08 މާޗް 2018 - 18:08

ފެބްރުއަރީ1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގައި އެތައް ބައެއްގެ އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާތީ އެ ކަންތައްތައް ބެލުމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ވަފުދެއް ރާއްޖެއަށް ފޮނުވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބުނެފި އެވެ.
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 37 ވަނަ ބައްދަލުވުމުގައި އެ ކައުންސިލްގެ ކޮމިޝަނަރު ޒައިދު ރާދު އަލް ހުސެއިން އިއްވެވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ކައުންސިލްގެ ވަފުދެއް ވީއެންމެ އަވަހަކަށް ފޮނުވަން ނިންމުމުން ސަރުކާރުން އެކަން ގަބޫލުކޮށްފައިވާ ކަމަށެވެ.
"ގާނޫނުގެ ވެރިކަމަކީ ކޮންމެ ޑިމޮކްރެޓިކް ގައުމެއްގެ ބިންގާ. އަޅުގަނޑު ވަރަށް ކަންބޮޑުވޭ އެކަމަށް އިހުތިރާމް ނުކުރާތީ. އޭގެ އިތުރަށް މި ހަމަނުޖެހުންތަކާ ގުޅިގެން ޓޫރިޒަމް ދާއިރާއަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ސިޔާސީ ހަމަނުޖެހުން ބޮޑުވެފައިވާތީ ޒައިދު ވަނީ ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތައް އުވާލަން ވެސް އެދިވަޑައިގެންފަ އެވެ.
އޭނާ ނެރުއްވި ބަޔާނުގައި ވަނީ ސިޔާސީ ލީޑަރުންތަކާއެކު ނުވަ މީހަކު މިނިވަންކުރަން ސުޕްރީމް ކޯޓު އަމުރު ނެރުނު ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް ނިގުޅައިގެންފައިކަން ފާހަގަކޮށްފަ އެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނު ސަސްޕެންޑްކޮށް، އެއްވެސް ހަމައެއް ނެތި މީހުން ހައްޔަރުކުރަން މަގު ހުޅުވާލާފައިވާ ކަމަށް ވެސް ޒައިދުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.