10 މާޗް 2018 - 08:44

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ވާދަވެރި މެޗަކަށް ނުކުންނައިރު، މިއީ އިންގްލެންޑުގެ އެންމެ ބޮޑު މެޗެވެ. ސަަބަބަކީ މި ދެ ޓީމަކީ އިނގިރޭސި އެންމެ ކާމިޔާބު ދެ ކްލަބަށްވާތީ އެވެ. މި ފަހަރުގެ މެޗު ހާއްސަވަނީ މި މެޗުން މޮޅުވާ ޓީމަކަށް ލީގުގެ ދެ ވަނައިގައި އޮވެ ނިންމާލުމުގެ ފުރުސަތު ބޮޑުވާތީ އެވެ.

ދެ ޓީމު ވެސް 29 މެޗު ކުޅެފައިވާއިރު، ޔުނައިޓެޑް ދެ ވަނައިގައި އޮތީ 62 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 60 ޕޮއިންޓެވެ.
މިއީ މި ދެ ޓީމު ބައްދަލުކުރާ 170 ވަނަ މެޗެވެ. ޔުނައިޓެޑް ވަނީ 67 މެޗުން މޮޅުވެފަ އެވެ. ލިވަޕޫލް ވަނީ 55 މެޗު ކާމިޔާބު ކޮށްފަ އެވެ. އަނެއް 48 މެޗު އެއްވަރުވެގެން ނިމުނުއިރު، މި ދެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.
ލިވަޕޫލްގެ ކޯޗުކަމާ ޔާގަން ކްލޮޕް ހަވާލުވިފަހުން ޕްރިމިއާ ލީގުގެ ގަދަ ހަޔެއްގެ ޓީމުތަކުން ކުޅުނު މެޗުތަކުގައި އެންމެ ނަތީޖާ ރަނގަޅީ ލިވަޕޫލްގެ އެވެ. އެހެން ނަމަވެސް މި ސީޒަނުގައި ރަށުން ބޭރުގައި ފަރަގު ބޮޑުކޮށް މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވެފައިވުމަކީ މި މެޗަށް ނުކުންނައިރު ކްލޮޕް ވިސްނަން ޖެހޭ ކަމެކެވެ.
މެޗުގެ ކުރިން ކްލޮޕް ބުނީ މިއީ އިނގިރޭސި ފުޓްބޯޅައިގެ ބޮޑު މެޗު ކަމަށެވެ.
"މިއީ އަހަރެންގެ ނަޒަރުގައި އިނގިރޭސި ފުޓްބޯޅައިގެ އެންމެ ބޮޑު މެޗު. ދުނިޔޭގެ ވަރުގަދަ ދެ ކްލަބުގެ ކުރިމަތިލުމެއް މިއީ. އަހަރެންގެ ނަޒަރުގައި މިއީ ދެ ވަނަ އަށް އަރަން އޮތް ވާދަވެރިކަމަށް ވުރެ ތާރީހީ މެޗެއް،" ކްލޮޕް ބުންޏެވެ.
މިކަމާ ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އޭނާގެ ނަޒަރުގައި ކޮންމެ މެޗެއް ވެސް މުހިއްމު ކަމަށާއި ބޮޑެތި ވާދަވެރިކަމެއް ފުޓްބޯޅައިގައި އޮންނަ ކަމަށް އޭނާ ނުދެކޭ ކަމަށެވެ.
"އަހަރެން ކުރިން ކޯޗުކޮށްދިން ޓީމުތަކުގައި ހުރިއިރު މާ ބޮޑެތި ވާދަވެރިކަމެއް ލައިގެން ނޫޅެން. މިސާލަކަށް އެތުލެޓިކޯ، މިލާން، ޓޮޓެންހަމް އަދި އާސެނަލަކީ އަހަރެން ހަވާލުވި ޓީމުތަކުގެ ބޮޑެތި ވާދަވެރިކަން އޮންނަ ޓީމުތައް އެކަމަކު އަހަރެން އެ މެޗުތަކަށް ވެސް ޓީމުތައް ނެރުނީ އެހެން މެޗުތަކެކޭ އެއްގޮތަށް މޮޅަކަށް ވިސްނައިގެން،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑުން ބޮޑެތި މެޗުތަކުގައި ކުޅޭ ކުޅުމަށް ފުޓްބޯޅައިގައި އުޅޭ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެ އެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ޔުނައިޓެޑުން ބޮޑެތި މެޗުތަކުގައި ކުޅެނީ ޑިފެންސިވް ކުޅުމެކެވެ. ފުޓްބޯޅައިގެ ފަހުގެ ނަމުން ނަމަ "ޕާކް ދަ ބަސް" ސިސްޓަމަށެވެ.
