ތައްޔިބުގެ ދިރާގު ސިމް ކާޑު އެހެން މީހަކަށް ދޫކުރި ގޮތް އޮޅުންފިލުވައި ދިނުމަށް އެދިއްޖެ
ތައްޔިބުގެ ދިރާގު ސިމް ކާޑު އެހެން މީހަކަށް ދޫކުރި ގޮތް އޮޅުންފިލުވައި ދިނުމަށް އެދިއްޖެ

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ތައްޔިބު ޝަހީމް ބޭނުންކުރަމުން އައި ދިރާގުގެ ސިމް ކާޑު އެހެން މީހަކަށް ދޫކޮށްފައިވާ ކަމުގެ ތުހުމަތުކޮށް، އެކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވައި ދިނުމަށް އެ ކުންފުނީގައި އޭނާ މިއަދު އެދިއްޖެ އެވެ.

ސަރުކާރުގެ ބައެއް ކަންކަން ސޯޝަލް މީޑިއާގައި އާއްމުކޮށް، ފާޑުކިޔަމުންދާ ތައްޔިބު ދިރާގަށް ފޮނުވި ސިޓީގައި އެ ކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި، އޭނާ ބޭނުން ކުރަނިކޮށް ސިމްގެ ޚިދުމަތް މެދުކަނޑާލީ، ސިމް ކްލޯން ކުރުމަށް ފަހު ނުވަތަ އެ ނަމްބަރުގައި އެހެން ސިމެއް ދޫކުރުމަށް ފަހު ކަމަށް ތޮއްޔިބު ތުހުމަތުކުރެ އެވެ.

މިހާރު ސްރީ ލަންކާގައި ދިރިއުޅޭ ތޮއްޔިބު ބުނީ، އިއްޔެ އިން ފެށިގެން އޭނާގެ ދިރާގު ސިމްގެ ޚިދުމަތް މެދުކަނޑާލީ ކުއްލި ގޮތަކަށް ކަމަށެވެ. އެ އަށް ފަހު، އެ ސިމް ބޭނުން ކޮށްގެން، އޭނާ ބޭނުންކުރާ އެހެނިހެން ޚިދުމަތްތަކުގެ ޕާސްވޯޑުތައް ބަދަލުކޮށްފައިވާ ކަމަށް ވެސް ތައްޔިބު ބުންޏެވެ.

"މި ދެންނެވި ޕާސްވޯޑުތައް ބަދަލުކޮށްފައި ވަނީ ދިރާގުގެ ފަރާތުން އަޅުގަނޑު ބޭނުން ކުރަމުން ދިޔަ ....ނަމްބަރު މޯބައިލް ސިމް ކްލޯން ކޮށްގެން ނުވަތަ އެހެން ފަރާތަކަށް ފޯރުކޮށްދީގެން ކަން ވަނީ ޔަގީން ކުރެވިފަ އެވެ،" ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ސިޓީގައި ތައްޔިބު ބުނެފައި ވެ އެވެ.

ތައްޔިބުނު ބުނިގޮތުގައި ޚިދުމަތް މެދުކަނޑާލަން ނުވަތަ އޭނާގެ ނަމްބަރު އެހެން މީހެއްގެ ނަމަށް ބަދަލުކުރަން އެއްވެސް ލިޔެކިޔުމެއް އެއްވެސް ފަރާތަކާ ހަވާލުކޮށްފައި ނުވާނެ އެވެ.

"އަޅުގަނޑު ދިރާގުން ޚިދުމަތް ހޯދަމުން ދިޔަ ސިމްގެ ޚިދުމަތް ކަނޑާލީ ކޮން އުސޫލަކުންތޯ އާއި އަދި އަޅުގަނޑު ބޭނުން ކުރަމުން ދިޔަ ސިމް ކްލޯން ކުރުމަށް ފަހު ނުވަތަ އަލުން އިޝޫ ކުރުމަށް ފަހު އެ ނަމްބަރުގެ ސިމް ކާޑު ދިނީ ކޮން ފަރާތަކަށް ކޮން އުސޫލަކުންތޯ އަންގަވައިދެއްވުން އެދެމެވެ،" ތައްޔިބުގެ ސިޓީގައި ވެ އެވެ.

ސިމް ކާޑު އެހެން މީހަކަށް ދޫކޮށްފައިވާ ކަމަށް ބުނެ ދިރާގަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައި ވަނިކޮށް، އެ ކުންފުނިން ރޭ ބުނެފައި ވަނީ ޒިންމާދާރު ޓެލެކޮމް ކުންފުނިތަކުން މަސައްކަތް ކުރާ ފަދައިން އަބަދު ވެސް ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ދިރާގުން ވެސް ރައްކާތެރި ކުރާ ކަމަށެވެ.

އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށާއި ކަސްޓަމަރުންގެ އިތުބާރަކީ އެ ކުންފުންޏަށް ވަރަށް މުހިންމު އެއްޗެއް ކަމަށް ވެސް ދިރާގުން ބުނެފަައި ވެ އެވެ.