ޓްރަމްޕުގެ އިގްތިސާދީ މުޝީރު ވެސް އިސްތިއުފާ ދެއްވައިފި
ޓްރަމްޕުގެ އިގްތިސާދީ މުޝީރު ވެސް އިސްތިއުފާ ދެއްވައިފި

ވޮޝިންޓަން (މާޗް 7) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިގްތިސާދީ މުޝީރު ގެރީ ކޯން އިސްތިއުފާ ދެއްވަން ނިންމަވައިިފި އެވެ.

ޓްރަމްޕުގެ ޓީމުން ފަހަކަށް އައިސް ވަނީ މަތީ މަގާމުތަކުގައި ތިއްބެވި ގިނަ ބަޔަކު އިސްތިއުފާ ދެއްވައިފަ އެވެ. މިނިވަން ވިޔަފާރީގެ ސިޔާސަތަކަށް ތާއީދު ކުރައްވާ ކޯން ވަނީ އެލުމިނިއަމް އާއި ސްޓީލުން ޑިއުޓީ ނަގަން ޓްރަމްޕް ނިންމެވުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެންފަ އެވެ.

ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ކޯން ވިދާޅުވެފައި ވަނީ ގައުމަށް ޚިދުމަތް ކުރަން ފުރުސަތު ލުބުމަކީ ބޮޑު ފަޚުރެއް ކަމަށެވެ. ގޯލްޑްމެން ސެކްސް ބޭންކުގެ ކުރީގެ ރައީސް ވަނީ ޓްރަމްޕުގެ ޓެކްސް ރިފޯމް ޕްލޭނަށް ބޮޑު އެހީތެރިކަމެއް ދެއްވައިފަ އެވެ.

ވައިޓް ހައުސް އިން ބުނީ ކޯން އިސްތިއުފާ ދެއްވި ނަމަވެސް މަގާމުން ވަކިވެވަޑައިގަންނަވާ ތާރީޚު އަދި ޔަގީން ނުވާ ކަމަށެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ އިގްތިސާދީ މުޝީރަކީ "ވަރަށް ނުލިބޭނެ ފަދަ ހުނަރުވެރިއެއް" ކަމަށެވެ. އަދި ކޯންގެ ބަދަލުގައި އެހެން ބޭފުޅަކު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހޯޕް ހިކްސް މިދިޔަ ހަފުތާގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އަކީ އެ މަގާމު ދޫކޮށްލި ޓްރަމްޕް ސަރުކާރުގެ ހަތަރު ވަނަ ބޭފުޅާ އެވެ.