08 މާޗް 2018 - 11:55

އިދިކޮޅު އެމްޑީޕީގެ އޮފީހަށް ފުލުހުން ވަދެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހްމަދު ޝާހިދު (ސާބެ)ގެ އިތުރުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) މިއަދު ހައްޔަރުކޮށްފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެ ޕާޓީގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް، ފުލުހުން ވަދެ އެ ތިން މީހުން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު ތުހުމަތުކުރާ މައްސަލައެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، މީގެ ކުރިން ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ.
އިދިކޮޅު ޕާޓީތަކުން ބުނެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރިއިރު ފުލުހުންގެ ބަންދުގައި އަދިވެސް 30 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދައުލަތް ހިންގަން އޮޅުންބޮޅުންވެ ގާނޫނުއަސާސީގެ ބާރު ކެނޑިދާނެތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ހާލަތުގެ ދަށުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ އިތުރުން ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ވަކީލުން ވިދާޅުވާ ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ގާނޫނާ ޚިލާފަށެވެ. އެހެންވެ މި ހާލަތުގެ ދަށުން މީހުން ހައްޔަރުކޮށްފައި ވަނީ ވެސް ގާނޫނާ ޚިލާފަށް ކަމަށް ވަކީލުން ވިދާޅުވެ އެވެ.