10 މާޗް 2018 - 08:09

މިދިޔަ މަހު ކުއްލި ގޮތަކަށް މަރުވި އިންޑިއާގެ ފުރަތަމަ އަންހެން ސްޕަސްޓާ ސްރީދޭވީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާ (އާރްޖީވީ) ފީޗާ ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް ދެކެވުނު ވާހަކަތައް އޭނާ ދޮގުކޮށްފައި ވަނިކޮށް، ސްރީދޭވީ ހަޔާތާ ބެހޭ ޑޮކިއުމަންޓްރީއެއް ހަދަން ނިންމައިފި އެވެ.

އާރްޖީވީ ބުނި ގޮތުގައި ސްކްރީންގައި ސްރޭދީވީގެ ކެރެކްޓާ ކުޅެވޭނެ ވަރުގެ ބަތަލާއާ އަކު އިންޑިއާ އިން ހޯދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ އޭނާގެ ވާހަކަ ބޮޑު ސްކްރީނަށް ގެނައުމަކީ މޮޔަ ކަމެއް ކަމަށް އޭނާ ކުރި ޓްވީޓެއްގައި ބުންޏެވެ.

ނަމަވެސް މިހާރު ސްރީދޭވީ، 54، ގެ ވާހަކަ ޑޮކިއުމަންޓްރީއެއްގެ ގޮތުގައި ގެނެސް ދޭން ނިންމީ އޭނާގެ ފިރިމީހާ އަދި ދެ ކުދިންގެ ބައްޕަ ޕްރޮޑިއުސަރު ބޯނީ ކަޕޫރެވެ. މި ޑޮކިއުމަންޓްރީ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްރީދޭވީގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމް ކަމަށްވާ 1978 ގެ ފިލްމް "މިސްޓަ އިންޑިއާ" ގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރްއާ އެވެ.
އޭނާއަކީ ބޯނީ އާއި ސްރީދޭވީގެ ވަރަށް ގާތް ރަހުމަތްތެރިއެއް ވެސް މެ އެވެ.
ޑޮކިއުމަންޓްރީއާ ބެހޭ ގޮތުން ބޯނީ ވެސް އަދި ޝޭކަރް ވެސް ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާ އިރު، ރިޕޯޓްތައް ބުނާ ގޮތުން އޭގައި ސްރީދޭވީގެ 50 އަހަރުގެ ފިލްމީ ކެރިއަރުގެ ދިގު ދަތުރާއި އޭނާގެ އެންމެ ފަހު ވިންދާ ހަމައަށް ކަންތައް ހިނގައި ދިޔަ ގޮތް ކިޔައި ދޭނެ އެވެ. އަދި ޑޮކިއުމަންޓްރީއެއް ގެނެސް ދޭން ނިންމި ސަބަބަކީ ސްރީދޭވީގެ ކުއްލި މަރާއި އޭނާގެ ހަޔާތާ ބެހޭ ގޮތުން ދެކެވިފައި ހުރި ބައެއް ވާހަކަތަކުގެ ތެދު ހަގީގަތްތައް ވެސް ހިއްސާ ކުރަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އުމުރުން އެންމެ 4 އަހަރުން ފެށިގެން ފިލްމް ކުޅެން ފެށި ސްރީދޭވީ ވަނީ 300 އާ ގާތް ކުރާ އަދަދަކަށް އިންޑިއާގެ އެކި ބަހުރުވަތަކުން ފިލްމްތައް ކުޅެފަ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "މޮމް" އެވެ. އަދި މި އަހަރުގެ ޑިސެމްބަރު 21 ގައި ރިލީޒް ކުރާ ޝާހްރުކް ހާންގެ ފިލްމް "ޒީރޯ" ގެ ހާއްސަ ފެނިލުމަކުން ސްރީދޭވީ ފެންނާނެ އެވެ.
އޭނާގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރް ބޮލީވުޑަށް ތައާރަފުވާ ފިލްމް "ދަޅަކް" މި އަހަރުގެ ޖުލައި 20 ގައި ރިލީޒް ކުރާނެ އެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި 21 އަހަރުގެ ޖާންވީވެގެން ދާނީ ސްރީދޭވީގެ ލެގަސީ ދިރުވާނެ މޮޅު ބަތަލާއަކަށެވެ.