ފުލުހުންގެ ވާޖިބު އަދާކުރުމުގައި ފަސްނުޖެހުމަށް ޕީޖީ ގޮވާލައްވައިފި
ފުލުހުންގެ ވާޖިބު އަދާކުރުމުގައި ފަސްނުޖެހުމަށް ޕީޖީ ގޮވާލައްވައިފި

ފުލުހުންގެ ވާޖިބުތައް އަދާކުރުމުގައި ފަސް ނުޖެހުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ފުލުހުންނަށް ގޮވާލައްވައިފި އެވެ.

ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުގެ ދަސްވެނިންގެ ޝަރަފުގައި މިދިޔަ ހޯމަ ދުވަހު ދ. ވާނީގައި ބޭއްވި ރަސްމިއްޔާތުގައި ބިޝާމް ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ ޝަރަފުވެރި މަސައްކަތެއް ކަމަށެވެ.

ފުލުހުން ކުރި ހުވަޔާ އެއްގޮތަށް، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ ދަށުން އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާއި ކެރުމާއެކު ފުލުހުންގެ ވާޖިބު އަދާކޮށްދެއްވުމަށް ބިޝާމް އެދިވަޑައިގެންނެވި އެވެ.

ބިޝާމް ވިދާޅުވި ގޮތުގައި ގައުމެއްގެ ދެމެހެއްޓެނިވި ތަރައްގީގައި ފުލުހުންގެ ދައުރު ވަރަށް މުހިއްމެވެ. ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ މުޖުތަމައުގެ ހަމަޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އާ ގޮތްތައް ހޯދައި މަސައްކަތްތައް ތަރައްގީކޮށް ޒަމާނީކުރުން މުހިންމު ކަމުގައި ވެސް ޕީޖީ ވިދާޅުވި އެވެ.

މާޒީން ފިލާވަޅު ލިބިގަނެ، މުސްތަގުބަލް ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، އެކަންކަން އިތުރަށް ރަނގަޅު ކުރުމަށް ބިޝާމް ވަނީ އިރުޝާދު ދެއްވައިފަ އެވެ.

ފުލުހުންގެ މަސައްކަތް އަންހެނުންނަށް ވެސް ކުރެވޭނެކަން ފާހަގަކުރައްވަމުން ބިޝާމް ވިދާޅުވީ އަންހެނުންނަކީ ފިރިހެނުންނާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރެވޭނެ ބައެއް ކަމަށެވެ. އަދި އަންހެނުންނަށް ދިމާވާ ދަތިތައް ހައްލުކޮށް ކުރިއަށް ދެވޭނެ މަގު މިހާރަށް ވުރެ ބޮޑަށް ފަހިކޮށްދެއްވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި، 29 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުގައި 100 ފިރިހެނުންނާއި 19 އަންހެނުން ބައިވެރިވި އެވެ. ތަމްރީން ކޯހުގައި 99 ފުލުހަކު ސެޓްފިކެޓް ހާސިލްކުރި އެވެ.

ފުލުހުންގެ ވާޖިބު އަދާކުރުމުގައި ފަސްނުޖެހުމަށް ޕީޖީ އެދިވަޑައިގެންނެވިއިރު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ އެއްގޮތަށް ނޫން ކަމަށް ޕީޖީ ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ. އެހެންވެ، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން އެއްވެސް މީހަކު ބަންދުގައި ބެހެއްޓޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޕީޖީ، ފުލުހުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.