08 މާޗް 2018 - 05:55

އެއް ތާރީހެއްގައި ފިލްމްތައް ސިނަމާތަކަށް ގެނައުމަކީ ބޮލީވުޑްގައި ހަނގުރާމަ އިއުލާން ކުރުން ކަހަލަ ކަމެކެވެ. ހާއްސަކޮށް މަޝްހޫރު ތަރިން ހިމެނޭ، ބޮޑެތި ސްޓޫޑިއޯތަކުގެ ފިލްމްތަކެވެ.
އަންނަ އޮކްޓޯބަރު މަހުގެ 7 އަށް ބަލާ އިރު މިއީ ހަމަ ރަނގަޅަށް ވެސް ހަނގުރާމައަކަށް ދާން ޖެހޭނެ ކަހަލަ ދެ ފިލްމެއް ރިލީޒް ކުރަން ތާވަލްކޮށްފައި އޮތް ދުވަހެކެވެ. އެއް ފިލްމަކީ އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ހަނގުރާމަ ފިލްމް ބޯޑަރު (1997) ގެ ޑައިރެކްޓަރު ޖޭޕީ ދައްތާ ޒަމާންގަނޑަކަށް ޑައިރެކްޝަނާ ދުރުގައި ހުރުމަށް ފަހު، ބެލުންތެރިންނަށް ގެނެސްދޭ ހަނގުރާމަތީ ފިލްމް "ޕަލްޓާން" އެވެ. މިއީ ބޮޑު ކާސްޓެއް ވެސް ހިމެނޭ ފިލްމެކެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދު 1967 ގައި ހިނގާފައިވާ ހަނގުރާމައަކަށް ބިނާކޮށް ހަދާފައިވާ ފިލްމްގެ ކާސްޓުންގެ ތެރޭގައި ސުނިލް ޝެޓީ، އަރުޖުން ރާމްޕާލް، އީޝާ ގުޕްތާ، ޖެކީ ޝްރޮފް، ލަވް ސިންހާ، ސިދާންތު ކަޕޫރް، ސޮނާލް ޗޯހަން، ހާޝްވަރްދަން ރާނޭ، ސޯނޫ ސޫދް، ގުރްމީތު ޗައުދަރީ، ދިޕިކާ ކައްކަރް (ފާއިޒާ ޝުއައިބް) އަދި ރޯނިތު ރޯއި ހިމެނެ އެވެ.
ސެޕްޓެމްބަރު 7 ގައި ރިލީޒްކުރާ އަނެއް ފިލްމަކީ ބޮލީވުޑްގައި ކޮމާޝަލް ފިލްމްތައް ގެނެސް ދިނުމުގައި އެންމެ އަރާ ހުރި އެއް ކުންފުނި ކަމަށްވާ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ "ޑްރައިވް" އެވެ. މި ފިލްމަކީ 2008 ގައި "ދޯސްތާނާ" ގެނެސް ދިން ޑައިރެކްޓަރު ތަރުން މަންސުކާނީ ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. ތަރުންގެ ދެވަނަ ޑައިރެކްޝަން އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނަން އޮތީ މި އަހަރުގެ ހޮލީއާ ދިމާކޮށް މި މަހުގެ 2 ގަ އެވެ.
"ޑްރައިވް" ގެ ލީޑް ރޯލުން ފެނިގެން ދާނީ ބޮޑު ސްކްރީނުން އެކުގައި އަލަށް ފެނިގެންދާ ސުޝާންތު ސިންގް ރާޖްޕޫތާއި ޖެކްލީން ފެނާންޑޭޒެވެ.
އެއް ތާރީހެއްގައި "ޕަލްޓާން" އާއި "ޑްރައިވް" ރިލީޒް ކުރަން ތާވަލްކޮށްފައި އޮތަސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ދެ ފިލްމަކީ ވަރަށް ތަފާތު ދެ ޖޯންރާއެއްގެ ދެ ފިލްމްކަމެވެ. އެހެންވެ އެއް ދުވަހެއްގައި ރިލީޒްކޮށްގެން ދެ ފިލްމަށް ލިބޭނެ މާ ބޮޑު ގެއްލުމެއް ނެތޭ ބުނެވި ދާނެ އެވެ.
އެކަމަކު ވެސް އެއް ތާރީހެއްގައި ދެ ފިލްމް ރިލީޒް ކުރާތީ، ވިޔަފާރި ބެހިގެން ދާނެ އެވެ. އެހެންވެ އެއީ ބޮސްކް އޮފީހުގައި ކުރަން ޖެހޭނެ ހަނގުރާމައެކެވެ.