09 މާޗް 2018 - 10:20

އިންސާނުންނަކީ އެކަކު އަނެކަކާ އެތައް ހައިސިއްޔަތަކުން ގުޅިފައިވާ މަޚްލޫޤުތަކެކެވެ. އިންސާނީ ހައިސިއްޔަތުންނާއި ގައުމީ ނުވަތަ ވަތަނީ ހައިސިއްޔަތުންނާއި އަވައްޓެރިކަމުގެ ހައިސިއްޔަތުންނާއި ތަފާތު ޖަމާއަތްތަކުގެ ހައިސިއްޔަތުންނާއި ދީނީ ހައިސިއްޔަތުންނާއި އާއިލީ ހައިސިއްޔަތުން އިންސާނުން އެކަކު އަނެކަކާ ގުޅިފައި ވެއެވެ.
އިސްލާމީ ނަޒަރުން ބަލާއިރު މި ދެންނެވި ހުރިހާ ގުޅުންތަކަކީ ވެސް، އޭގެ ދަރަޖައިގެ ގޮތުން ތަފާތު ތަކެއް ހުރި ނަމަވެސް، ވަރަށް މުހިންމު ގުޅުންތަކެކެވެ. މިގޮތުން އެންމެ ފުރަތަމަ، ހުރިހާ އިންސާނުން އެ ގުޅުމެއްގައި ބައިވެރިވާ އިންސާނީ ހައިސިއްޔަތުން އޮންނަ ގުޅުމަށް ބަލާއިރު ކީރިތި ޤުރުއާނުގައި "އޭ މީސްތަކުންނޭ" މިފަދައިން އެތައް އާޔަތެއްގައި މުޚާޠަބު ކުރެއެވެ. އަދި "އައްނާސް" އެބަހީ މީސްތަކުން، މިލަފުޒު ދުއިސައްތަ ފަހަރަށް ވުރެ ގިނައިން ވާރިދުވެފައި ވެއެވެ.
ދެވަނަ އަށް، މީސްތަކުންކުރެ ވަކި ބަޔަކު އުޅޭ ތަނުގެ ގޮތުންނާއި ވާހަކަދައްކާ ބަހުގެ ގޮތުންނާއި އެންމެން ބައިވެރިވާ އެތައް ބަހާތަކެއް ހިމެނޭ މަސްލަހަތުތަކެއް އޮންނަ ގައުމިއްޔަވަންތަ ގުޅުމަށް ބަލާއިރު، "ގައުމު" މިބަހާއި މިބަހުން އުފެދިފައިވާ ބަސްތައް ކީރިތި ޤުރުއާނުގައި 340 ފަހަރަށްވުރެ ގިނައިން އައިސްފައި ވެއެވެ. ތިންވަނަ އަށް، ތިމާގެ ގޭގެ ވަށައިގެން ނުވަތަ އަވަށުގައި ނުވަރަ ރަށުގައި އުޅޭ އަވަށްޓެރިކަމުގެ ގުޅުމަށް ބަލާއިރު އަވަށްޓެރިންނަށް ކަމޭހިތުމަށް އިސްލާމް ދީން ބާރު އަޅަނީ އެމީހުންނަކީ ވާރުތަވެރިން ފަދަ ބައެއްހާ ގާތް ދަރަޖަ އަކަށެވެ.
ހަތަރުވަނަ އަށް، ވަކި މަސްލަހަތުތަކަކަށްޓަކައި މަސައްކަތް ކުރާ ޖަމާއަތަކަށް ނިސްބަތްވުމުން އުފެދޭ ޖަމާޢީ ގުޅުމަށް ބަލާއިރު އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ ކަންތައް ކުރުމުގައި ވާގިވެރި އެހީތެރިވާން އިސްލާމް ދީން ބާރުއަޅައެވެ. ފަސްވަނަ އަށް، ގަބޫލުކުރާ އަގީދާ ނުވަތަ ދިރިއުޅުމުގައި އިޚުތިޔާރު ކުރާ މަގުގެ މައްޗަށް ބިނާވެފައިވާ ދީނީ ގުޅުމަށް ބަލާއިރު، ތަފާތު ދީންތައް ދުނިޔޭގައި ވިއަސް ﷲ ގެ ހަޟްރަތުގައި ގަބޫލު ވެވިގެންވަނީ އިސްލާމް ދީނެވެ.
