ބޮޑު ބާބެކިއުގައި އުލިގަމު ކޮންމެ މީހަކަށް މަހެއް
ބޮޑު ބާބެކިއުގައި އުލިގަމު ކޮންމެ މީހަކަށް މަހެއް

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަސް ނިމެން ގާތްވުމާ އެކު ހއ.އުލިގަމުގައި ތައްޔާރުވާން ފަށަނީ ހަމައެކަނި އީދު ފާހަގަކުރުމަކަށް ނޫނެވެ. އެ ރަށުގައި ކޮންމެ އަހަރަކު ވެސް ރަށުގެ އެންމެން ބައިވެރިވެގެން ބާއްވާ މަސް ފިހުމުގެ ބޮޑު އީދަށް ވެސް ތައްޔާރުވެ އެވެ. މީގެ އަހަރުތަކެއް ކުރިން ފެށިގެން ބާއްވަމުން އަންނަ މި ބާބެކިއު އަކީ ފަހަރެއްގައި މުޅި ރާއްޖޭގައި ވެސް ބާއްވާ މިފަދަ އެންމެ ބޮޑު ބާބެކިއުއަށް ވެދާނެ އެވެ.

ބޮޑު ބާބެކިއުގައި އުލިގަމު ކޮންމެ މީހަކަށް މަހެއް
ބޮޑު ބާބެކިއުގައި އުލިގަމު ކޮންމެ މީހަކަށް މަހެއް

ރާއްޖޭގެ އުތުރުން ދެ ވަނަ އަށް އޮންނަ އުލިގަމުގައި މިއަދު 519 މަސް ފިހުނެވެ. އެއީ އެ ރަށު އާބާދީގެ ކޮންމެ މީހަކަށް މަހެކެވެ. ރަށުގެ އާބާދީއަކީ 519 އެވެ.

ބޮޑު ބާބެކިއުގައި އުލިގަމު ކޮންމެ މީހަކަށް މަހެއް
ބޮޑު ބާބެކިއުގައި އުލިގަމު ކޮންމެ މީހަކަށް މަހެއް

ބޭރުގެ ޔޮޓް ފަހަރު ގިނަ އަދަދަކަށް ބަނދަރުކުރާ ރަށެއްގެ ގޮތުގައި މަޝްހޫރު އުލިގަމުގައި އެންމެން ބައިވެރިވާ މި އިޖުތިމާއީ ހަރަކާތް ފެށިގެން އަންނަނީ ރަށުގެ ދެ ޖިންސުގެ ހުރިހާ އުމުރެއްގެ މީހުން ވެސް ހިމެނޭ ގޮތަށް އެކި ގްރޫޕްތަކަށް ބަހާލުމުންނެވެ. މަސް ފިހުމަށް ބޭނުންވާ ދަރު އެއްކުރުމާއި މަސް ފިހާ ތަން ތައްޔާރުކުރުމާއި މަހާ އެކު ކާނެ އެހެން ތަކެތި ހެދުން އަދި މަސް ބޭނުމަށް ވެސް ގްރޫޕްތައް ކަނޑައަޅަ އެވެ.

ބޮޑު ބާބެކިއުގައި އުލިގަމު ކޮންމެ މީހަކަށް މަހެއް
ބޮޑު ބާބެކިއުގައި އުލިގަމު ކޮންމެ މީހަކަށް މަހެއް

