08 މާޗް 2018 - 14:28

ދިވެހިންގެ ތެރޭގައި ކުރިން ޕެންޝަން މާނަކުރެވިފައި އޮންނަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރާ ފަރާތްތަކަށް ލިބޭ ޚާއްސަ އިނާޔަތެއްގެ ގޮތުގަ އެވެ. ނަމަވެސް މީގެ އަށް އަހަރު ކުރިން، ދިވެހިރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމްއާރުޕީއެސް) ތައާރަފް ވުމާ އެކު އެކަން މި ވަނީ އެއްކޮށް ބަދަލުވެފަ އެވެ. އެގޮތުން ޕެންޝަން ސްކީމާ އެކު ގިނަ ބައެއްގެ ދިރިއުޅުން ފާގަތިކޮށްދީ، ދިވެހިންގެ ދިރިއުޅުމަށް ވެސް މި ވަނީ ބޮޑެތި ފައިދާތަކެއް ގެނެސްދީފަ އެވެ.

ޕެންޝަނަކީ ދައުލަތުގެ މުވައްޒަފުންނަށް ލިބޭ އިނާޔަތެއްގެ ގޮތުގައި އޮތް އޮތުން މާޒީވެ ގޮސް، ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް މި ފުރުސަތު ލިބިއްޖެ އެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ މަސައްކަތްތެރިން ޝާމިލްވާ ޕެންޝަން ނިޒާމެއް ގާއިމުވެގެން ގޮސްފި އެވެ. ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފަކީ ޕެންޝަން ސްކީމުގައި ބައިވެރިވެ، ޕެންޝަނަށް ފައިސާ ރައްކާ ކުރުމުގެ ފުރުސަތު އޮތް މީހެކެވެ.
ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ 80 ޕަސެންޓާއި ގާތް އަދަދަކަށް ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި މުވައްޒަފުން ބައިވެރިވެ، ޕެންޝަން ސްކީމަށް ދަނީ ފައިސާ ޖަމާކުރަމުންނެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް މިފަންޑަށް ޖަމާ ކުރެވުނު ފައިސާގެ އަދަދު ފަސް ބިލިޔަނަށް އަރާފައި ވާއިރު އިންވެސްމަންޓް ފައިދާ ހިމެނޭ ގޮތުން ޕެންޝަން ފަންޑުގެ ސައިޒު ވަނީ ހަތް ބިލިއަން ރުފިޔާ އަށް ވުރެ މަތިވެފަ އެވެ.
ޕެންޝަން ފަންޑު ތަކަކީ ދިގުމުއްދަތެއްގެ ތެރޭގައި ފަހަށް ފައިސާ ރައްކާކުރުމަށް ހިންގޭ ފަންޑުތަކެކެވެ. ދުނިޔޭގައި ޕެންޝަން ނިޒާމުތައް ގާއިމް ކުރެވިފައިވާ އެހެނިހެން ގައުމު ތަކެކޭ އެއްފަދައިން، ދިވެހިރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސްކީމަކީ ވެސް ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ފައިސާ ފަހަށް ރައްކާކޮށް، މި ފައިސާ އިތުރު ކުރުމަށްޓަކައި އިންވެސްޓް ކޮށްގެން ހިންގޭ ޕެންޝަން ނިޒާމެކެވެ. މިއީ ވަޒީފާ އިން ރިޓަޔާކުރުމުން، ކޮންމެ މަހަކު ކަނޑައެޅޭ ވަކި ވަަރެއް އެ މީހަކަށް ލިބޭ ގޮތަށް "ރައްކާކުރާ" ފައިސާ އެވެ.
މިފަދަ ނިޒާމު ތަކަކީ، ވަރަށް ދިގު މުއްދަތެއްގައި ފައިސާ ރައްކާކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ނިޒާމުތަކެއް ކަމުގައި ވުމުން، ޕެންޝަން ނިޒާމު ތަކާއި މެދު އެންމެ ގިނައިން ކުރެވޭ ޝަކުވާ އަކީ، ޤާނޫނީގޮތުން ޕެންޝަނަށް ފައިސާ ދެއްކުން މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައެޅިފައި އޮންނަ އޮތުމެވެ. އަދި ޕެންޝަނަށް ޖަމާކުރާ ފައިސާ ޕެންޝަން ލިބޭ އުމުރު ހަމަވުމުގެ ކުރިން ނެގޭނެ ގޮތް ތަނަވަސް ވެފައި ނެތްކަމުގެ ޝަކުވާއެވެ.
ޕެންޝަން ނިޒާމު ގާނޫނީ ގޮތުން މިގޮތަށް ހަމަޖެހިފައި ވަނީ ދިގު މުއްދަތަކަށް ފަހަށް ރައްކާކުރުމަށްޓަކައި ބޭނުންވާނެ ވަރަށް ހާއްސަ ސިފަތަކާއި އެކުގަ އެވެ. އެގޮތުން މުވައްޒަފުންނަށް ލިބޭ ފައިދާތަކަށް ބަލާއިރު މުވައްޒަފަކު ފަންޑަށް ޖަމާކުރާ އަަދަދާ އެއްވަރުގެ އަދަދެއް ވަޒީފާދޭ ފަރާތުން ޖަމާކުރުން ލާޒިމްކުރެވިފައި އޮތުމުގެ ސަބަބުން ޕެންޝަން ސްކީމަށް ފައިސާ ދައްކާ ކޮންމެ މަހަކީ ވެސް 100 ޕަސެންޓް ކުރިއެރުމެއް މުވައްޒަފުގެ ޕެންޝަން ސޭވިން އަށް އަންނާނެ މަހަކެވެ.