މިގޮތުން ޝަހާދަތުގެ ދެކަލިމަ ހިތުން ތެދުކޮށް ދުލުން ކިޔައިފި ކޮންމެ މީހަކީ އެފަދަ އަނެއް މީހަކާ އިސްލާމްވަންތަ ކަމުގެ ގުޅުން އޮންނާނެ މީހެކެވެ. ކޮންމެ ތަނެއްގައި އުޅުނަސް އަދި ކޮންމެ ބަހަކުން ވާހަކަދެއްކި ނަމަވެސް މެއެވެ. އެހެންކަމުން މުސްލިމަކަށް ބަލާއިރު އެހެން ހުރިހާ ގުޅުންތަކަށްވުރެ މިގުޅުން ވަރުގަދަ އެވެ.
މިގުޅުން ބިނާވެފައިވަނީ މާތްﷲ އާއި އެކަލާނގެ ރަސޫލާ ދެކެ ލޯބި ވުމުގެ މައްޗަށެވެ. އަދި މިލޯބި އެހެން ހުރިހާ ބައެއްގެ މައްޗަށް އޮންނަ ލޯތްބަށް ވުރެ ވަރުގަދަވާން ޖެހެއެވެ. މިކަން އައްތައުބާ ސޫރަތުގެ 24 ވަނަ އާޔަތުން އެނގެއެވެ. ވީމާ މުސްލިމުން އެންމެ އިސްކަން ދޭން ޖެހޭ ގުޅުމަކަށް އޮންނާނީ އިސްލާމްވަންތަ ކަމުގެ ގުޅުމެވެ. އެހެން ހުރިހާ ގުޅުންތަކެއް ދެމެހެއްޓޭނީ މިގުޅުމަށް އެއްވެސް ކަހަލަ އުނިކަމެއް ނުލިބޭނެ ގޮތުގަ އެވެ.
ހަވަނަ އަށް، އިންސާނެއްގެ ހަޔާތުގައި އެގުޅުމުގެ މައްޗަށް ވަރަށް ގިނަކަންތައްތައް ތަރުތީބު ވެފައިވާ ގުޅުމެއް ކަމުގައިވާ އާއިލީވަންތަ ގުޅުމަށް ބަލާއިރު މި ގުޅުން އިންތިޒާމު ކުރުމަށްޓަކައި އިސްލާމްދީނުގައި ވަރަށް ގިނަ ހުކުމްތަކެއް އައިސްފައިވެއެވެ. އަނބިންނާ ފިރިންނާ ދެމެދު އޮންނަ ގުޅުންތަކާއި، މައިންބަފައިންނާ ދަރިންނާ ދެމެދު އޮންނަ ގުޅުންތަކާއި، އަޚުންއުޚުތުންނާ ދެމެދު އޮންނަ ގުޅުންތަކާއި، ގާތްތިމާގެ އެހެން މީހުންނާ ދެމެދު އޮންނަ ގުޅުންތަކުގައި އެކުލެވޭ އެންމެހާ ހައްގުތަކާއި ވާޖިބުތައް އިސްލާމް ދީނުގައި ބަޔާން ކުރައްވާފައި ވެއެވެ.
