08 މާޗް 2018 - 14:52

ގުދުސް (މާޗް 8) - އިޒްރޭލަށް އިތުބާރު ނޯންނަ ފަލަސްތީން މީހުންގެ ގުދުސްގެ ރަށްވެހިކަން ބާތިލް ކުރުމުގެ ބާރު އިޒްރޭލުގެ ދާޚިލީ ވަޒީރަށް ލިބި ދިނުމުގެ ބިލެއް އެ ގައުމުގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.
މީގެ އިތުރުން ނުބައި މައުލޫމާތުގެ މައްޗަށް ބިނާކޮށް ރަށްވެހިކަން ހޯދާފައިވާ މީހުންނާއި ދާޚިލީ ވުޒާރާގެ ނަޒަރުގައި ޖިނާއީ ކުށެއްކޮށްފި ކަމަށް ބެލެވޭ މީހުންގެ ގުދުސްގެ ރަށްވެހިކަން ބާތިލް ކުރުމުގެ ބާރު ވެސް އެ ބިލުން ލިބިދެ އެވެ. އެހެންކަމުން އަލަށް ފާސްކުރި މި ބިލުން އިޒްރޭލުގެ ދާޚިލީ ވަޒީރު އަރިޔާ ޑެރީ އަށް ނުރައްކަލެއް ކަމަށް ބެލެވޭ ފަލަސްތީނުގެ ކޮންމެ މީހެއްގެ ގުދުސްގެ ރަށްވެހިކަން ބާތިލް ކުރާނެ އެވެ. ޑެރީ ވިދާޅުވީ އާ ބިލުގެ ސަބަބުން އިޒްރޭލުގެ ރައްޔިތުންނަށް އިތުރު ރައްކާތެރިކަން ދެވޭނެ ކަމަށެވެ.
ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ސީނިއާ މެންބަރެއް ކަމަށްވާ ހަނާން އަޝްރާވީ ވިދާޅުވީ އެއީ ނަސްލީ ތަފާތު ކުރުން އިންތިހާ އަށް ބޮޑު ބިލެއް ކަމަށެވެ.
"ފަލަސްތީން މީހުންގެ ގުދުސްގެ ރަށްވެހިކަން ނިގުޅައިގަނެ، އެ މީހުންގެ އަމިއްލަ ބިމުގައި އެ މީހުންގެ ހައްގުތަކަށް އަރައިގަންނަމުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް،" އަޝްރާވީ ވިދާޅުވި އެވެ.
ގުދުސް އަށް އުފަންވެ އެ ސިޓީގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް އިޒްރޭލުން ދޫކޮށްފައި ވަނީ ދާއިމީ ރަށްވެހިކަމުގެ އައިޑީކާޑެކެވެ. އެ މީހުންނަށް ދޫކޮށްފައި ވަނީ ޖޯޑަންގެ ޕާސްޕޯޓެވެ.
އިރުމަތީ ގުދުސްގައި ފަލަސްތީނުގެ 420،000 މީހުން ދިރިއުޅެ އެވެ. އިޒްރޭލުން ދެކެނީ އެއީ އެ ބިމަށް ވަދެ ތިބި ބޭރު ބައެއްގެ ގޮތުގަ އެވެ. އިޒްރޭލުން ވަނީ 1967 ވަނަ އަހަރުގެ ފަހުން 14،000 ފަލަސްތީނު މީހުންގެ ރަށްވެހިކަން ބާތިލްކޮށްފަ އެވެ.
ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފައި ވަނީ އިޒްރޭލުން ފާސްކުރި ގާނޫނު ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމަށެވެ. ހިއުމަން ރައިޓްސް ވޮޗުން ދާދި ފަހުން ބުނެފައި ވަނީ ގުދުސް އިން ފަލަސްތީނު މީހުން ބޭރު ކުރުމަކީ "ހަނގުރާމައިގެ ޖަޒީމާއެއް" ހިންގުން ފަދަ ކަމެއް ކަމަށެވެ.
އިޒްރޭލުން މި ގާނޫނު ފާސްކުރި އިރު އެމެރިކާ އިން ވަނީ އަންނަ މެއި މަހު އެ ގައުމުގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ނިންމައިފަ އެވެ. އަދި އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ވަނީ ބަލައިގެންފަ އެވެ.