07 މާޗް 2018 - 16:25

ވޮޝިންޓަން (މާޗް 7) - ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުން 200 ދަރަޖަ އަށް ވުރެ ދަށަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެއްޓި މިލްކިއްޔާތުގެ އަގު ވެސް 3.5 ބިލިއަން ޑޮލަރުން 3.1 ބިލިއަން ޑޮލަރަށް ދަށްވެއްޖެ އެވެ.
ޓްރަމްޕުގެ އާމްދަނީ ދަށްވެފައި ވަނީ ނިއު ޔޯކުގެ ޕްރޮޕަޓީ އަގު ދަށްވުމާއި ގޮލްފް ކޯސްތަކުގެ އާމްދަނީ ދަށްވުމުންނެވެ.
ފޯބްސްގެ މުއްސަނދިންގެ ލިސްޓުގެ އެއް ވަނަ އަށް މިފަހަރު އަރާފައި ވަނީ އެމެޒޮންގެ ފައުންޑާ ޖެފް ބެޒޮސް އެވެ. މިދިޔަ އަހަރު ބެޒޮސްގެ އާމްދަނީ ވަނީ 112 ބިލިއަން ޑޮލަރަށް މައްޗަށް ޖައްސައިފަ އެވެ. މިއީ އަހަރު ދުވަހު ތެރޭ މީހެއްގެ މުއްސަނދިކަން މިހާ ބޮޑަށް އެރި ފުރަތަމަ ފަހަރެވެ. ބެޒޮސްގެ މި ބޮޑު ކުރިއެރުމާ އެކު މައިކްރޯސޮފްޓުގެ ބާނީ ބިލް ގޭޓްސް ވަނީ ދެ ވަނަ އަށް ވެއްޓިފަ އެވެ. ގޭޓްސްގެ މުއްސަނދިކަން ވަނީ މިދިޔަ އަހަރުގެ 86 ބިލިއަން ޑޮލަރުން 90 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. ވޭތުވެދިޔަ 24 އަހަރު ތެރޭ ފޯބްސްގެ ލިސްޓުގައި ގޭޓްސް ވަނީ 18 ފަހަރު އެއް ވަނަ އަށް އަރައިފަ އެވެ.
ލިސްޓުގެ ތިން ވަނައިގައި ވަނީ އެމެރިކާގެ އިންވެސްޓްމަންޓުގެ ސުޕަސްޓާ ވޮރެން ބުފޭ އެވެ. އޭނާގެ މިދިޔަ އަހަރުގެ 75.6 ބިލިއަން ޑޮލަރުން މި އަހަރު ވަނީ 84 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. ލިސްޓުގެ ހަތަރު ވަނައިގައި އަދި ޔޫރަޕުގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ހިމަނާފައި ވަނީ އެލްވީއެމްއެޗުގެ ވެރިޔާ ބާނާޑް އާނޯލްޓެވެ. އޭނާގެ މިލްކިއްޔާތުގެ އަގަކީ 72 ބިލިއަން ޑޮލަރެވެ.
ދުނިޔޭގެ ބިލިއަނަރުންގެ 32 ވަނަ އަހަރީ ރޭންކިންގައި މި ފަހަރުގެ އަދަދުގައި ވަނީ 2،208 ބިލިއަނަރުން ހިމަނައިފަ އެވެ.
އެންމެ ބިލިއަނަރުން ގިނައީ އެމެރިކާގަ އެވެ. އެ ގައުމުގައި 585 ބިލިއަނަރުން ތިބި އިރު ކެލިފޯނިއާގައި އެކަނި ވެސް 144 ބިލިއަނަރުން އެބަތިއްބެވެ. ދެ ވަނަ ގައުމަކީ ޗައިނާ އެވެ.