މަދޫރީ އާއި ފިރިމީހާ ޑރ. ނޭނޭ ޕްރޮޑަކްޝަން ހައުސްއެއް ލޯންޗްކޮށްފި
މަދޫރީ އާއި ފިރިމީހާ ޑރ. ނޭނޭ ޕްރޮޑަކްޝަން ހައުސްއެއް ލޯންޗްކޮށްފި

މަދޫރީ ޑިކްސިޓް މިހާރު ފިލްމްތަކުން ފެންނަލެއް މަދަސް އޭނާ ހުރީ އެކްޓިން އާއި ނެށުމުގެ ހުނަރު ކުރިއަރުވަން ފޫގަޅައިގެންނެވެ. އެގޮތުން ޑާންސް ވިތު މަދޫރީގެ ނަމުގައި އޮންލައިން އެކެޑެމީއެއް ހިންގަމުން އަންނަ އިރު، އޭނާ މިހާރު ވަނީ މަރާޓީ ފިލްމްތަކަށް ހާއްސަކޮށްގެން ޕްރޮޑަކްޝަން ހައުސްއެއް ވެސް ލޯންޗްކޮށްފަ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ އާއި އޭނާގެ ފިރިމީހާ ޑރ. ސްރީ ރާމް ނޭނޭ ގުޅިގެން އުފައްދާފައިވާ ކުންފުނީގެ ނަމަކީ އާރްއެންއެމް އެވެ. އެއީ ދެ މީހުންގެ ނަމުން ނަގާފައިވާ އަކުރުތަކެވެ.

މަދޫރީ ވަނީ އެ ކުންފުނި ރަސްމީކޮށް ލޯންޗް ކުރަން ބޭއްވި ހަފުލާގެ ފޮޓޯތައް ވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. މަރާޓީ ފިލްމްތަކަށް ހާއްސަ ކުންފުންޏެއް މަދޫރީ އާއި ނޭނޭ ލޯންޗް ކުރި، މަދޫރީ ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެނިގެން ދާނީ ވެސް މަރާޓީ ފިލްމަކުންނެވެ.

އެއީ ދާދި ފަހުން ޕޯސްޓަރު ވެސް ދައްކާލާފައިވާ ފިލްމް "ބަކެޓް ލިސްޓް" އެވެ.

އާރްއެންއެމްއާ ބެހޭ ގޮތުން މަދޫރީ ބުނީ އެ ކުންފުނީގެ ބޯޑްގައި ވަރުގަދަ ޓީމެއް އެބަ އޮތް ކަމަށާއި ކުންފުނީގެ ކަންކަން ކުރިއަށް ދާނީ ސީދާ އޭނާ އާއި ފިރިމީހާގެ ބެލުމުގެ ދަށުން ކަމަށެވެ.

"އަހަރެން ބޮޑަށް ހަރަކާތްތެރި ވާނީ އާޓިސްޓިކް ސައިޑްގައި. ރާމްގެ މައިގަނޑު ޒިންމާތަކަކަށް ވާނީ މާކެޓިން ސައިޑުން ކުރަން ޖެހޭ ކަންކަން،" މިހާރު އިންދަރް ކުމާރްގެ "ޓޯޓަލް ދަމާލް" ގައި މަސައްކަތ ކުރަމުން އަންނަ ބަތަލާ ބުންޏެވެ.

އަނިލް ކަޕޫރާއި އަޖޭ ދޭވްގަންއާ އެކު މަދޫރީ ފެނިގެންދާ "ޓޯޓަލް ދަމާލް" އަކީ 2014 ގައި ރިލީޒް ކުރި "ގުލާބް ގޭންގް" އަށް ފަހު، އޭނާ މަސައްކަތް ކުރާ ފުރަތަމަ ހިންދީ ފިލްމެވެ.

"ދޭވްދާސް" އާއި "ދިލް ތޯ ޕާގަލް ހޭ" އަދި "ހަމް އާޕް ކޭ ހޭ ކޯން" ދަދަ ފިލްމްތައް ކުޅެފައިވާ މަދޫރީ، 50، ބުނީ އޭނާ ފިލްމްތަކުގައި މަސައްކަތް ކުރުމަށް ވުރެ ބޮޑަށް މިހާރު އިސްކަން ދެ ފިރިހެން ދަރިންގެ ކަންކަމަށް ކަމަށެވެ.