ޓުޗެލް އަށް ބަޔާނަށް ކޯޗުކޮށްދެވޭނެ: ހެއިންކެސް
ޓުޗެލް އަށް ބަޔާނަށް ކޯޗުކޮށްދެވޭނެ: ހެއިންކެސް

މިއުނިކް (މާޗް 9) - ބަޔާން މިއުނިކަށް ކޯޗުކޮށްދެވޭ ފެންވަރު ބޮރޫޝިއާ ޑޯޓްމަންޑުގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލްގެ ކިބައިގައި އެބަހުރި ކަމަށް ބަޔާނުގެ ކޯޗު ޔުޕް ހެއިންކެސް ބުނެފި އެވެ.

ހެއިންކެސް މިހެން ބުނީ މި ސީޒަނަށް ފަހު އޭނާ މަގާމުން ވަކިވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވި ބަޔާނުން ދެން ގެންނާނެ ކޯޗަކާ މެދު ވާހަކަ ދެކެވެމުން އަންނަނިކޮށެވެ. ކޯޗިން އިން ރިޓަޔާކޮށްގެން ހުރި ހެއިންކެސް މި ސީޒަނުގެ ވަކި ހިސާބަކުން އެ ޓީމާ އަލުން ހަވާލުވީ ކާލޯ އަންޗެލޮޓީ ވަކިކުރުމުންނެވެ. އޭނާ ވަނީ އެ ޓީމު އަލުން ހަމަޔަކަށް އަޅުވައިފަ އެވެ. އެކަމަކު އުމުރުން 72 އަހަރުގެ ހެއިންކެސް މި ސީޒަނަށް ފަހު މަޑުކުރާނެ ކަމަށް ނުބެލެވެ އެވެ.

"ބަޔާނަށް ކޯޗުކޮށްދޭ ފެންވަރު ތޯމަސް ޓުޗެލްގެ ކިބައިގައި އެބަހުރި. އަހަރެން ތޯމަސް ޓުޗެލް ރޭޓްކުރަން. އޭނާގެ ބެލުމުގެ ދަށުން ބޮރޫޝިއާ ޑޯޓްމަންޑުން މޮޅު ފުޓްބޯޅައެއް ކުޅުނު ރަނގަޅު ސިސްޓަމާ އެކު،" ހެއިންކެސް ބުންޏެވެ. "މި ޒަމާނުގެ މޮޑަން ފުޓްބޯޅައިގެ ހުރިހާ ސިފައެއް ފެންނަން ހުރި."

ހެއިންކެސް ބުނީ ޒުވާން ކޯޗުންނަށް ގޯސް ވެސް ހެދޭނެ ކަމަށާއި ޓުޗެލް ދިޔަ ފަހުން ބޮރޫޝިއާ ޑޯޓްމަންޑުން އެ މޮޅު ފުޓްބޯޅަ ނުކުޅޭ ކަމަށާއި ވިސްނަން ޖެހޭ ކަމަކީ އެއީ ކަމަށެވެ.

ބޮރޫޝިއާ ޑޯޓްމަންޑަށް 2016/2017 ގެ ޖަރުމަން ކަޕް ކާމިޔާބުކޮށްދިން ޓުޗެލް އަށް މަގާމް ގެއްލުނީ ރިޕޯޓްތައް ބުނާ ގޮތުގައި މެނޭޖްމަންޓާ އުފެދުނު މައްސަލައެއްގަ އެވެ. އޭނާ ގެންދަން އިންގްލެންޑުގެ އާސެނަލުން ވެސް ބޭނުންވާ ކަމަށްވެ އެވެ. އެކަމަކު ބަޔާނުން ފުރުސަތު ލިބިއްޖެ ނަމަ އޭނާ އިސްކަންދޭނީ އެ ޓީމަށް ކަމަށް ބެލެވެ އެވެ.