09 މާޗް 2018 - 12:22

ކޮލަމްބޯ (މާޗް 9) - ސްރީ ލަންކާގައި މުސްލިމުންނާ ދެކޮޅަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު މީހުން އަތުލައިގެންފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޑެންޓް ރުވާން ގުނަސެކަރާ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ކެންޑީ ސަރަހައްދުގައި ހަމަނުޖެހުން އުފެއްދުމުގައި އިސްކޮށް އުޅުނު އިތުރު 10 މީހުން ވެސް ވަނީ ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިވިޝަން (ޓީއައިޑީ) އިން އަތުލައިގެންފައި ކަމަށެވެ. މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގުމުގައި އެންމެ އިސްކޮށް ހުރީ ވިދަނާ ޕަތަރަނަގަ އަމިތު ޖީވަން ވީރަސިންހަ ކިޔާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާގެ ދަށުން ހަމަނުޖެހުންތަކަށް ދެން އެންމެ ބޮޑަށް ހިތްވަރު ދިން ނަސްނަރަމް ޕައްތިޔާގެ ސުރެދާ ސުވަރަވީރާ ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާން ވިދާޅުވި އެވެ.
ކެންޑީ ހިމެނޭ ސަރަހައްދުތަކުގައި ހަމަނުޖެހުންތައް އުފެދުނީ ބުޑިސްޓުންގެ ފައްދުހަނަޅާފާއިވާ ގްރޫޕްތަކުން މުސްލިމުންގެ ގެދޮރަށާއި ފިހާރަތަކާއި މިސްކިތްތަކަށް ހަމަލާ ދޭން ފެށުމުންނެވެ. ރައްދުގައި މުސްލިމުން ދިން ހަމަލާތަކެއްގައި ބުޑިސްޓަކު މަރުވެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ފުލުހުން ބުނީ ބުޑިސްޓުންނާއި މުސްލިމުންގެ ހަމަނުޖެހުންތަކުގައި 45 ހަމަލާ ދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ހުރިހާ ހާދިސާއެއް ވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
ލަންކާގައި ހަމަނުޖެހުންތައް ބޮޑުވުމުން އެ ގައުމުގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު 10 ދުވަހަށް އިއުލާންކޮށްފަ އެވެ.