ލެކިއުޓް މާޖިދު ހައްޔަރުކޮށްފި
ލެކިއުޓް މާޖިދު ހައްޔަރުކޮށްފި

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަދި ލެކިއުޓް ހިންގާ ކުންފުނީގެ އެއް ހިއްސާދާރު އަބްދުލް މާޖިދު (ލެކިއުޓް މާޖިދު) ރޭ ހައްޔަރުކޮށްފި އެވެ.

ލެކިއުޓް މާޖިދު ހައްޔަރުކޮށްފި
ލެކިއުޓް މާޖިދު ހައްޔަރުކޮށްފި

ރޭ 11 ޖަހާކަންހާއިރު އެސްއޯ ފުލުހުން ގޮސް މާޖިދު ހައްޔަރުކުރީ އޮލިވްގާޑަން ރެސްޓޯރަންޓުގައި އިންނަވަނިކޮށެވެ. ލެކިއުޓް ހިންގާ ލިންޓެލް އިންވެސްޓްމެންޓު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މާޖިދު ހައްޔަރުކުރީ އެނގިފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އެކަމަކު މާޖިދަށް ކުރާ ތުހުމަތެއް އަދިއެއް ނޭނގެ އެވެ.

ރާއްޖެ އަށް ސެންޓު އެތެރެކޮށް ވިއްކުމުގެ ވިޔަފާރި ކުރާތާ އެތައް އަހަރެއް ވެފައިވާ ލެކިއުޓުގެ އިސްވެރިޔާ މާޖިދަކީ މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިން މެނޭޖަރެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިހާތަނަށް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން އެއް ބައެއްގެ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތާއި ރިޝްވަތު ހިފުމާއި ދިނުމުގެ ތުހުމަތު ފުލުހުން ކުރާއިރު އަނެއް ބަޔަކަށް ކުރަނީ މާލޭގައި ރޯކޮށް، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމުގެ ތުހުމަތެވެ.

ރޭ ބޭއްވި ނިއުސް ބްރީފިންއެއްގައި ފުލުހުން ބުނެފައި ވަނީ މާލޭގައި އަލިފާން ރޯ ކުރުމާއި ދައުލަތާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަށް ބަޔަކު ރާވަމުންދާ ކަމަށެވެ. އަދި މާލޭގެ އަމަން ނަގާލުމުގެ ތުހުމަތުގައި ހަތަރު މީހަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެ ނިއުސް ބްރީފިންގައި ވިދާޅުވެފައިވެ އެވެ. އެއީ މުޅިން ވެސް އެމްޑީޕީގެ މެމްބަރުންނެވެ.

އިއްޔެ ހައްޔަރު ކުރީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާއި ހުޅުމީދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އަދި އެ ޕާޓީގެ އިސް އެކްޓިވިސްޓް ހުސެއިން އިލްހާމެވެ.

ރޭގެ ނިއުސް ކޮންފަރެންސްގައި ފުލުހުން ބުނެފައި ވަނީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު މަގުމަތިން ބަދަލު ކުރުމަށް ބަޔަކު މީހުން އިސް ނަގައިގެން މާލޭގެ އެކި ސަރަހައްދުތަކަށް އިއްޔެ އާއި މިރޭ އެއްވުމަށް ރާވަމުންދާ ކަމަށެވެ.