08 މާޗް 2018 - 10:28

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މަޖިީހުގެ މެމްބަރުކަމުން ވަކިވާ ގޮތް ހަދަން ސަރުކާރުން ހުށަހެޅި، އެންޓި ޑިފެކްޝަން ބިލަކީ މެމްބަރުންގެ ހަތަރެސްފައިގައި ބިޑި އަޅުވަން ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން، މަޖިލީހަށް ފޮނުއްވާފައިވާ މި ބިލުގެ ފުރަތަމަ ކިއުން އިއްޔެ އިއްވި އިރު، މި ބިލާ ގުޅިގެން ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އެކަމަކު، ނިހާނު "މިހާރު" އަށް ރޭ ވިދާޅުވި ގޮތުގައި އެއްވެސް މެމްބަރަކު މި ބިލަށް ދެކޮޅެއް ނުހައްދަވަ އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު "މިހާރު" އަށް ވިދާޅުވި ގޮތުގައި ބިލުގެ މުޅި މަގްސަދު އޮތީ ވެރިކަން ދެމެހެއްޓޭނެ އިތުރު ގޮތެއް ނެތިގެން މެމްބަރުން ފިއްތާލަން ކުރާ ކަމެއްގެ ގޮތުގަ އެވެ. އެގޮތުން ސަރުކާރުން އުޅެނީ މެމްބަރުންގެ ހަތަރެސް ފައިގައި ބިޑި އަޅުވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ ގާނޫނުއަސާސީގައި މެމްބަރުން މަޖިލީހުން ވަކިވާނެ ހާލަތްތައް ބަޔާންކޮށްފައި ހުރި އިރު، އޭގެ މައްޗަށް ގާނޫނު ހަދައިގެން މެމްބަރުންނަށް ޝަރުތުތަކެއް ކުރިމަތި ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބިލުން ރައްޔިތުންގެ ހައްގުގައި ބަސް ބުނުމުގެ ހައްގެއް ނޯންނާނެ މެމްބަރުންނަކަށް. ނުފޫޒު ގަދަ ލީޑަރުންގެ އަޅުންނަށް މެމްބަރުން މި ވެގެން ދަނީ ބިލުގެ ސަބަބުން. މީގެ ބުރަ ހަގީގަތުގައި އުފުލަން ޖެހޭނީ ރައީސް އަބްދުﷲ ޔާމީންގެ ކައިރީގައި ތިއްބެވި މެމްބަރުން،" އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެމްބަރުންނަށް ވެސް އެ "މެމްބަރުންގެ ކަރަށް މަޅިއެއް މެހޭކަން" އެބަ ގަބޫލުކުރެވެ އެވެ. ޕީޕީއެމްގެ ދެތިން މެމްބަރަކު ފިޔަވައި، ދެން ތިއްބެވި ހުރިހާ މެމްބަރުން ވެސް ހިތާއި ރޫހުން ބިލަށް ދެކޮޅު ހައްދަވާ އިރު، މިއީ މެމްބަރުން ފާޅުގައި ބަސް ބުނަން ޖެހޭ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތައް ކޮށައި ކުދިކޮށްލުމަށް ފަހު، އެންމެ ފަހުން ރައީސް ޔާމީން "މި ހިފީ މެމްބަރުންގެ ކަރުގައި" ކަމަށް އަމީތު ވިދާޅުވި އެވެ. އެހެންވެ، މެމްބަރުން އަރާ ވަޑައިގެން ތިއްބެވި "ގޮފި އަމިއްލަ އަށް" ކަނޑާނުލުމަށް ވެސް އަމީތު ވަނީ ޕީޕީއެމް މެމްބަރުންނަށް ގޮވާލައްވައިފަ އެވެ.
