08 މާޗް 2018 - 22:06

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ތައްޔިބު ޝަހީމް ބޭނުންކުރަމުން އައި ދިރާގުގެ ސިމް ކާޑުގެ އެކްސެސް ފުލުހުންނަށް ދިނީ ކްރިމިނަލް ކޯޓުން އެކަމަށް އަމުރު ކުރުމުން ކަމަށް ދިރާގުން ބުނެފި އެވެ.
ސަރުކާރުގެ ބައެއް ކަންކަން ސޯޝަލް މީޑިއާގައި އާއްމުކޮށް، ފާޑުކިޔަމުންދާ ތައްޔިބުގެ ސިމް ކާޑު އެހެން މީހަކަށް ދޫކޮށްފައިވާ ކަމުގެ ތުހުމަތުކޮށް، އެކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވައިދިނުމަށް އެ ކުންފުނީގައި އެދުނީ އިއްޔެ އެވެ. އޭނާ ބޭނުން ކުރަނިކޮށް ސިމްގެ ޚިދުމަތް ވަނީ މެދުކަނޑާލައިފަ އެވެ.
ތައްޔިބު ފޮނުވި ސިޓީގެ ޖަވާބުގައި ދިރާގުން ބުނީ ފުލުހުން ތަހުގީގަކާ ގުޅިގެން ތައްޔިބު ގެންގުޅޭ ނަންބަރު ސިމްގެ އެކްސެސް ފުލުހުންނަށް ދިނުމަށް ކްރިމިނަލް ކޯޓުން ދިރާގުގެ މައްޗަށް އަމުރު ކުރުމުން، ކޯޓު އަމުރަށް އެ ކުންފުނިން ތަބާވެފައިވާނެ ކަމަށެވެ. އަދި އެކަން ދިރާގުގެ މުވައްޒަފަކު ގުޅައި، ތައްޔިބަށް އަންގާފައިވާނެ ކަމަށް ވެސް އެ ކުންފުނީގެ ސިޓީގައިވެ އެވެ.
އެ ސިޓީގައި ބުނި ގޮތުގައި ދިރާގުން އަމަލުކުރާ އުސޫލުތައް ބިނާވެފައި ވަނީ ރާއްޖޭގެ ޓެލިކޮމިއުނިކޭޝަން އޮޕަރޭޓްކުރަން ލާޒިމްކޮށްފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި އަދި ކޮމިއުނިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލައިންސަންސްއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މިހާރު ސްރީ ލަންކާގައި ދިރިއުޅޭ ތޮއްޔިބު ބުނީ ސިމްގެ ހިދުމަތް މެދުކަނޑާލައި އޭނާ ބޭނުންކުރާ އެހެނިހެން ހިދުމަތްތަކުގެ ޕާސްވޯޑުތައް ބަދަލުކޮށްފައިވާ ކަމަށެވެ.
ތައްޔިބުނު ބުނި ގޮތުގައި ހިދުމަތް މެދުކަނޑާލަން ނުވަތަ އޭނާގެ ނަމްބަރު އެހެން މީހެއްގެ ނަމަށް ބަދަލުކުރަން އެއްވެސް ލިޔެކިޔުމެއް އެއްވެސް ފަރާތަކާ ހަވާލުކޮށްފައި ނުވާނެ އެވެ.
މި މައްސަލަ ފެންމަތިވެފައިވަނިކޮށް، ދިރާގުން މިދިޔަ އަންގާރަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޒިންމާދާރު ޓެލެކޮމް ކުންފުނިތަކުން މަސައްކަތް ކުރާ ފަދައިން އަބަދު ވެސް ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ދިރާގުން ވެސް ރައްކާތެރި ކުރާ ކަމަށެވެ.