ޕެންޝަން ސްކީމަށް ދައްކާ ފައިސާއަކީ އިންވެސްޓް ކުރެވި އެއަށް ނަފާ ލިބޭ ފައިސާއަކަށް ވުމުން، އެ ފައިސާ، ދިގު މުއްދަތަކަށް އިންވެސްޓް ކުރެވި އިތުރުވަމުން ދާނެއެވެ. މީގެއިތުރުން މިފަންޑް މެދުވެރިކޮށް އިންވެސްޓް ކުރުމުން، ބޮޑެތި އަދަދުތަކުން އިންވެސްޓްކުރާ ފަރާތްތަކަށް ލިބޭ އިންވެސްޓްމަންޓް ފުރުސަތުތަކާއި، އިންވެސްޓްމަންޓް ތަކުން ރަނގަޅު ފައިދާ އެއް ހޯދައިދިނުމަށް ބާރުއަޅާނެ އަދި މަސައްކަތް ކުރުމަށް ޒިންމާވާ ފަރާތްތަކެއް ތިބުމާއި، އިންވެސްޓް ކުރުމަށް ހިނގާ ހަރަދު ކުޑަވުން ފަދަ ކަންކަމީ ސްކީމުގެ ބައިވެރިންނަށް ލިބިގެންދާ ފައިދާ ތަކެވެ.
ޕެންޝަން ނިޒާމެއް ފުރާ ފުރިހަމަ ވެގެން އަންނައިރު، ޕެންޝަން ފަންޑުގެ ބައިވެރިންނަށް ފައިދާ ހޯދޭނެ ތަފާތު ސްކީމްތައް އިތުރު ކުރާނެ އެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޕެންޝަން ނިޒާމުތަކުން ލިބޭ މިފަދަ މަންފާތަކަށް ބަލާއިރު ބޭސްފަރުވާ އާއި އިންޝުއަރެންސާއި، ގެދޮރުވެރި ކުރުވުން ފަދަ ސްކީމްތައް ޕެންޝަން ފަންޑުތައް މެދުވެރިކޮށް ހިންގަ އެވެ. މިފަދަ މަންފާތައް ލިބޭ މިންވަރަށް ތަރައްގީ ވެފައިވާ ޕެންޝަން ސްކީމުތަކަކީ އެތައް އަހަރުތަކެއްގެ ތަޖުރިބާގެ އަލީގައި ތަރައްގީ ކުރެވިފައިވާ ސްކީމުތަކެވެ.
ރާއްޖޭ ޕެންޝަން ސްކީމު މެދުވެރިކޮށް ތައާރަފު ކުރެވިފައިވާ އެފަދަ ސްކީމުތަކަށް ބަލާއިރު، 2016 ވަނަ އަހަރުގެ ތެރޭގައި ޕެންޝަން ފަންޑު މެދުވެރިކޮށް ގެދޮރު ގަތުމަށް ތައާރަފް ކުރެވުނު ސްކީމު ފާހަގަކޮށްލެވެ. މީގެ އިތުރުން ޕެންޝަން ފަންޑު މެދުވެރިކޮށް ޑިސްއެބިލިޓީ ބެނެފިޓްސް ފޯރުކޮށްދިނުމާއި ގެދޮރު އިމާރަތްކުރުމަށް ނަގާ ލޯނުގެ ޑައުންޕޭމަންޓްގެ ގޮތުގައި ޕެންޝަން އެކައުންޓަށް ޖަމާކުރެވޭ ފައިސާ ބޭނުން ކުރެވޭނެ ފަދަ ސްކީމުތަކެއް ތައާރަފު ކުރުމަށް ބޭނުންވާ ދިރާސަތައް ދަނީ ކުރެވެމުންނެވެ. މިފަދަ ކަންތައްތަކަކީ ސްކީމު ތަރައްގީވަމުންދާ ވަރަކުން ސްކީމުގެ ބައިވެރިންނަށް ދެވޭ އިތުރު ހިދުމަތްތަކަކަށް ވާއިރު ރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސްކީމަކީ ޅަފަތުގައި އޮތް ސްކީމެއްކަމުން، ދުނިޔޭގެ ކުރިއަރާފައިވާ ޕެންޝަން ނިޒާމުތަކާއި އެއްފެންވަރަށް ސްކީމު ތަރައްގީވުމަށް ވަގުތު ނަގާނެ އެވެ.
ޕެންޝަން ސްކީމްތައް މެދުވެރިކޮށް ސްކީމުގެ ބައިވެރިންނަށް ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދިން ނަމަވެސް، ޕެންޝަން ސްކީމެއްގެ އަސާސީ ބޭނުމަކަށް ވާނީ މެންބަރުން ރިޓަޔާވުމަށްފަހު ކަނޑައެޅޭ ޕެންޝަނެއް ފޯރުކޮށްދިނުމާއި އެ ފޯރުކޮށްދެވޭ ޕެންޝަނަކީ އެކަށީގެންވާ އަދަދެއްތޯ ކަށަވަރު ކުރުމެވެ. އެހެން ކަމުން ޕެންޝަން ސްކީމެއް މެދުވެރިކޮށް ދެވޭ އެހެން ކޮންމެ ހިދުމަތެއް ވެސް ދެވެނީ ޕެންޝަން ފޯރުކޮށް ދިނުމަށް ބުރޫ ނާރާނެ ގޮތްތަކަށް ރޭވިގެންނެވެ.