08 މާޗް 2018 - 20:28

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ، ބަލައި ފާސްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބްރާންޗު ބިލްޑިން މަތީގައި ހުންނަ ސިސިލްހިޔާގެ އެޕާޓްމަންޓަކަށް ދިޔައީ ފުލުހުންގެ އެސްއޯގެ ޓީމަކުންނެވެ.
ސާބެ ދިރިއުޅުއްވާ ގެ ބަލައި ފާސް ކުރީ އޭނާގެ ހާޒިރުގަ އެވެ. އެކަމަކު އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުން އެއްވެސް އެއްޗެއް ގެންދިޔަކަމެއް އެނގިފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސާބެ ދިރިއުޅުއްވާ ގެ ބަލައި ފާސް ކުރަމުން އަންނައިރު، މާލޭގެ ހަމަނުޖެހުން އިތުރު ކުރުމަށް ތަންތަނުގައި އަލިފާން ރޯ ކުރުމާއި ދައުލަތާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަށް ރާވައި، މާލޭގެ އަމަން އަމާންކަން ނަގާލުމުގެ ތުހުމަތުގައި ސާބެ ވަނީ އެމްޑީޕީ އޮފީސް ތެރެއިން މިއަދު ހައްޔަރުކޮށްފަ އެވެ.
ސާބެގެ އިތުރުން މި މައްސަލައިގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.