަންދު ކުރެވޭ ތަނެއް ނާދެ އެވެ.

"އެކަމަކު، އަޅުގަނޑުމެން މިހާރު މިދަނީ އިކޮނޮމިކް މިނިސްޓްރީއާ ވާހަކަދައްކަމުން މިހާރަށް ވުރެ ބޮޑަށް ފިޔަވަޅު އަޅައިގެން މިކަން ހައްލުކުރަން،" ސާޖިދާ ވިދާޅުވި އެވެ.

މުއްދަތު ހަމަވެފައިވާ އެއްޗެހި ވިއްކަން ބަހައްޓާފައި ހުރުން ކުށަކަށް ވާއިރު، އެ އެއްޗެހީގެ ތާރީހު ބަދަލުކޮށް، އޮޅުވާލައިގެން ވިއްކުމަކީ އަދި މާ ބޮޑު މައްސަލައެކެވެ. ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި އެއީ ޖިނާއީ ކުށެކެވެ. އެފަދަ ކަމެއް ކުރާ މީހެއްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލައި ޝަރީއަތް ހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން، އާއްމު ހާލަތްތަކުގައި ތިން އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މީގެ އިތުރުން، އެއީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާ ވެސް ހިލާފު ކަމެއްގެ ގޮތުގައި ބެލެވިދާނެ،" އެ ވަކީލު ވިދާޅުވި އެވެ.

މިފަދަ ކަންކަމަން ހައްލުކުރުމުގައި ވިޔަފާރިވެރިންގެ ޒިންމާ ވަކިން ހާއްސަކޮށް ބޮޑެވެ. މުދާ އެތެރެކުރާ ފަރާތްތަކުން ބޭރަށް ދަތުރެއް އަޅާލައި އަތު ޖެހެން ހުރި އެންމެ އަގުހެޔޮ އެއްޗެއް ރާއްޖެ ގެނެސް، ވިއްކުމުގެ އާދަ ދޫކޮށްލަން ޖެހެ އެވެ. މި މައްސަލަ ދިމާވަނީ ގަނޑުކޮށް އެއްޗެހި ވިއްކާ ބައެއް ފަރާތްތަކުގެ އޮޅުވާލުމުގެ ސަބަބުން ކަމަށް ވިޔަސް، އެކަމުގެ ތަކުލީފާއި ވޭން ވިޔަފާރިކުރާ އާއްމުން އުފުލަން ޖައްސައިގެން ނުވާނެ އެވެ.

މުއްދަތު ހަމަވެފައިވާ އެއްޗެހި ވިއްކުމުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ އާއްމުންގެ ސިއްހަތަށެވެ. އެއްވެސް ވަރަކަށް ބަލާލުމެއް ނެތި މިފަދަ ތަކެތި ގަނެ، ބޭނުންކުރުމުން ޖެހިދާނެ ބައްޔެއް ހިތަށް ގެންނަން ވެސް އުދަނގުލެވެ. ވިޔަފާރިވެރިންގެ ޒިންމާ އަދާކޮށް، މިހާރަށް ވުރެ ޒިންމާދާރުވާން ޖެހެނީ މިހެންވެ އެވެ. ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު އަޅައި މުޅި މުޖުތަމައުގެ ހައްގު ހިމާޔަތްކޮށްދޭން ޖެހެ އެވެ. އާއްމުންނަށް އޮތީ ސަމާލުވެ، ހޭލާ ތިބުމެވެ.