10 މާޗް 2018 - 08:16

"ޕިޗް ޕާކެޓް" ފްރެންޗައިޒްގެ ބަތަލާ އެލިޒަބެތު ބޭންކްސް ބިރުވެރި ފިލްމަކަށް ސޮއިކޮށްފަ އެވެެ.
އަދި ވަކި ނަމެއް ދީފައި ނުވާ މި ފިލްމަކީ "ގާޑިއަންސް އޮފް ދަ ގެލެކްސީ" ގެ ޑައިރެކްޓަރު ޖޭމްސް ގަން އާއި ދަ އެޗް ކަލެކްޓިވް ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމެކެވެ
ފިލްމްގެ ޕްލޮޓް ވެސް އަސި ސިއްރެއްގެ ގޮތުގައި އޮތް މި ބިރުވެރި ފިލްމް ޑައިރެކްޓް ކުރަން ހަވާލުކޮށްފައި ވަނީ 2015 ގެ ބިރުވެރި ފިލްމް "ދަ ހައިވް" ގެ ޑައިރެކްޓަރު ޑޭވިޑް ޔަރޮވެސްކީއާ އެވެ.
ފިލްމާ ބެހޭ ގޮތުން ޖޭމްސް ބުނީ ބޭންކްސް، 44، އާ އެކު 2006 ގެ ސައިންސް ފިކްޝަން-ބްލެކް ކޮމެޑީ ހޮރޯ ފިލްމް "ސްލިދާ" ގައި މަސައްކަތް ކުރި ފަހުން، އޭނާ ދިޔައީ ބޭންކްސްއާ އެކު އިތުރު މަސައްކަތެއްކޮށްލެވޭތޯ ބަލަމުން ކަމަށެވެ.
"އެ ފިލްމަށް ފަހު ވެސް އަހަރެމެން ދެ މީހުންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިން. އަހަރެން ގަބޫލު ކުރާ ގޮތުގައި އޭނައަކީ އަހަރެންގެ އެންމެ ގާތް އެއް އެކުވެރިޔާ ވެސްމެ،" ޖޭމްސް ބުންޏެވެ. "އަދި މިހާ ޒަމާންކޮށްފައި އަނެއްކާ ވެސް އެކުގައި މަސައްކަތެއްކޮށްލަން މަގުފަހިވީމަ ވަރަށް އުފާވެއްޖެ."
އާ ފިލްމްގެ މަސައްކަތް ފަށާނެ އިރަކާއި ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދި ފިލްމްގައި ބޭންކްސްއާ އެކު ފެނިގެންދާ ކާސްޓުން ވެސް އިއުލާނެއް ނުކުރެ އެވެ.
މިދިޔަ އަހަރު "ޕިޗް ޕާފެޓް 3" އިން ފެނިގެން ދިޔަ ބޭންކްސްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި މެލީސާ މެކާތީއާ އެކު ފެނިގެންދާ "ދަ ހެޕީޓައިމް މާޑާޒް" ހިމެނެ އެވެ.
އަދި ސޮނީ ޕިކްޗާޒްއާ ގުޅިގެން "ޗާލީޒް އެންޖެލްސް" ގެ ރިބޫޓންއެއް ޑައިރެކްޓަރު ބޭންކްސް އަންނަނީ ތައްޔާރުވަމުންނެވެ.