އީރާނުން ކަންތައް ކުރަންވީ ގޮތް ނޭންގޭނެ: ޚާމަނާއީ
އީރާނުން ކަންތައް ކުރަންވީ ގޮތް ނޭންގޭނެ: ޚާމަނާއީ

ތެހެރާން (މާޗް 9) - އީރާނުން މެދުއިރުމަތީގައި ކަންތައް ކުރަން ޖެހޭ ގޮތުގެ ހުއްދަ ހުޅަނގުން ނުވަތަ އެމެރިކާ އިން ނުހޯދާނެ ކަމަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

" މެދުއިރުމަތީގައި އީރާނުން ކަންކުރަން ޖެހޭ ގޮތެއް ޔޫރަޕުގެ ގައުމުތަކުން ނޭންގޭނެ. މިއީ އަޅުގަނޑުމެންގެ ސަރަހައްދު. ޔޫރަޕަކާ ބެހޭ ކަމެއް ނޫން،" ޚާމަނައީގެ ވެބްސައިޓުގައި ވިދާޅުވެފައިވެ އެވެ.

އީރާނުގެ ބޮޑެތި މައްސަލަތަކުގައި ފަހު ބަސް ވިދާޅުވާ ޚާމަނާއީ ވިދާޅުވީ މެދުއިރުމަތީގައި އީރާނުން ކަންތައް ކުރާނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނީ އެ ސަރަހައްދުގައި ހިމެނޭ ގައުމުތަކާ އެކަނި ކަމަށެވެ.

"އެމެރިކާގައި އީރާނުން ހަރަކާތްތެރިވާ ނަމަ އެ ގައުމުގެ ހުއްދަ އަށް އެދޭނަން. އެކަމަކު މެދުއިރުމަތީގައި އީރާނުން ކުރާ ކަންކަމުގެ ހުއްދަ އެމެރިކާގެ ކިބައިން ހޯދާކަށް ނުޖެހޭނެ،" ޚާމަނާއީ ވިދާޅުވި އެވެ.