މައިކަލް ބޭ ވަރުގަދަ ދެ ޕްރޮޖެކްޓަކަށް ތައްޔާރުވާން ފަށައިފި
މައިކަލް ބޭ ވަރުގަދަ ދެ ޕްރޮޖެކްޓަކަށް ތައްޔާރުވާން ފަށައިފި

އޭ ލިސްޓް ތަރިންނާ އެކު ބޮޑު ބަޖެޓްތަކުން، ވަރުގަދަ ފިލްމްތައް އުފައްދަން މަޝްހޫރު ޑައިރެކްޓަރު މައިކަލް ވަރުގަދަ ދެ ފިލްމެއް ގެނެސްދޭން ތައްޔާރީތައް ފަށައިފި އެވެ.

"ޓްރާންސްފޯމާ" ސީރީޒްގެ ފިލްމްތައް ވެސް ގެނެސްދޭ ޑައިރެކްޓަރު އަލަށް މަސައްކަތް ފަށާ ދެ ފިލްމްގެ ތެރެއިން އެއް ފިލްމަކީ ސްޓީވެން ސްޕީލްބާގް އެހީއާ ވެސް އެކު ހަދަން ނިންމާފައިވާ "ރޮބޮކެލިޕްސް" އެވެ. މިއީ ދުނިޔެ އަށް ވެރިވެރިގަންނަ ރޮބޮޓުންގެ ވާހަކަ ކިޔައި ދޭން ޑެނިއަލް އެޗް. ވިލްސަން 2011 ގައި ލިޔުނު ވާހަކަ "ރޮބޮކެލިޕްސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ވާހަކަ އަށް ސީދާ ސްޕީލްބާގް ވެސް ކުރިން ފިލްމެއް ޑައިރެކްޓް ކުރަން އުޅުނެވެ. އެކަމަކު ވަގުތުގެ ތާށިކަމާ ހުރެ، އޭނާ ޕްލޭން ކުރި ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން ފިލްމްް ނުހަދައި ބޭއްވީ އެވެ.

ބޭ ހަދަން ނިންމާފައިވާ އަނެއް ފިލްމަކީ "ޑެޑްޕޫލް" ގެ ފިލްމްތައް ލިޔެފައިވާ ޕޯން ވާނިކާއި ރީޓް ރީސްގެ ސްކްރީންޕްލޭއަކަށް ހަދާ "6 އަންޑަގްރައުންޑް" އެވެ. ފުރަތަމަ މަސައްކަތް ފަށަން ތާވަލްކޮށްފައި ވަނީ ވެސް މި ފިލްމެވެ. އަދި "6 އަންޑަގްރައުންޑް" އަންނަ އަހަރުގެ ހޫނު މޫސުމުގައި ސިނަމާތަކަށް އަންނާނެ އެވެ. ދެ ފިލްމަށް ބޭ ތައްޔާރުވަމުން ދިޔަ ނަމަވެސް، ފިލްމްތަކުގެ ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.

ބޭގެ ފިލްމާ ބެހޭ ގޮތުން ސްކައިޑާންސް މީޑިއާގެ ސީއީއޯ ޑޭވިޑް އެލިސަން ބުނީ ބޭއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

"އޭނަގެ މުޅި ކެރިއަރަށް ބެލިޔަސް ފިލްމީ ދާއިރާ އިންގިލާބުތަކެއް ގެނެސްދޭ ކަހަލަ ފިލްމްތަކެއް ހަދާފައި ހުރީ،" އޭނާ ބުންޏެވެ. "އެހެންވެ ބޭ އާއި އޭނާގެ ޓީމާ ގުޅިގެން މަސައްކަތްތަކެއްކޮށްލަން ލިބުމުން މި ތިބީ ވަރަށް ހިތްހަމަޖެހިފައި."

ބޭޑް ބޯއިސް (1995)، އާމަގެޑަން (1998) އަދި ޕާލް ހާބާ (2001) ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސް ދީފައިވާ ބޭ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ޓްރާންސްޕޯމާޒް: ދަ ލާސްޓް ނައިޓް" އެވެ.

ދުއިސައްތަ ފަސްދޮޅަސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، ޕެރަމައުންޓް ޕިކްޗާޒް އިން ގެނެސް ދިން ފިލްމަށް ބޮކްސް އޮފީހުގައި 605.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.