"މިއީ މެމްބަރުންގެ އަޑު ކަނޑުވާލަން ވެގެން ފޮނުވާ ނުރައްކާތެރި ރޮކެޓެއް. ރައީސް ޔާމީނަށް އާނ ބަސް ބުނާކަށް ނުޖެހޭ. މެމްބަރުން ކަފުންވެގެން ދިއުމުގެ ކުރިން ބަސް ބުނަން ޖެހޭ،" އަމީތު ވިދާޅުވ އެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ބިލުން ގާނޫނުއަސާސީގެ ބައެއް މާއްދާތަކުގެ ބާރު ކެނޑިގެންދާނެ އެވެ. އެއީ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ އާއި 90 ވަނަ މާއްދާ އާއި 70 ވަނަ މާއްދާގެ ތިން ވަނަ ނަންބަރެވެ.
ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި ވަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގަ އެވެ. ގާނޫނުއަސާސީގެ 90 ވަނަ މާއްދާގައި ވަނީ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި މެމްބަރަކު އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް އެ މީހަކަށް ހާޒިރުކޮށް، ނުވަތަ އެމީހަކާ މެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް، ނުވަތަ ބަންދެއްކޮށް، ނުވަތަ އެ މީހަކާ މެދު ދައުވާކޮށްގެން ނުވާނެ އެވެ.
މީގެ އިތުރުން ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ތިން ވަނަ ނަންބަރުގައި ވަނީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމެވެ. އަދި ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތެއްގެ މަތިން ފިޔަވަޅުތައް އެޅުމެވެ.
ދީދީ ވިދާޅުވި ގޮތުގައި ބިލުން ގާނޫނުއަސާސީގެ މި މާއްދާތަކުގެ ބާރު ކެނޑި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މެމްބަރުންނަށް އޮތް ފުރުސަތު އެއްކޮށް ހަނިވާނެ ކަމަށެވެ. އަދި ޕާޓީގެ ސުލޫކީ ކޮމެޓީއެއްގެ ނިންމުމެއްގެ ސަބަބުން މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ބިލު އޮތުމުން އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ސަރުކާރު ޒިންމާދާރު ކުރުމުގެ ބާރު ނެތިގެން ގޮސް، ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވާ ގޮތަށް އެންޓި ޑިފެކްޝަން ބިލުން ބާރު ލިބިގެންދާނެ،" ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮންމެ މެމްބަރަކު އެ ތަމްސީލް ކުރައްވަނީ 5000 އަށްވުރެ ގިނަ ރައްޔިތުންނެވެ. އެ މެމްބަރާ ރައްޔިތުންގެ މަސްއޫލިއްޔަތުތައް ހަވާލު ކުރައްވާފައި ވަނީ، ހުރިހާ ރައްޔިތުންނަށް "ގޮނޑީގައި" އިށީނދެގެން ތިބުމުގެ އިހްތިޔާރު ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ފެނިގެން މި ދަނީ ދެތިން މީހެއްގެ އަތް މައްޗަށް ބާރުތައް ދާ ތަން ކަމުގައި އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެންޓި ޑިފެކްޝަން ބިލަކީ މަޖިލިސް ފުނޑާލުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށެވެ. އެއީ ޕީޕީއެމް މެމްބަރުން އަމިއްލަ ކަރުގައި ވަޅި އެޅުން ފަދަ ކަމެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.
"މަޖިލީހުގެ މެމްބަރުން އަޅުވެތިކޮށް، ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ވަކިކޮށް ގޮނޑި ގެއްލޭ ގޮތަށް ރައީސް ޔާމީންގެ ޕީޕީއެމުން ހުށަހަޅާފައިވާ ހުށަހެޅުމަކީ ސުޕްރީމް ކޯޓު ފުނޑާލުމަށްފަހު، މަޖިލިސް ވެސް ފުނޑާލުމަށް ކުރާ އަމަލެއް. ޕީޕީއެމްގެ މެމްބަރުން އަމިއްލަ ކަރުގައި ވަޅި އެޅުން ފަދަ ކަމެއް،" ޖަމީލް ވިދާޅުވި އެވެ.