ކްލޮޕް ބުނީ ފުޓްބޯޅައިގައި އޭނާ އަށް "ޕާކް ދަ ބަސް" އަކީ ވަރަށް އާ ވާހަކައެއް ކަމަށެވެ.
"ވަރަށް ގިނަ ބަޔަކު ޕާކް ދަ ބަސް އޭ ބުނޭ. އަހަރެންގެ ނަޒަރުގައި ޓެކްޓިކްސް އެކި ގޮތަށް އޮވޭ. ޑިފެންސް ކުރުމަކީ މުޅި ޓީމު ކުރާ ކަމެއް ގޮތުގައި އަހަރެން ގަބޫލުކުރަން. މިސާލަކަށް ޔުނައިޓެޑާ ދެކޮޅަށް އަހަރެމެން ވެސް ހުރިހާ ކުޅުންތެރިން ލައްވައި ޑިފެންސް ކުރަން ޖެހޭ ވަގުތެއް އައިސްފާނެ. އެ ވަގުތެއްގައި ބުނާނީ ކީކޭ،" ކްލޮޕް ބުންޏެވެ.
މޮރީނިއޯ ބުނީ ޔުނައިޓެޑުން ބޮޑު މެޗުތަކުގައި ކުޅޭ ސިސްޓަމަށް ފާޑުކިޔަނީ ހަމައެއް ބެލުމެއް ނެތި ކަމަށެވެ.
"ކޮންމެ މީހަކު ވިސްނާ ގޮތަކަށް ނޫން ޕްރޮފެޝަނަލުން ވިސްނާނީ. ކޮންމެ މީހެއްގެ ވެސް ވިސްނުމެއް އޮންނާނެ. އަހަރެން ކުޅުންތެރިން ގޮވައިގެން ކޮންމެ މެޗަކަށް ނުކުންނަނީ މޮޅުވާން. ބައެއް މީހުން މި ވާހަކަ ދައްކާ އެ މީހުންނަށް ކޯޗިންގައި މި ހާލަތުގައި ގޮތް ހުސްވެފައި ހުރީމަ ވެސް،" ފާޑުކިޔުންތަކަށް ރައްދުދެމުން މޮރީނިއޯ ބުންޏެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ލިވަޕޫލް ކުޅުނު 20 މެޗުގެ ތެރެއިން އެ ޓީމު ބަލިވީ އެންމެ މެޗަކުންނެވެ. މިއަދުގެ މެޗު ޔުނައިޓެޑް ދަނޑުގައި ކުޅޭއިރު، އެ ޓީމުން މި ސީޒަނުގައި އަމިއްލަ ދަނޑުގައި ބަލިވީ މެންޗެސްޓާ ސިޓީ އަތުން އެކަންޏެވެ.
ކޯޗިން ކެރިއަރުގައި މޮރީނިއޯ އަށް ކްލޮޕާ ވާދަކޮށް އަށް މެޗުން ހޯދުނީ އެންމެ މޮޅެކެވެ. ކްލޮޕް ވަނީ މޮރީނިއޯ ކޯޗުކޮށްދިން ޓީމުތަށް އަތުން ތިން މޮޅު ހޯދައިފަ އެވެ. އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މި މެޗުން ދެ ޓީމުގެ އެޓޭކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނީ ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ އާއި ލިވަޕޫލްގެ މުހައްމަދު ސަލާހު އެވެ. ލުކާކޫ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރިއިރު، އޭނާ ވަނީ ދާދި ފަހުން ޗެލްސީ ކޮޅަށް ލަނޑު ޖަހައި ފުރަތަމަ ފަހަރަށް ގަދަ ހަޔެއްގައި އޮތް ޓީމެއް ކޮޅަށް ގޯލު ޖަހައިފަ އެވެ. ގަދަ ހަޔެއްގައި އޮތް ޓީމުތަކުގެ ތެރެއިން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހަށް ލަނޑެއް ނުޖެހި އޮތީ ހަމައެކަނި ޔުނައިޓެޑް ކޮޅަށެވެ.
އިނގިރޭސި ފުޓްބޯޅައިގެ އެންމެ ވަރުގަދަ ހަތަރު ތަޖުރިބާކާރުން ވަނީ މި މެޗު ނިމެނީ އެއްވަރުވެގެން ކަމަށް ބުނެފަ އެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 17:30 ގަ އެވެ.