07 މާޗް 2018 - 16:24

ފްލެޓް ދޭނެ ކަމަށް ބުނެ ފައިސާ އަތުލާފައި ހައުސިން މިނިސްޓްރީގެ ނަމުގައި ވަގު ރަޖިސްޓްރީތަކެއް ހަދައިދޭތީ، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެފަދަ މަކަރުވެރި އަމަލްތަކަށް ސަމާލުވުމަށް އެދި އެ މިނިސްޓްރީން ނޫސްބަޔާން ނެރުނު އިރު، ބައެއް މީހުން ވަނީ ގާކޮށިން ބައެއް ފްލެޓް ގަންނަން ހަރަދުކޮށް، އަދި ނުބައި ރަޖިސްޓްރީތަކާ ވެސް ހަވާލުވެފަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ އެއީ ރައްޔިތުންގެ ހައްގުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ފަރުނުޖެއްސޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން މިނިސްޓްރީން އެދުނީ އެފަދަ ކަމެއްގައި ބައިވެރިނުވުމަށެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ސައްހަ ނޫން ރަޖިސްޓްރީތައް ހެދުމުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް މިހާރު ވަނީ އަންގައިފަ އެވެ.
"ސަރުކާރުގެ ގެދޮރުވެރިކަމުގެ އެކި މަޝްރޫއުތަކުގެ ދަށުން މި މިނިސްޓްރީން ފްލެޓް ދޫކުރަމުންދަނީ އެކަމަށް ކަނޑައެޅިފައިވާ ހާއްސަ އުސޫލްތަކާއި ގަވައިދުތަކާ އެއްގޮތަކަށް ކަމަށާއި އެ ނޫން ގޮތަކަށް މި މިނިސްޓްރީން އެއްވެސް ފަރާތަކަށް ފްލެޓް ދޫނުކުރާނެ ވާހަކަ މި ފުރުސަތުގައި ދެންނެވީމެވެ،" ނޫސްބަޔާނުގައި ބުނެފައިވެ އެވެ.