10 މާޗް 2018 - 11:12

މީގެ ދެ އަހަރު ކުރިން، އެކަނިމާއެކަނި ކެޓަމަރާންޏެއްގައި އަބްދުލްޣަފޫރު އަލީ (ގައްބެ) ރާއްޖެ ވަށާ ކުރި ދަތުރުގެ މަތިން އަދި އެކަކު ވެސް ހަނދާން ނުނެތޭނެ އެވެ. މާކަނޑުތަކުގައި ވާރެއާ އަތްވަށް ބެލުމެއް ނެތި ދޮޅު މަހެއްހާ ދުވަހު އޭނާ ކުރި ދަތުރު ކުރި، އަދިވެސް ގިނަ މީހުން ސިފަ ކުރަނީ އާދަޔާހިލާފުކަމެއްގެ ގޮތުގަ އެވެ. އެ ދަތުރުގައި ރާއްޖޭގެ 50 ރަށަކަށް އޭނާ މަޑުކުރި އިރު އެއިން ކޮންމެ ރަށަކުން ވެސް އޭނާއަށް ކީ ގައުމީ ފެންވަރުގެ މަރުހަބާ އެކެވެ.

އަނެއްކާ ވެސް ގައްބެގެ ހަމަ މިކަހަލަ ދަތުރެކެވެ. އެކަމަކު މި ފަހަރު އޭނާ ކަނޑުމައްޗަށް ނިކުތީ ރާއްޖެ ވަށާ ކުރި ދަތުރަށް ދެ އަހަރު ފުރުމުން، ހަނދާންތައް އާކޮށްލުމަށެވެ.

"އެއީ ދެން ވަރަށް އުފާވެރި ހަނދާންތަކެއް. އެހެންވެ، ދަތުރަށް އިއްޔެ ދެ އަހަރު ފުރުނީމަ ބޭނުންވީ އަނެއްކާ ވެސް ހަމަ އެކަހަލަ ދަތުރެއް ކޮށްލަން،" "މިހާރު"އާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ގައްބެ އިއްޔެ ކުރި ދަތުރު މާ ދިގެއް ނޫނެވެ. އެކަމަކު ބ. ދަރަވަންދޫން ފުރައިގެން، ކ. ގުރައިދުއަށް ދިޔުމަށް 24 ގަޑިއިރު ހޭދަވި އެވެ. އަދި ކާށިދޫ ކަނޑުގައި ދުއްވަނިކޮށް ކެޓަމަރާންޏަށް ގެއްލުން ލިބުމުން އޭނާ ވަނީ އެ އަތޮޅު ގާފަރަށް މަޑުކޮށްފަ އެވެ.
"ގާފަރަށް މަޑުކޮށްލީމައި ވެސް ހަމަ ހީވީ ހަމަ ކުރީ ދަތުރުހެން. މީހުން އައިސް ސަލާމްކޮށް، ހާއްސަކޮށް ކުޑަކުދިން ވަރަށް އެކްސައިޓްވެފައި ތިބީ. ގައްބެއާ އެކީ ފޮޓޯ ނަގައި ހަމަ އެހެން އުޅުނީ،" އޭނާ ބުންޏެވެ.
ރޭގަނޑުގެ ބައެއްގައި ދަތުރުކުރި ނަމަވެސް ގައްބެ އެރޭ ކުޑައިރުކޮޅެއް ވާންދެން ގާފަރުގައި މަޑުކުރި އެވެ. ގުރައިދުއަށް ދާން އޭނާ ފުރީ ފަތިހު އެވެ.
"ފަތިހު ގައްބެ ފުރަން ނިކުތީމައި ވެސް ކުޑަކުދިންތައް ފަހަތުން އައި. ފުރަންދެން އެ މީހުން އެތާ އަތިރިމަތީގައި ތިބި. ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރުވި އެ ވަގުތު،" ގައްބެ ބުންޏެވެ.
މީގެ ދެ އަހަރު ކުރިން ގައްބެ ކުރި އެ ދަތުރުގައި ވެސް އެންމެ ބޮޑު ލޯތްބެއް ލިބުނީ ކުޑަކުދިންގެ ފަރާތުންނެވެ. ކުޑަކުދިންނާއެކު ސެލްފީ ނަގައި، އެ ކުދިންގެ ކުރެހުންތަކާއި ހަދިޔާ ފަދަ އެއްޗެހި އޭނާއަށް ދިނެވެ. އޭރު ބައެއް ކުދިން ބުނިގޮތުގައި ގައްބެއަކީ އެ ކުދިންގެ ހީރޯ އެވެ. ދިޔަ ކޮންމެ ރަށަކުން އޭނާއަށް އެކިކަހަލަ ފަރިވަޅުތައް ދީ، ބަތަލެއްގެ ދަރަޖަ އެރުވި އެވެ.
ގުރައިދޫގައި ގައްބެ މިހާރު އަންނަނީ ވޯޓާ ސްޕޯޓްސް ސެންޓަރެއް ހިންގަމުންނެވެ. އޭނާ އިއްޔެ ދަތުރު ކުރި ކެޓަރަމާނީ އަކީ ވެސް އެ ސެންޓަރުގައި ސްކޫލު ކުދިންނަށް ދަސްކޮށްދިނުމަށް، ދަރަވަންދޫން ގަނެގެން ގެންދިޔަ އެއްޗެކެވެ.
ގިނަ ބަޔަކު ނުވާނޭ ކަމަށް ބުނި ދަތުރު މީގެ ދެ އަހަރު ކުރިން ގައްބެ ވަނީ ކާމިޔާބުކޮށްފަ އެވެ. ރާއްޖެ ވަށައިގެން ދޮޅު މަހުން ކުރި އެ ދަތުރު އޭނާ ނިންމާލުމުން، ގައުމީ ފެންވަރުގެ ވަނަތައް ވެސް ލިބިފައި ވެ އެވެ. އަދި އޭގެ ފަހުން ބޭއްވި ބައިނަލްއަގްވާމީ ބައެއް މުބާރާތްތަކުގައި ވެސް ގައްބެ ވަނީ ރާއްޖެ ތަމްސީލުކޮށް، ރީތި ނަން ހޯދައިދީފަ އެވެ. އެކަމަކު މި ފަދަ ދަތުރެއް ކުރާކަށް ދެން އޭނާ ބޭނުމެއް ނޫނެވެ.
ގައްބެ ބުނިގޮތުގައި މިހާރު އޭނާގެ ވިސްނުން ހުރީ، މި ފަދަ މޫދުކުޅިވަރުތައް ގިނަ ބަޔަކަށް، ހާއްސަކޮށް ކުޑަކުދިންނަށް ދަސްކޮށްދިނުމަށެވެ.