09 މާޗް 2018 - 17:13

ކ. ބޮލިފުށި ކައިރިއަށް ޓަގެއް ބަންޑުން ޖަހާލައި، މީހަކަށް އަނިޔާވެގެން މިއަދު މާލެ ގެނެސްފި އެވެ.
އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލީ "ލިއޯ ކޮމާންޑާ" ކިޔާ ޓަގެއް ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވީ ބާޖެއް ކަފު ޖަހައިގެން އުޅުމުގެ ތެރޭގައި، ބޮލިފުށި ކައިރީގައި ހިއްކަމުން ދިޔަ ސަރަހައްދުގެ ފަސްގަނޑުގައި ޖެހިގެން ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބުނީ 3:00 ހާއިރެވެ.
އެ ހާދިސާ ހިނގިއިރު އެ ޓަގުގައި ހަތް މީހަކު ތިއްބެވެ. އެއީ ތިން ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. އޭގެ ތެރެއިން ބިދޭސީއަކަށް އަނިޔާވެގެން މާލެ ގެނައިއިރު، ދެން ތިބި ހަ މީހުން ވަނީ އެ ހާދިސާ ހިނގުމުން އެތަނުގެ ކައިރީގައި އޮތް ފަސްގަނޑަށް އަރައިފަ އެވެ.
އެ ސަރަހައްދުގައި ކޯސްޓްގާޑުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.