ކައިވެނި ކުރާކަށް އަދި ނޫޅެން، ފޯކަސް ހުރީ ކެރިއާ އަށް: ކަރަން ޓައްކަރް
ކައިވެނި ކުރާކަށް އަދި ނޫޅެން، ފޯކަސް ހުރީ ކެރިއާ އަށް: ކަރަން ޓައްކަރް

ކަރަން ޓައްކަރްއަކީ އިންޑިއާގެ ޓީވީ އެކްޓަރުންގެ ތެރެއިން ގިނަ ބަޔަކު އެންމެ ރީތި ކަމަށް ބުނާ އެއް އެކްޓަރެވެ. އެހެންވެ އޭނާގެ ކައިވެންޏާ ބެހޭ ގޮތުން ކުރާ ސުވާލުތައް ގިނަ އެވެ.

ޓީވީ ސިލްސިލާތައް ކުޅުމުގެ އިތުރަށް ކަރަންއަކީ ޑާންސް ޝޯތަކުގައި ނެށުމުގެ ހުނަރު ވެސް ދައްކާލައިފައިވާ، މޮޅު ޓީވީ ހޯސްޓެއް ވެސްމެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ކަރަން ބޮލީވުޑަށް ވެސް ތައާރަފު ވާނެ އެވެ. ޓައިގާ ޝްރޮފް ލީޑް ރޯލް ކުޅޭ އެ ފިލްމަކީ މި އަހަރުގެ ނޮވެމްބަރު 23 އަށް ތާވަލުކޮށްފައިވާ ފިލްމެކެވެ.

ކަަރަންގެ ބޮލީވުޑްގެ ވާހަކަ އަށް ވުރެ ގަދައަށް ދެކެވޭ ވާހަކައަކީ އޭނާގެ ކައިވެނީގެ ވާހަކަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ކަރަން، 31، އާ އެކު ސްޓާ ޕްލަސްގެ ކުރީގެ ޓީވީ ސިލްސިލާ "އޭކް ހަޒާރޯ މޭ، މޭރީ ބެހެނާ ހޭ" ގައި ލީޑް ރޯލް ކުޅުނު ބަތަލާ ކްރިސްޓަލް ޑި ސޫޒާ، 28، އުޅެނި ރައްޓެހިވެގެންނެވެ. އެ ސިލްސިލާ 2011-2013 އަށް ދައްކައި ނިމުނު އިރު ވެސް، އެ ދެ މީހުން ރައްޓެހިވެގެން އުޅޭ ކަމަކަށް އެއްބަހެއް ނުވެ އެވެ.

އެކުގައި ނަގާފައިވާ ފޮޓޯތައް އިސްޓަގްރާމްގައި ހިއްސާ ކުރުމާއި އުފަން ދުވަސް ފާހަގަކުރުން ފަދަ ކަންކަމަކީ ދެ ތަރިން އަބަދު ވެސް އެކީގައި ކުރަމުން އަންނަ ކަންކަމެވެ.

ނަމަވެސް ކަރަން ބުނަނީ އޭނާ އަދި ކައިވެންޏަކާ ދޭތެރޭ ނުވިސްނާ ކަމަށެވެ.

"އަހަންނަކީ މީޑިއާތަކުގައި އަމިއްލަ ޒާތީ ވާހަކަތައް ހިއްސާކުރަން ވެސް އެހާ ބޭނުންވާ މީހެއް ނޫން. އެހެންވެ ބޭނުމެއް ނޫން ކައިވެނީގެ ވާހަކަ ދައްކާކަށް. އެކަހަލަ ހިޔާލެއް އަދިއެއް ނެތް. ބޭނުން ވަނީ ކެރިއަރަށް ފޯކަސް ކުރަން،" ފިޓްނެސް ފްރީކެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ފާހަގަކުރާ އެކްޓަރު ބުންޏެވެ.

ކަރަން ބުނި ގޮތުގައި އޭނާ ހުރީ ހުސްކޮށެވެ. އަދި ކައިވެނި ނުކުރާހާ ހިނދަކު އޭނާއަކީ "ސިންގަލް" މީހެކެވެ.

"ވަގުތު ޖެހުނީމަ ކައިވެނި ކުރާނަން. އޭރުން އަހަންނަށް ހީވަނީ އެ ވާހަކަ އަހަރެން ދައްކާނެހެން،" ކަރަން ބުންޏެވެ.

އޭނާ މި ފަހުން އެއްވެސް ސިލްސިލާއަކުން ނުފެނެ އެވެ. އެކަމަކުވަރަށް އަވަހަށް އެއްޗަކުން ފެނިދާނެ ކަމަށް ބުންޏެވެ.

"ޓީވީ ސިލްސިލާއަކަށް ވުރެ ބޮޑަށް ޑިޖިޓަލް [ވެބް ސީރީޒް] އެއްޗަކުން ކަންނޭނގޭ ފެނުމުގެ ފުރުސަތު ބޮޑީ." އޭނާ ބުންޏެވެ.