އަދި މި ގުޅުންތައް ދެމެހެއްޓުމަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދީފައި ވެއެވެ. މިގޮތުން މިގުޅުމާއި، އިސްލާމީވަންތަ ކަމުގެ ގުޅުމަށް އިސްލާމް ދީނުގައި ވަކިން ބޮޑަށް އިސްކަން ދިން ކަމުގައިވިއަސް ދެންހުރި އެހެން ގުޅުންތަކަކީ ވެސް ހަމަ ދަމަހައްޓަން ޖެހޭ މުހިންމު ގުޅުންތަކެކެވެ. މިގޮތުން ގައުމިއްޔަވަންތަ ގުޅުމަކީ ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ގުޅުމެކެވެ.
އިސްލާމީ ނަޒަރުން ބަލާއިރު ގައުމިއްޔަވަންތަ ގުޅުން ދަމަހައްޓައި ގައުމުދެކެ ލޯބިވުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. ގައުމުދެކެ ލޯބި ނުވާނަމަ ގައުމުގެ ރުކުންތައް ގެއްލިދެއެވެ. ގައުމެއްގެ ރުކުންތަކަކީ އެގައުމެއްގައި ދިރިއުޅޭ ބަޔަކު ބައިވެރިވާ ބަހާ ތަކެވެ. މިސާލަކަށް އެބަޔަކު ވާހަކަދައްކާ ބަހާއި، އެބައެއްގެ ދީނާއި، އެބައެއްގެ އާދަކާދަތައް ފަދަ ކަންތަކެވެ. މިފަދަ ރުކުންތައް އެއް ގައުމެއްގައި ތަފާތު ނުވާނަމަ އަދި ވަކިން ބޮޑަށް އެތަނެއްގައި އެކަންތައް ދެމެހެއްޓުމަށް މަސައްކަތްކުރުން ލާޒިމުވާނެ އެވެ.
އިސްލާމީ ގައުމުތަކުގެ އަހުލުވެރިން ދެ ވަތަނިއްޔަތެއް ހިމާޔަތް ކުރަން ޖެހެއެވެ. އެއީ މަހައްލީ ނުވަތަ ލޯކަލް ވަތަނިއްޔަތާއި އިސްލާމީ ވަތަނިއްޔަތެވެ. މި ދެ ވަތަނިއްޔަތު ހިމާޔަތް ނުކުރެވިއްޖެ ނަމަ ދިމާވެދާނެ މުސީބާތްތައް ތާރީޚުގެ ތެރެއަށް ކުޑަކޮށްވެސް ނަޒަރު ހިންގާލައިފި ނަމަ ފެނިގެންދާނެ އެވެ. އެކަންކަން މެދުވެރިވެފައި ވަނީ ވަތަނީ އަދި ދީނީ ލޯބި ނެތުމުގެ ސަބަބުންނެވެ. މިގޮތުން ބަހަށާއި ސަގާފަތަށާއި ދީނަށް އޮންނަ ލޯބި ގެއްލެއެވެ.
ނަތީޖާއަކީ ކޮންމެ މީހަކު ކޮންމެ ކަމެއް އެ ރުކުންތަކުގެ ހައްގުތަކަށް އަރައިގަނެ ކުރިއަސް ތިމާއަށް އެކަންކަން އެއްވެސް ކަމަކަށް ނުވުމެވެ. އަދި ގައުމަށްޓަކައި އެއްވެސް ޣީރަތްތެރިކަމެއް ނެތުމެވެ. އެގައުމުގެ އެންމެންގެ މެދުގައި އޮންނަންޖެހޭ ވަހުދަތަށް އެއްވެސް ބުރަދަނެއް ނުދިނުމެވެ.
ދިވެހިންނަކީ މުސްލިމުންނަށް ވީ ހިނދު އިސްލާމީ އުންމަތުގެ އަސާސީ ސިފަތަކަށް ރައްކާތެރިވުމަކީ ގައުމީ ލޯބި އޮވެގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. މިދެންނެވި އަސާސީ ސިފަތަކުގެ ތެރެއިން އެއް ސިފައަކީ ވަހުދަތެވެ. އާދެ، އެކައްޗަކަށް ވުމެވެ. ނުވަތަ އެއްބައިވަންތަ ވުމެވެ. މިގޮތުން އެންމެ ފުރަތަމަ އިސްލާމީ އުންމަތަކީ އެއް އުންމަތެކެވެ. ތަފާތު ފަންތިތަކާއި ތަފާތު ގަބީލާތަކާއި ތަފާތު ކުލަތަކުން އެ އުންމަތް އެކުލެވިގެންވީ ނަމަވެސް އެއީ އެއް އުންމަތެކެވެ.
