17 ޖުލައި 2016 - 16:28

ސަރުކާރުގެ ލިޔެކިޔުންތަކާއި ރިކޯޑުތައް އިލެކްޓްރޯނިކް ނިޒާމަކުން ބެލެހެއްޓުމަށް މިލިއަނައަކަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ރޮބޮޓިކް ބުކް ސްކޭނަރެއް ގެނައުމަށް ސަރުކާރުން ސްރީ ލަންކާ ކުންފުންޏެއް ކަމަށްވާ ސަންޖޭ ލަންކާއާ މިއަދު ހަވާލުކޮށްފި އެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ނެޝަނަލް އާކައިވް މޯލްޑިވްސް ނުވަތަ ގައުމީ އަރުޝީފުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ތަނުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝާތިރެވެ. ލަންކާ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ތަނުގެ ޑިރެކްޓަރު ތޯރިގް ޝަނޫނެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝާތިރު ވިދާޅުވީ ރޮބޮޓިކް ސްކޭނާއަކީ މުޅިން އަލަށް ރާއްޖެއަށް ގެންނަ މެޝިނެއް ކަމަށެވެ. އެހެނިހެން މެޝިންތަކުން ނުކުރެވޭހާ ހަލުވި މިނެއްގައި ރޮބޮޓިކް ސްކޭނަރުގެ ބޭނުން ހިފޭނެ ކަމަށް ވެސް ޝާތިރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ލަފާ ކުރެވޭ ގޮތުން 10 ގަޑިއިރު މެޝިންތަކުން ކުރެވޭ މަސައްކަތް އަލަށް ގެންނަ މެޝިނުން 10 މިނެޓުން ކުރެވޭނެ." ޝާތިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ މިސްރާބު ޖަހާފައި ވަނީ ޓެކްނޮލޮޖީ ދާއިރާއިން މި ސަރަހައްދުގައި ހުރި ގައުމުތަކަށް ވުރެ ކުރިއަށް ދިއުމަށެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވި ގޮތުގައި މާލޭގެ ގުދަންތަކުގައި ރައްކާކޮށްފައި ހުރި ލިޔެކިޔުންތައް ދަނީ ނެތެމުންނެވެ. އަދި މުވައްޒަފުން ބޭނުންކޮށްގެން ލިޔެކިޔުންތައް ސްކޭން ކުރާ ނަމަ އެތައް ވަގުތުތަކާއި ހަރަދެއް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ގެންނަ ސްކޭނަރަކީ އެއް ގަޑިއިރު ތެރޭގައި 2500 ގަނޑު ސްކޭން ކުރެވޭނެ އެއްޗެއް. އެގޮތަށް އެކަންވާ ނަމަ، އެކި ފަރާތްތަކަށް ދައުލަތުގެ ލިޔެކިޔުންތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ،" އަޝްމަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޭނަރަށް ބޮޑު ހަރަދެއް ދިޔަ ކަމުގައި ވިޔަސް، ސްކޭނަރުގެ ސަބަބުން އެތައް ފައިސާއެއް ސަލާމަތް ކުރެވިގެންދާނެ ކަމަށެވެ. އަދި ސްކޭނަރު ގެނައުމުގެ ކުރިން ބޭރުގެ ގައުމުތަކުގައި އަރުޝީފުތައް ބަލަހައްޓަނީ ކޮން އުސޫލަކުންތޯ ދިރާސާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ރިކޯޑުތަކާއި ލިޔެކިޔުންތައް ޒަމާނީ އާލާތްތައް ބޭނުންކޮށްގެން އިލެކްޓްރޯނިކް ނިޒާމަކުން ބެލެހެއްޓުމަށް ގައުމީ އަރުޝީފަށް ގެންނާނީ ކުއިޑްނަސް ޓެކްނޮލަޖީސްގެ ރޮބޮޓިކް ބުކް ސްކޭނަރެކެވެ. މި ސްކޭނަރު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭ ގެންނާނެ އެވެ.
މި މެޝިން ގެނައުމާ އެކު ސަރުކާރުގެ ލިޔެކިޔުންތަކާއި ރިކޯޑުތައް އިލެކްޓްރޯނިކްސް ނިޒާމަކުން ބެލެހެއްޓުމަށް ސްކޭން ކުރުމުގެ މަސައްކަތް ކުރާނީ ގައުމީ އަރުޝީފާއި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ)އާ ގުޅިގެންނެވެ.
ނޭޝަނަލް އާކައިވް އިން އިމިގްރޭޝަނާ ގުޅިގެން ދަނީ ޕާސްޕޯޓް ސްކޭން ކުރުމުގެ ޕްރޮޖެކްޓެއް ހިންގަމުންނެވެ. ފިލައިގެން އުޅޭ ބިދޭސީން ދެނެގަތުމަށް މި މަޝްރޫއުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ގައުމީ އަރުޝީފުން ބުންޏެވެ.