08 މާޗް 2018 - 11:56

ޕެރިސް (މާޗް 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމުގެ ހުވަފެން އަދިވެސް ދޫ ނުކުރާ ކަމަށް ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ފުލްބެކް ޑެނީ އަލްވެސް ބުނެފި އެވެ.
އުމުރުން 34 އަހަރުގެ އަލްވެސް މި ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވީ މެންޗެސްޓާ ސިޓީން ލިބިފައި އޮތް ފުރުސަތަކަށް ނޫނެކޭ ބުނުމަށް ފަހު އެވެ.
ފްރާންސްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އަލްވެސް ބުނީ އޭނާގެ އަމާޒަކީ އުމުރުން 40 އަހަރު ވަންދެން ފުޓްބޯޅަ ކުޅެގެން ކާމިޔާބު ހޯދުން ކަމަށެވެ.
"ޕީއެސްޖީގައި ހުރެގެން އަދިވެސް ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުން. އަހަރެންގެ އަދިވެސް އުއްމީދުތަކެއް އެބަހުރި. އެ ފުރިހަމަ ކުރަން ބޭނުން. އުމުރުން 40 އަހަރު ވަންދެން ފުޓްބޯޅަ ހަމައެކަނި ކުޅެލާކަށެއް ނޫން ބޭނުމީ. ކާމިޔާބު ހޯދަން ވެސް ބޭނުން،" އަލްވެސް ބުންޏެވެ.
އޭނާ ބުނީ މި ސީޒަން ފެށުމުގެ ކުރިން ސިޓީން ލިބުނު ހުށަހެޅުމަށް ފުރަގަސްދިނީ ހާލަތުގެ ގޮތުން ކަމަށެވެ.
"ހާލަތުގެ ގޮތުން އަހަރެން ޕީއެސްޖީ އަށް ބަދަލުވީ. އެކަމަކު އަހަރެންގެ ހުވަފެންތަކުން ދުރަށް ނުދާނަން. ޕްރިމިއާ ލީގުގައި ކުޅުމުގެ ހުވަފެން ވެސް ދުލެއް ނުކޮށްލަން. ގާޑިއޯލާ އެކީ މަސައްކަތް ކުރަން އަބަދުވެސް ބޭނުންވޭ،" އަލްވެސް ބުންޏެވެ.
ޕީއެސްޖީއާ އެކު އަލްވެސް ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެހެން ނަމަވެސް މި ސީޒަނަށް ފަހު އޭނާ ޕީއެސްޖީގައި މަޑުކުރުމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ޕީއެސްޖީން މި ސީޒަނަށް ފަހު ބޮޑު މުސާރަދޭ ބައެއް ކުޅުންތެރިން ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، އެ ކުޅުންތެރިންގެ ތެރޭގައި އަލްވެސް ވެސް ހިމެނެ އެވެ.