09 މާޗް 2018 - 08:52

އޮސްކާ ހާސިލްކޮށްފައިވާ ހޮލީވުޑްގެ ޑައިރެކްޓަރަކު ބޮލީވުޑްގެ ފިލްމެއް ޑައިރެކްޓް ކުރުމަކީ، ބޮލީވުޑަށް ލިބޭނެ ކުރިއެރުމަކަށް ވެދާނެ އެވެ. މިހާރު ވެސް ހޮލީވުޑްގެ ޑައިރެކްޓަރަކު އަންނަނީ އިންޑިއާގެ ތަރިންތަކަކާ އެކު، ބޮލީވުޑް ފިލްމެއް ޑައިރެކްޓް ކުރަމުންނެވެ. އެއީ ވިދުޔަތު ޖަމްވާލް ލީޑް ރޯލް ކުޅޭ ފިލްމް "ޖަންގްލީ" އެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ "ދަ މާސްކް" ފަދަ ފިލްމްތައް ގެނެސް ދީފައިވާ ޗަކް ރަސަލް އެވެ.
މި އަހަރުގެ އޮސްކާގައި އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމާއި "ދަ ޝޭޕް އޮފް ވޯޓާ" އިން އިން މޮޅު ފިލްމްގެ އެވޯޑް ހޯދި މެކްސިކޯގެ ޑައިރެކްޓަރު ގްލިމޯ ޑެލް ޓޯރޯ ބުނަނީ އޭނާ ވެސް ބޮލީވުޑްގެ ފިލްމެއް ހަދަން ބޭނުންވާ ކަމަށެވެ.
ގްލިމޯ މި ވާހަކަ ހިއްސާ ކުރީ ހޮލީވުޑްގެ ބައެއް ފިލްމްތަކުގައި ވެސް މަސައްކަތްކޮށްފައިވާ އިންޑިއާގެ ބަތަލާ މަލިކާ ޝެރާވަތުއާ އެވެ.
ގްލިމޯއާ ބައްދަލުވި ތަޖުރިބާ ހިއްސާ ކުރަމުން މަލިކާ ބުނީ ބޮލީވުޑްގެ މިއުޒިކަލްއެއް ޑައިރެކްޓް ކުރުމުގެ ޝައުވެރިކަން ގްލިމޯ ފާޅުކޮށްފައިވާ ކަމަށެވެ. އަދި ކެރިއަރުގެ ކޮންމެވެސް ހިސާބެއްގައި އެކަން ކުރަން އުންމީދު ކުރާ ކަމަށް ބުނެފައިވާ ކަމަށެވެ.
ގްލިމޯއަކީ ބޮލީވުޑްގެ ވަރަށް ބޮޑު ފޭނެއް. އަހަރެން ވަރަށް އުފާވި އޭނާއާ ބައްދަލުވެ، ވާހަކަ ދައްކައިލެވުނީމަ. އަދި ގްލިމޯއާ ބައްދަލުވުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް،" މާޑާ ފަދަ ފިލްމްތައް ކުޅެފައިވާ މަލިކާ ބުންޏެވެ. "އޭނާ ވަރަށް ބޮޑަށް ފާހަގަ ކުރި ބޮލީވުޑްގެ މިއުޒިކަލްއެއް ޑައިރެކްޓް ކުރަން ޝައުގުވެރިވާ ވާހަކަ. އަހަރެން ވެސް ވަރަށް އުންމީދު ކުރަން އެފަދަ ފިލްމެއް އޭނަ ހަދާނެ ދުވަހަކަށް."
"ދަ ޝޭޕް އޮފް ވޯޓާ" އިން ގްލިމޯ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ހޯދި އިރު، އޭނާ ވަނީ ކުރިން ވެސް ވަރަށް ފާހަގަކޮށްލެވޭ ފިލްމްތަކެއް ހަދައިފަ އެވެ. އޭގެ ތެރޭގައި ހެލް ބޯއިސް (2004)، ޕޭންސް ލެބްރިންތު (2006) އަދި ޕެސިފިކް ރިމް (2013) ފާހަގަކޮށްލެވެ އެވެ.
ހޮލީވުޑްގެ ޑައިރެކްޓަރު ޑެނީ ބޮޔެލްއަކީ ވެސް އިންޑިއާގެ ވާހަކައެއް، އިންޑިއާގެ އެކްޓަރުންތަކަކާ އެކު 2008 ގައި ބެލުންތެރިންނަށް ގެނެސް ދީގެން އޮސްކާ އެވޯޑް ހޯދި ޑައިރެކްޓަރެކެވެ، އެއީ "ސްލަމްޑޯގް މިލިއަނާ" އެވެ.