އޮކިއުޕައިސައިހޮޓާ: އަންހެންވެރިން ހޮޓާތަކަށް!
އޮކިއުޕައިސައިހޮޓާ: އަންހެންވެރިން ހޮޓާތަކަށް!

ދިވެހި އަންހެނުން އާންމު ސައިހޮޓާތަކަށް ނުވަންނާނެ އެވެ. އެ މީހުން ދާނީ ރެސްޓޯރަންޓް ނޫނީ ރީތި ކެފޭތަކަށެވެ. މިއީ މިހާތަނަށް ގިނަ ދިވެހިންނަށް ގަބޫލުކުރެވިފައި އޮތް ގޮތެވެ. އެކަމަކު މި އާދައާ މެދު، ޓްވިޓާގައި އުޅޭ ބައެއް މީހުން ސުވާލު އުފައްދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

އޮކިއުޕައިސައިހޮޓާ: އަންހެންވެރިން ހޮޓާތަކަށް!
އޮކިއުޕައިސައިހޮޓާ: އަންހެންވެރިން ހޮޓާތަކަށް!

"އަންހެނުންނަށް ސައިހޮޓަލަށް ނުވަދެވެނީ ކީއްވެ ހެއްޔެވެ؟ މިކަން ނުވާންވީ ކީއްވެ؟" މީގެ ހަފުތާއެއް ކުރިން ފެށިގެން، ޓްވިޓާގައި ފުނިޖެހުނީ މި ސުވާލުތަކެވެ.

އޮކިއުޕައިސައިހޮޓާ: އަންހެންވެރިން ހޮޓާތަކަށް!
އޮކިއުޕައިސައިހޮޓާ: އަންހެންވެރިން ހޮޓާތަކަށް!

ހަގީގަތުގައި މި ސުވާލުތައް އެންމެ ފުރަތަމަ ކުރީ "ކީއްވެ؟" ކިޔާ މޫވްމެންޓަކުންނެވެ. އެ މީހުންގެ މަގްސަދަކީ ވަކި ކަންތައްތަކެއް އަންހެނުންނަށް "މަނާ" ނޫނީ ނުކުރެވޭނެ ކަމަށް މުޖުތަމައުން ދެކޭ ގޮތް ބަދަލު ކުރުމެވެ. އެ މީހުންނަށް އެންމެ ބޮޑަށް ފާހަގަވީ ސައިހޮޓާ ފަދަ، އަގުހެޔޮކޮށް ކެވެން ހުންނަ ތަންތަން ފިރިހެނުންނަށް ހާއްސަވެފައިވުމެވެ. އަދި އެ ތަންތަނަށް މަދުން ނަމަވެސް ވަންނަ އަންހެނުންނަށް ކުރާ ފުރައްސާރަތަކެވެ.

އެހެންވެ، ޖޭސީއައި މޯލްޑިވްސް އާއި ޖޭސީއައި ކާފު އަދި ވިމެން އެންޑް ޑިމޮކްރަސީން ތާއީދުކޮށްގެން، އަރީޖް ހުސެން އާއި އައިޝަތު ހަމީދާ އާއި ނިހާޔާ އަހުމަދު އިސްނަގައިގެން މިއަދު އަންނަނީ "އޮކިއުޕައިސައިހޮޓާ" ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ. ޓްވިޓާގައި މިއަދު ވަރަށް ވައިގައި ހިފާފައި އޮތް އެ ކެމްޕޭނުގެ ދަށުން އެތައް އަންހެނުންނެއް އަންނަނީ، ސައިހޮޓާތަކަށް ވަދެ، ރާއްޖޭގައި އޮތް ދުވަސްވީ މި އައިބު އާދަ ކަނޑުވާލަން މަސައްކަތް ކުރަމުންނެވެ.

މިއަދު އެންމެ ބާރުބޮޑުވީ މަޝްހޫރު ހޮޓާ، ފަސޭހަ ޕޮއިންޓާއި މޫންކެފޭ ފަދަ ތަންތަނަށެވެ. ފަސޭހަ ޕޮއިންޓަށް މަސްބުރި ރިހަ އާއި މޫން ކެފޭގެ ދިވެހި ކެއުމާއި ހެދިކާތައް އެ މީހުން ކެއީ އެތަނުގައި ތިބެގެންނެވެ.