އެހެނީ އިސްލާމްދީނުގެ ސަބަބުން އެ އެންމެން އެއް ތައްގަނޑަކަށް އެޅި އެންމެހާ ތަފާތުތައް ވަނީ ނައްތާލެވިފައެވެ. އަދި ވަކިވުމެއް ނުވާނެފަދައިން ވަރުގަދަ ބަނދެވުމަކުން އެބައިމީހުން ވަނީ ބަނދެވިގެންނެވެ. (އަލްއަންބިޔާއު 92، އަލްމުއުމިނޫން 52)
މި އުންމަތް އެއް އުންމަތަކަށް ވަނީ މި އުންމަތުގެ އަގީދާއާއި ޝަރީއަތް އެކައްޗަކަށް ވާތީއެވެ. މި އުންމަތުގެ އަމާޒު އެކައްޗަކަށް ވާތީއެވެ. މި އުންމަތުގެ ދިރިއުޅުމުގެ މަންހަޖު އެކައްޗަކަށް ވާތީއެވެ. އެހެންކަމުން ތަފާތު އެކިއެކި މަގުމަގުން ނުގޮސް މާތްﷲ ގެ ސީދާ މަގުން (ޞިރާޠުލް މުސްތަޤީމް އިން) ހިނގުމަށް އެކަލާނގެ އަންގަވާފައިވެއެވެ. (އަލްއަންޢާމް 153).
އިސްލާމީ އުންމަތަށް ތަބާވާ މީހުންގެ ކަލާނގެއަކީ އެއް ކަލާނގެ އެކެވެ. މާތްﷲ އެވެ. ނަބިއްޔަކީ އެއް ނަބިއްޔެކެވެ. މުޙައްމަދު، ޞައްލަﷲ ޢަލައިހި ވަސައްލަމް، ގެފާނެވެ. ދުސްތޫރަކީ އެއް ދުސްތޫރެކެވެ. ކީރިތި ޤުރުއާނެވެ. ގިބުލައަކީ އެއް ގިބުލައެކެވެ. ކަޢުބަތުﷲ އެވެ. ޝަރީއަތަކީ އެއް ޝަރީއަތެކެވެ. އިސްލާމީ ޝަރީއަތެވެ. ވަތަނަކީ އެއް ވަތަނެކެވެ. ދާރުލް އިސްލާމް އެވެ. ވެރިކަމަކީ އެއް ވެރިކަމެކެވެ. މިވެރިކަން ތަމްސީލު ކުރަނީ މުސްލިމުންގެ ޚަލީފާއެވެ. ނުވަތަ އަމީރެވެ.
އެހެންކަމުން މުސްލިމުންގެ ތަފާތު ގައުމުތަކެއް އޮތަސް މިއީ ތަފާތު އުންމަތްތަކެއް ނޫނެވެ. އެއް އުންމަތެކެވެ. ތަފާތު ރައްޔިތުންތަކެއް އެކުލެވޭ ތަފާތު ގައުމުތަކެއްގެ އެއް އުންމަތެކެވެ. މި އުންމަތް ރޫޅި ވަކިވަކި ވެގެންނުވާނެ އެވެ. މާތްﷲގެ މަގުގައި އެންމެން ހިފަހައްޓަން ޖެހޭނެ އެވެ. މިކަން އާލްޢިމްރާނު ސޫރަތުގެ 103 ވަނަ އާޔަތާއި އެސޫރަތުގެ 105 ވަނަ އާޔަތުން ވަރަށް ސަރީހަކޮށް އެނގެއެވެ.
