އިނިއެސްޓާ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް؟
އިނިއެސްޓާ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް؟

ބާސެލޯނާ (މާޗް 9) – ބާސެލޯނާގެ ކެޕްޓަން އަދި މުހިއްމު މިޑްފީލްޑަރު އަންދްރޭ އިނިއެސްޓާ އަށް ލިބިފައިވާ އަނިޔާ އިން އެނބުރި އަންނާނެ މުއްދަތެއް ކްލަބުން ހާމަކޮށްފައިނުވާއިރު ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޗެލްސީއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށް ބެލެވިއްޖެ އެވެ.

އިނިއެސްޓާ އަށް އަނިޔާވީ މިދިޔަ އާދީއްތަ ދުވަހު ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން ބާސެލޯނާ މޮޅުވި މެޗުގަ އެވެ. ބާސެލޯނާގެ ވެބްސައިޓުގައި އޭރު ބުނެފައިވާ ގޮތުގައި އޭނާގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. އަދި އޭރު ބެލެވުނީ އޭނާ ހަފުތާއެއްގެ ތެރޭގައި ފިޓްވާނެ ކަމަށެވެ.

ފަހުން މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި އޭނާ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށެވެ. އަދި އެންމެ ފަހުން ބާސެލޯނާ އިން ނެރުނު ބަޔާނުގައި ވެސް އޭނާ އެނބުރި އަންނާނެ ތާރީހެއް ނުދެ އެވެ.

އޭނާ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ ނަމަ ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ސްޕެނިޝް ލީގުގައި މަލާގާ، އެތުލެޓިކް ބިލްބާއާ އަދި ސެވިއްޔާއާ ދެކޮޅަށް ނުކުޅެވޭނެ އެވެ. މީގެ އިތުރުން ސްޕެއިން ގައުމީ ޓީމުން ޖަރުމަނާއި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތައް ވެސް ގެއްލޭނެ އެވެ.