މިއަދު ފަތިސް ނަމާދަށް ފަހު ދޯނިތައް މަހަށް ފުރުމާ އެކު ރަށުގައި ތިބި މީހުން ދިޔައީ މަސް ފިހުމަށް މިރުސްގަނޑު ތައްޔާރުކުރުމާއި މަސް ފިހާނެ ތަން ތައްޔާރުކުރުން ފަދަ މަސައްކަތްތައް ކުރަމުންނެވެ. ރަށުގެ އަތިރިމަތީގައި ދިގު އަށިތަކެއް ހަދައި އެތަނުގައި އަލިފާން އަންދައި މަސްތައް ފެށޭ ވަރު ވީ އިރު އޮއްސުނު ފަހުންނެވެ. އެކަމަކު މުޅި މި ހަރަކާތުގެ ތައްޔާރީތައް އޮންނަނީ މާ ކުރިން ވެސް ފެށިފަ އެވެ. ރަށުން ބޭރުގައި އުޅޭ އެ ރަށުގެ އެތައް ބަޔަކު ވެސް މި އެއްވުމުގައި ބައިވެރިވާން މި ދުވަސްވަރަށް ރަށަށްދެ އެވެ.

ބޮޑު ބާބެކިއުގައި އުލިގަމު ކޮންމެ މީހަކަށް މަހެއް
ބޮޑު ބާބެކިއުގައި އުލިގަމު ކޮންމެ މީހަކަށް މަހެއް

އުލިގަމުން ވާހަކަ ދެއްކި މީހަކު ބުނީ މިފަހަރު 519 މަސް ފިހުނު އިރު މިއީ ކުރީ އަހަރު ފިހުނު ވަރަށް ވުރެ މަދު އަދަދެއް ކަމަށެވެ. މިދިޔަ އަހަރު ވަނީ 600 އަށް ވުރެ ގިނަ މަސް ފިހެފަ އެވެ. އޭނާ ބުނީ މަސް ފިހުން މިފަހަރު ބާއްވަން އޮތީ އިއްޔެ ކަމަށާއި އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރަން ޖެހުނީ ކަމަށެވެ.

"މިއީ ރެކޯޑް ހަދަން ކުރާ ކަމެއް ނޫން. އިސްރާފު ނުވާ ވަރު ބަލައިގެން މަސް ފިހަނީ. މަހާ އެކު އެހެން އެއްޗެހި ވެސް ކާނެ. އެހެންވެ ކޮންމެ ފަހަރަކު ކުރީ އަހަރުގެ ރެކޯޑް ގާއިމުކުރުމަށް ވުރެ ބޮޑަށް މި ބަލަނީ އެންމެންނަށް ކެވޭ ވަރަށް މަސް ފިހަން،" މަސް ފިހުމުގެ ހަރަކާތުގައި ބައިވެރިވި މީހަކު ބުންޏެވެ.

ފަޅު ބޮޑު އަދި ފަރުމަސްވެރިކަން ރަނގަޅު ހިސާބެއްގައި އޮންނަ އެ ރަށުގައި ބާއްވާ މި ބާބެކިއުއަށް ބޭނުންވާ މަސް ބާނައިގެން މިއަދު މެންދުރު ދޯނިތައް ލެފި އެވެ. އެކި ސައިޒުގެ އެކި ވައްތަރުގެ މަސް ބާނާފައި ހުއްޓެވެ. މަސް ކަނޑައި ޅިޔަ ޖަހައި މިރުސް އަޅާއިރު ކުޑަކުދިން އަދި ބަލި މީހުންނަށް ކެވޭ ގޮތަށް ކުޅި މަޑުކޮށް ވެސް ބައެއް މަސްތައް ފިހެ މި ބޮޑު ނާސްތާގެ އުފާ އެންމެންނަށް ވެސް ލިބޭނެ ގޮތް ހަދަ އެވެ.

އިޖުތިމާއީ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމަށް ބާއްވާ މި ހަރަކާތުގައި ބައިވެރިވާން ކައިރި ރަށްރަށުން ވެސް މީހުން އާދެ އެވެ. ބައިވެރިވުމުގެ ފުރުސަތު އެންމެންނަށް އޮންނަނީ ހުޅުވާލައިފަ އެވެ. "ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއު"ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ މި ހަރަކާތަށް ރަށުން ބޭރުން މިފަހަރު އައި މީހުން ގިނަ އެވެ.