07 މާޗް 2018 - 15:21

މި ދިޔަ އަހަރުގެ އަންހެނުންގެ ދުވަސް އއ. ބޮޑުފޮޅުދޫގައި ފާހަގަ ކުރީ ވަރަށް ތަފާތު ގޮތަކަށެވެ. އެހެންވެ، މާދަމާ ފާހަގަ ކުރާ އަންހެނުންގެ ދުވަސް ވެސް އެ ރަށު ފިރިހެނުން އާދައިގެ ގޮތަކަށް ނިންމާނުލާނެކަން އަންހެންވެރިންނަށް އެނގެ އެވެ. އެކަމަކު އަންހެނުންގެ ދުވަހުގެ ތަފާތު ހަރަކާތްތަކެއް މިއަދު ބާއްވައި، އެ ރަށު ފިރިހެނުން ވަނީ އަންހެންވެރިން ހެއްވާލައިފަ އެވެ.

އާބާދީގައި 800 މީހުން ދިރިއުޅޭ އެ ރަށުގައި، އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އެންމެ ފުރަތަމަ ކަމެއްގެ ގޮތުން އޮތީ ދަރިން ބަލައި ފިރިހެނުން ސްކޫލު ދޮށަށް ދިޔުމެވެ. އެ ރަށުގައި އަންހެނުންނަށް ހާއްސަ ވެފައިވާ މި ކަންތައް ފިރިހެނުން މިއަދު ކުރީ ވަރަށް ސިއްރުންނެވެ. އާއްމުކޮށް ސްކޫލު ނިމޭ ވަގުތަށް ވުރެ ފަސް މިނިޓް ކުރިން ކިޔެވުން ނިންމާލުމުން، ފިރިހެނުން ދަރިވަރުން ގޮވައިގެން ގެ އަށް ދިޔައިރު އަންހެންވެރިންނާ ދިމާވީ މަގުމަތިންނެވެ.

"އެ މީހުން ހިޔެއް ނުކުރާނެ އަޅުގަނޑުމެން މިއަދު އެ ދުވަސް ފާހަގަ ކުރާނެ ކަމަކަށް. އަޅުގަނޑުމެން ކުދިން ގޮވައިގެން ގެ އަށް ދިިޔައިރު އެ މީހުން އާދޭ ކުދިން ބަލާ. އަޅުގަނޑުމެން ފެނުމުން ވަރަށް ސަޕްރައިޒްވެ، އުފާވެފައި ތިބީ،" ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވި އެވެ.

ފިރިހެންވެރިން ސްކޫލު ދޮށަށް ކުދިން ބަލައި ދިޔައީ "އަންހެނުންގެ ދުވަސް" ޖަހާފައިވާ ފޮތިކޮޅެއް ބޮލުގައި އައްސާލައިގެންނެވެ.

މިކަން ކުރީ އެ ރަށުގެ 120 ފިރިހެނުން ގުޅިގެންނެވެ. އަދި މިއަދު ހަވީރާއި ރޭގަނޑު އިތުރު ހަރަކާތްތަކެއް ބާއްވަން އެ މީހުން ވަނީ ނިންމައިފަ އެވެ.
ޝުޖާއު ވިދާޅުވީ މިއަދު ހަވީރު އެ ރަށުގެ ފިރިހެނުން، އަންހެނުންނަށް ހާއްސަ ކޮށްގެން ބޮޑުބެރު ޝޯއެއް ބާއްވާ އިރު މިރޭގެ ކެއުން ވެސް ތައްޔާރުކުރުމަށް ހަމަޖައްސާފައިވަނީ ފިރިހެނުން ކަމަށެވެ.
ގުރޫޕުތަކަކަށް ބަހާލައިގެން ފިރިހެނުން ކައްކާ އިރު، އޭގައި އަންހެނުން އެއްވެސް ވަރަކަށް ބައިވެރިވުމަކީ މަނާ ކަމެކެވެ. ގޭގައި ކެއްކުމަށް ފަހު، އެ ރަށު ބަނދަރު ސަރަހައްދުގައި އޮންނަ ހާއްސަ "ޑިނާ"އެއްގައި ކާތަކެތި އަތުރާފައި ހުންނަ އިރު އަންހެންވެރިން އެ ތަކެތި ރަހަ ބަލައި ވަނަ ހޮވުމަށް ވެސް ވަނީ ރާވާފަ އެވެ.
"ވަރަށް ތަފާތު ކެއުންތައް އަޅުގަނޑުމެން ހަދާނަން. އެ ކެއުންތަކަށް ވަނަ ހޮވައި އިނާމު ހަވާލު ކުރާނީ ވެސް ހަމަ އަންހެނުން،" އެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކައުންްސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަފާތު ގޮތަކަށް އަންހެނުންގެ ދުވަސް ފާހަގަ ކުރަން ނިންމީ، އެ މީހުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އެ މަސައްކަތުގެ އިހުސާސް ފިރިހެނުން ވެސް ކުރުމަށެވެ. އަދި އަނބިން އުފާކޮށްދީ، ގުޅުން ވަރުގަދަ ކުރުން ކަމުގައި ޝުޖާއު ވިދާޅުވި އެވެ.
އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ބޮޑުފޮޅުދޫގައި މިދިޔަ އަހަރު ވަނީ، އަންހެނުން ހެނދުނު ތެދުވެ، ގޯތިތެރެ އާއި މަގުމަތި ކުނިކެހުމުގެ ކުރިން ފިރިހެންވެރިން ނުކުމެ އެކަންކޮށްފަ އެވެ. އަދި ގޭގެ އަށް ޒިޔާރަތް ކޮށް އަންހެނުންނަށް ހަދިޔާދީ ކެއުންތައް ތައްޔާރުކުރީ ވެސް ފިރިހެނުންނެވެ.