"މަސްބުރި ރިހަ ވަރަށް މީރު. އެކަމަކު ދުވަހަކު ވެސް އެތަނަކަށް ވަންނާކަށް ނުކެރޭ. ބޭބެ އެތަނަށް ފޮނުވައިގެން ގެއަށް ރިހަ ގެނުވަނީ،" އާ ކެމްޕޭނުން ހިތްވަރު ހޯދި ޒުވާން އަންހެނަކު ބުންޏެވެ.

"އެކަމަކު މިއަދު ހަމަ ބޭނުންވީ ހޮޓަލަށް ވަދެ އެތަނުގައި އިނދެގެން ކާން."

މި ކެމްޕޭނުގައި އެންމެ އިސްކޮށް އުޅޭ އަރީޖް ހުސައިން ބުނިގޮތުގައި އެކުވެރި އެހެން އަންހެން ކުދިންނާ އެކު މިއަދު އޭނާ ފަސޭހަ ޕޮއިންޓަށް ދިޔައިރު، އެހެން އަންހެނަކު އެތާކު ނެތެވެ. އެކަމަކު އަރީޖްމެން ފެށި މި ކެމްޕޭން ވައިގައި ހިފައި، އިސާހިތަކު އެ ކެފޭ އަންހެނުންތަކުން ފުރިއްޖެ އެވެ.

"އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުން މިއަދު ދެއަކާ ހަމައަށް އެތަނަށް ވަން ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުން. އަދި މިކެމްޕޭނުގެ ދަށުން މިއަދު 70 އަށް ވުރެ ގިނަ އަންހެނުން އެކި ހޮޓާތަކަށް ވަން،" އޭނާ ބުންޏެވެ.

މޫން ހޮޓަލަށް ވަން އަންހެނަކު ބުނީ ދުވަހަކު ނުކާހާ މީރު ދިވެހި ކެއުންތައް އެތަނުގައި ހުރި ކަމަށާއި އަދިވެސް އެތަނަށް ކާން ދާނެ ކަމަށެވެ. ދެން އޭނާ ފާހަގަކުރީ އެތަނުގެ އަގުހެޔޮ ވާހަކަ އެވެ.

ރެސްޓޯރަންޓެއްގައި އެންމެ އާދައިގެ ފްރައިޑް ރައިސްއެއް ވެސް ލިބޭނީ މަދުވެގެން 60 ރުފިިޔާ އަށެވެ. އެކަމަކު އަށް މީހެއްގެ ގުރޫޕަކުން، އެންމެ 200 ރުފިޔާއަށް ކެއުން ނިންމާލެވުންވީ އެމީހުންނަށް އަޖައިބަކަށެވެ.

ލަދުކަނޑުވާލާފައި ހޮޓަލަށް ވަން ބައެއް އަންހެނުން އަންނަނީ އެ މީހުންގެ ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ކެއުންތައް ރަނގަޅެވެ. އަގުވެސް ހެވެވެ. އެކަމަކު އެތަނުގައި ތިބޭ ގިނަ ފިރިހެނުންގެ ބެލުންތައް އަމާޒުވި ކަމަށް ބައެއް މީހުން ބުންޏެވެ.

"އެވެދާނެ އަންހެނުން އާއްމުކޮށް ނުކުރާ ކަމެއް ވީމައި ބެލީ ކަމަށް ވެސް. އެކަމަކު ފުރައްސާރަކޮށް ފޮށެއެއް ނުހަދާ،" އުމުރުން 23 އަހަރުގެ އައިޝަތު ނަތާޝާ އޭނާގެ ތަޖުރިބާ ހިއްސާކުރި އެވެ.

އަންހެންވެރިން ފެށި މި ކެމްޕޭނަށް ބައެއް ފިރިހެނުން ވެސް އަންނަނީ ތާއީދުކުރަމުންނެވެ. އެ މީހުން ބުނަނީ ފިރިހެނުންނަށް ހާއްސަވެފައި އޮތް ކަމަށް ބުނާ ހޮޓާތަކަށް ދިއުން އަންހެނުންގެ އާދައަކަށް ވެސް ހެދިދާނެ ކަމަށެވެ. އަދި ބައެއް މީހުން އަންނަނީ މަޝްހޫރު ހޮޓާތަކާއި އެތަންތަނުގައި ހުރި މީރު ކެއުންތަކާއި އަގުތަކުގެ މައުލޫމާތު ޓްވިޓާގައި އާއްމުކުރަމުންނެވެ.

މި ކެމްޕޭން ފެށީ މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅުވައިގެންނެވެ. އެކަމަކު އަންހެންވެރިން ބުނަމުން އަންނަނީ މިއީ ފެށުމެއް ކަމަށެވެ.