08 މާޗް 2018 - 05:55

ދަރިއަކު ލިބޭ ހިސާބުން، އެ ދަރިފުޅު ވައްތަރީ މަންމައާތޯ ނުވަތަ ބައްޕައާތޯ ވަރަށް ގިނައިން ބަހުސް ކުރެވެ އެވެ. ހާއްސަކޮށް، އާއިލާތަކުގެ ތެރޭގައި މިކަމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގިނަ އެވެ.
ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި އަންހެން ކުއްޖެއް ނަމަ، މަންމައާ ވައްތަރުވެފައި، ފިރިހެން ކުއްޖެއް ނަމަ، ބައްޕައާ ވައްތަރުވުމަކީ އެންމެ ރަނގަޅު އެއް ގޮތެވެ. ނަމަވެސް މީގައި ތަންކޮޅެއް ދުރަށް ވިސްނާލުން ކިހިނެއް ވާނެ ހެއްޔެވެ؟
ފަހުގެ ދިރާސާއެއްގައި ބުނަނީ ދަރިފުޅު ބައްޕައާ ވައްތަރު ނަމަ، މާ ރަނގަޅު ކަމަށެވެ، ސަބަބަކީ މިއެވެ؛ ކޮންމެ ކަހަލަ ޖިންސެއްގެ ކުއްޖަކަށް ވިޔަސް، އެ ކުއްޖާ ބައްޕައާ ވައްތަރު ނަމަ ސިއްހަތު ރަނގަޅު، ދުޅަހެޔޮ ދަރިއަކަށްވާ ކަމަށް ނިއު ޔޯކްގެ ބާމިންޓަން ޔުނިވަސިޓީން ހެދި ދިރާސާ އިން ދައްކަ އެވެ.
އެ ދިރާސާގައި ބުނާ ގޮތުން ދަރިފުޅު ބައްޕައާ ވައްތަރު ނަމަ، ބައްޕަގެ އަޅާލުމާއި ލޯބި ލިބޭލެއް ވެސް ބޮޑެވެ. ނަޖީތާއަކަށް ވަނީ ބައްޕައާ ދަރިފުޅާ ދެމެދު އޮންނަ ގުޅުން، ސިފައިގެ ސަބަބުން ބޮޑުކޮށްދިނުމެވެ.
"ދަރިންނާ ބަައްޕައާ އޮންނަ ގުޅުން ވަރުގަދަވުމަކީ ސިއްހީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް ވަރަށް ގިނަ ފައިދާތައް ކުރާ ކަމެއް،" ދިރާސާގައި ބައިވެރިވި ސޮލޮމަން ޕޮލަޗެކް ވިދާޅުވި އެވެ. "ހާއްސަކޮށް، ދަރިފުޅު ބައްޕައާ ވައްތަރު ނަމަ އެ ދެމެދުގައި އޮންނަ ގުޅުން މާ ބޮޑަށް ވެސް ވަރުގަދަކޮށްދޭ."
ދަރިއަކު ހޯދަން ޕްލޭން ކުރާ ހިސާބުން ފެށިގެން ގޮސް، ވިހެއުމާ ހަމަށް ފިރިމީހާގެ ބައިވެރިވުން އަނބިމީހާ އަށް ބޭނުންވެ އެވެ. އަދި އެކީގައި ގިނަ ވަގުތު ހޭދަ ކުރުމާއި ދަރިފުޅުގެ ކަންކަމުގައި ފިރިމީހާގެ ހިއްސާ ބޮޑުވުމަކީ ސިއްހަތު ރަނގަޅު، ދުޔަހެޔޮ ދަރިއަކު ބޮޑުވުމަށް ބާރު އަޅާ ކަމެއް ދިރާސާގައި ބުންޏެވެ.