ކުރީގެ މެޓަލް ބޭންޑް "މޮޓްލީ ކްރޫ" އަށް ފިލްމެއް ހަދަނީ
ކުރީގެ މެޓަލް ބޭންޑް "މޮޓްލީ ކްރޫ" އަށް ފިލްމެއް ހަދަނީ

"ބޭވޮޗް" އިން ވިދާލި ބަތަލާ ޕަމޭލާ އެންޑަސަންގެ ކުރީގެ ފިރިމީހާ ޓޮމީ ލީ އިސްކޮށް ހުރެގެން އުފެއްދި އެމެރިކާގެ ކުރީގެ މަޝްހޫރު މެޓަލް ބޭންޑް "މޮޓްލީ ކްރޫ" އަށް ބިނާކޮށް "ދަ ޑާޓް" ގެ ނަމުގައި ފިލްމެއް ހަދަން ނިންމައި، ކާސްޓުން އިއުލާންކޮށްފި އެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު އެއް ރޮކް ބޭންޑްގެ ތެރޭގައި ހިމެނުނު "މޮޓްލީ ކްރޫ" އަކީ އާންމުންގެ ފާޑުކިޔުންތައް ވެސް ވަރަށް ބޮޑަށް އަމާޒުވެ، ބޭންޑްގެ މެމްބަރުންގެ އަހުލާގީ މިންގަނޑާ ދޭތެރޭ ވެސް ގިނަ ބައެއްގެ ޝަކުވާތައް ފެންމަތިވި ބޭންޑެކެވެ.

އެ ބޭންޑްގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސްދޭ އިރު، ޓޮމީ ލީގެ ރޯލުން ފެނިގެން ދާނީ މައިކަލް ގަން ކެލީ އެވެ. ބޭންޑްގެ އެހެން މެމްބަރުން ކަމަށްވާ ނިކީ ސިކްސްގެ ރޯލް ޑަގްލަސް ބޫތު ކުޅޭ އިރު، ވިންސް ނީލްގެ ރޯލުން ފެނިގެން ދާނީ ޑެނިއަލް ވެބާ އެވެ. އަދި އެ މީހުންނާ އެކު ފިލްމްގެ ބަތަލާއެއްގެ ގޮތުގައި "ހަންގަ ގޭމްސް" ފަދަ ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާ ލެވެން ރެމްބިން، 27، ވެސް ފެނިގެން ދާނެ އެވެ.

"ދަ ޑާޓް" ގެ ވާހަކަ ބިނާ ކުރަނީ 2001 ގައި ނެރުނު މޮޓްލީ ކްރޫގެ ބައޮގްރަފީ "ދަ ޑާޓް: ކޮންފެޝަންސް އޮފް ދަ ވޯލްޑްސް މޮސްޓް ނޮޓޯރިއަސް ބޭންޑް" އަށެވެ. ޖެނުއަރީ، 17، 1981 ގައި ވުޖޫދަށް އައި ބޭންޑް ރަސްމީކޮށް ބޭންޑެއްގެ ގޮތުގައި މިއުޒިކް ކުޅުން ހުއްޓައިލީ 2015 ގައި ބޭއްވި އާ އަހަރުގެ ކޮންސަޓާ އެކުގަ އެވެ.

ބޭންޑްގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސްދެނީ ޕެރަމައުންޓް ޕިކްޗާސް އިންނެވެ.

މީގެ އަހަރުތަކެއް ކުރިން ވެސް "ދަ ޑާޓް" ސްކްރީނަށް ގެންނަން ނިންމި އެވެ. އެގޮތުން އެންމެ ފުރަތަމަ މީގެ ވާހަކަ ދެކެވުނު އިރު، ފިލްމް ޑައިރެކްޓް ކުރާ ގޮތަށް އޮތީ އާމީ އޮފް ވަން (2016) އާއި ޑިކްޓޭޓާ (2012) ގެ ޑައިރެކްޓަރު ލެރީ ޗާލްސް އެވެ.

ނަމަވެސް މި ފަހަރު "ދަ ޑާޓް" ސްކްރީނަށް ގެނެސް ދޭނީ "ޖަކާސް" ގެ ޑައިރެކްޓަރު ޖެފް ޓްރެމެއިން އެވެ. ފިލްމްގެ ސްކްރީންޕްލޭ ލިޔަނީ ރިޗް ވިލްކެސް އާއި ޓޮމް ކެޕިނޯސް އެވެ.

ފިލްމް ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާ އިރު، ފާހަގަކޮށްލެވޭ ކަމަކީ "ދަ ޑާޓް" ގެ ކޯ-ޕްރޮޑިއުސަރުންގެ ތެރޭގައި މޮޓްލީ ކްރޫގެ މެމްބަރުން ވެސް ހިމެނޭ ކަމެވެ.