ނަމަވެސް ހަނދާންކޮށްލަން ޖެހޭ ނުކުތާއަކީ އިސްލާމީ އުންމަތަކީ އެއް އުންމަތެއް ކަމުގައި ވިއަސް އެ އުންމަތަކީ ތަފާތު ރައްޔިތުން ތަކަކުން އުފެދިފައިވާ އުންމަތެއް ކަމެވެ. އެހެންކަމުން ކޮންމެ ބަޔަކަށްވެސް އެބަޔަކަށް އޮންނަ ޚާއްޞަ ކަންތައްތައް އިސްލާމްދީން ނަފީ ނުކުރެއެވެ. ކޮންމެ ބަޔަކަށްވެސް އެބަޔަކު އެކަންކަމެއްގެ މައްޗަށް ފަޚުރުވެރިވާ އެބައެއްގެ ޚާއްޞަ ކަންތައްތަކެއް ހުންނާނެ އެވެ. އެހެން މީހުންނަށް ވުރެ، އަމިއްލަ ޢާއިލާ ދެކެ ލޯބިވާ އުސޫލުން އެހެން ގައުމުތަކަށް ވުރެ އަމިއްލަ ގައުމު ދެކެ ލޯބި ވެވޭނެ އެވެ. ލޯބިވާން ވެސް ޖެހޭނެ އެވެ.
ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އިސްލާމް ދީނުގެ ދިފާއުގައި ކުރެއްވެވި ހަނގުރާމަ ތަކުގައި ތަފާތު ގަބީލާތަކުގެ މީހުން އެމީހުންގެ ގަބީލާގެ ނަމުގައި ގަބީލާގެ ދިދަ ހިފައިގެން ހަނގުރާމައަށް ނުކުތުން ހުއްދަ ކުރެއްވެވިއެވެ. އެއީ ގަބީލާއަށް އޮންނަ ލޯބީގައި ގަބީލާއަށް ހުތުރުނަމެއް ލިބުނަ ނުދިނުމަށްޓަކައި މަސައްކަތްކުރަން ހިތްވަރު ލިބޭނެތީ އެވެ. ނަތީޖާއެއްގެ ގޮތުން އޭގެ ފައިދާ މުޅި އިސްލާމީ އުންމަތަށް ލިބުނެވެ.
ވީމާ ﷲ އާއި އެކަލާނގެ ރަސޫލާއަށް އޮންނަ ލޯތްބާ ތައާރުޒު ނުވާ ކޮންމެ ހާލެއްގައި ތިމާގެ ގައުމަށްޓަކައި ލޯބިވެ ގައުމަށްޓަކައި މަސައްކަތް ކުރުމަކީ އިސްލާމްދީން މަނާ ކުރާކަމެއް ނޫނެވެ. އަދި ކިއެއްތަ، އެއީ އިސްލާމް ދީން ހިތްވަރުދޭ ކަމެކެވެ. ނަމަވެސް މުސްލިމުން އަބަދުވެސް ހަނދާން ކުރަން ޖެހޭނެ ކަމަކީ އިސްލާމީ އުންމަތުގެ އައިޑެންޑިޓީ އެއީ އެހެން ހުރިހާ އައިޑެންޓިޓީ އަކަށް ވުރެ ކުރިއަށް ނެރެން ޖެހޭނެ އެއްޗެއް ކަމެވެ. މިގޮތުން ގައުމިއްޔަތަށް ވެސް ސަމާލުކަން ދީ ގައުމިއްޔަތަށް ޓަކައި ކުރާ ކޮންމެ ކަމެއްވެސް ކުރަން ވާނީ އިސްލާމީ ހަމަތަކާއި އުސޫލުތަކާ ތައާރުޒު ނުވާނެ ގޮތެއްގެ މަތިންނެވެ.