11 މާޗް 2018 - 06:43

ނާދިރު ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ކަމަށް އިންޑިއާގެ އެކްޓަރު އިރްފާން ހާން އިއުލާން ކުރި ފަހުން، އޭނާގެ ފޭނުން ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގަ އެވެ. ގިނަ ބަޔަކު އެންމެ ކަންބޮޑުވެފައި ތިބީ އޭނާ ފަރުވާ ހޯދަނީ ކޮން ބައްޔަކަށްކަން ނޭނގޭތީ އެވެ. އިރުފާން މި މަހުގެ 5 ވަނަ ދުވަހު ޓްވިޓާގައި ހިއްސާ ކުރި ވާހަކަތަކަށް ބަލާ އިރު، އޭނާގެ ބައްޔަކީ ބޮޑު ބައްޔެކެވެ.
އުމުރުން 51 އަހަރުގެ އެކްޓަރު ބުނި ގޮތުގައި ލަސްތަކެއް ނުވެ، އެއީ ކޮން ބައްޔެއްކަން ހިއްސާ ކުރާނެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އިރްފާނަށް ޖެހިފައި ވަނީ ސިކުނޑީގެ ކެންސަރެވެ. އަދި އޭނާ މިހާރު ނުރައްކާތެރި ސްޓޭޖެއްގައި ހުރި އިރު، ފަރުވާ އަށް އެމެރިކާ އަށް ފުރުމުގެ ތައްޔާރީތައް ވެސް މިހާރު އަންނަނީ ވަމުންނެވެ.
ބައްޔާ ބެހޭ ގޮތުން އިރްފާންގެ އަންހެނުން ސުތާޕާ ސިކްދާރް މިހާރު ވަނީ ކޮންމެވެސް ވަރަަކަށް ވާހަކަ ދައްކައިފަ އެވެ.
ފޭސްބުކްގައި އޭނާ އާންމު ކުރި ޕޯސްޓެއްގައި ބުނީ އިރްފާން އަންނަނީ ގަދަ ހިތްވަރާ އެކު، ހަނގުރާމައާ ކުރިމަތިިލަމުން ކަމަށެވެ. އަދި މުޅި އާއިލާ ވެސް ތިބީ އިރްފާނާ އެކުގައި ކަމަށް ބުންޏެވެ.
"އިރްފާންގެ ހާލަތާ ބެހޭ ގޮތުން ގުޅައި، މެސެޖް ކުރާ މީހުންނަށް ޖަވާބު ނުދެވޭތީ މާފަށް ވެސް އެދެން. އެކަމަކު ތިޔަ ހުރިހާ އެންމެންގެ ހެޔޮދުއާ އަހަރެމެންނާ އެކު ވާ ކަމަށް ގަބޫލު ކުރަން،" އިރްފާނާއި ދެ ދަރިންނާއި އަދި އަމިއްލަ ނަމުގައި އެންމެންނަށް ޝުކުރު އަދާ ކުރާކަން ފާހަގަކޮށް ސުތާޕާ ބުންޏެވެ. "މި ދަނޑިވަޅު އިރްފާނާއި އަހަރެމެންގެ މުޅި އާއިލާ ވެސް ބޭނުން ވަނީ އެންމެންގެ ހެޔޮދުއާ. އެހެންވެ މި ހަނގުރާމަ ކާމިޔާބުކޮށް ދެއްވުމަށް އެދި އަހަރެމެންގެ އާއިލާ އަށް ހެޔޮދުއާކޮށް ދިނުމުގައި ސާބިތުވެ ތިބުމަށް އެދެން."
އަންނަ މަހުގެ 6 ގައި އިރްފާންގެ އެންމެ ފަހުގެ ފިލްމް "ބްލެކްމެއިލް" ރިލީޒް ކުރަން ތާވަލުކޮށްފައިވާ އިރު، އޭނާ ސޮއިކޮށްފައިވާ ވިޝާލް ބަރަދްވާޖްގެ އާ ފިލްމްގެ މަސައްކަތް ފެށުން ވެސް މިހާރު ވަނީ ބައްޔާ ގުޅިގެން ފަސްކޮށްފަ އެވެ. އެ ފިލްމަކީ އިރްފާން. ދީޕިކާ ޕަދްކޯންއާ އެކު ކުޅެން ހަމަޖެހިފައިވާ ފިލްމެކެވެ.