އުމްޓީޓީ ޔުނައިޓެޑާ ދިމާލަށް
އުމްޓީޓީ ޔުނައިޓެޑާ ދިމާލަށް

ބާސެލޯނާ (މާޗް 10) – ބާސެލޯނާގެ ފްރާންސް ޑިފެންޑަރު ސެމުއެލް އުމްޓީޓީ ކުރިއަށް އޮތް ސީޒަނުގައި ގެނެވޭނެ ކަމުގެ އުއްމީދު މެންޗެސްޓާ ޔުނައިޓެޑަށް ބޮޑު ކަމަށް ސްޕެއިނުގެ ނޫސްތަކުން ބުނެފި އެވެ.

ބާސެލޯނާއާ އެކު އުމްޓީޓީ ހަދާފައިވާ ކޮންޓްރެކްޓް އުވާލެވޭނީ 60 މިލިއަން ޔޫރޯ އަށެވެ. މިއީ ކުޅުންތެރިންގެ އަގުތައް ހުރި ވަރަށް ބަލާއިރު ނިސްބަތުން ހެޔޮ އަގެކެވެ. މިއީ ޔުނައިޓެޑަށް ދެއްކިދާނެ އަދަދެއް ކަމަށް އެ ކްލަބުން ދެކޭ ކަމަށާއި އަދި އުމްޓީޓީ އަށް މިހާރު ބާސެލޯނާ އިން ދޭ މުސާރަ އަށް ވުރެ ބޮޑު މުސާރައެއް ދޭން ޔުނައިޓެޑް ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އުމްޓީޓީގެ ބޭބެ އަދި އޭޖެންޓް ވެސް ޔުނައިޓެޑާ ގުޅަމުން އަންނަ ކަމަށާއި އެންމެ ފަހުން ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގައި އޭނާގެ ކުޅުން ބަލަން ޔުނައިޓެޑުގެ ޗީފް އެފްޒެކެޓިވް އެޑް ވުޑްވަޑް ވަޑައިގެންނެވި ކަމަށްވެ އެވެ.

އުމްޓީޓީގެ ކޮންޓްރެކްޓް އާކުރުމަށް ވާހަކަތައް ބާސެލޯނާ އިން ފަށާފައިވާ ކަމަށްވެ އެވެ. އެކަމަކު ޔުނައިޓެޑުން ދޭން ކިޔާ ވަރުގެ މުސާރައެއް އެ ކްލަބަށް ނުދެވޭނެ ކަމަށް ވެސް ވެ އެވެ.