07 މާޗް 2018 - 11:56

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ރާއްޖެ އަންނަން އުޅުނު ޕާކިސްތާނުގެ ދެމަފިރިއަކު އެ ގައުމުން ހައްޔަރުކޮށް، 20 ކިލޯގެ މަސްތުވާތަކެތި އިއްޔެ ހޯދައިފި އެވެ.
ޕާކިސްތާނުގެ ރަސްމީ އިދާރާތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ، ދުބާއީ މަގުން ރާއްޖެ އަންނަން އުޅުނު އެ ދެމަފިރިންގެ އަތުން މަސްތުވާތަކެތި ފެނުނީ އެ މީހުންގެ ލަގެޖުންނާއި ދިރިއުޅުނު އެޕާޓްމެންޓު ފާސް ކުރިއިރު އެތަނުންނެވެ. އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންނެވެ.
މި މަސްތުވާތަކެތީގެ އަގު 1.8 މިލިއަން ޑޮލަރު (27 މިލިއަން ރުފިޔާ) އަރާނެ ކަމަށް ރަސްމީ އިދާރާތަކާ ހަވާލާދީ ޕާކިސްތާނުގެ މީޑިއާގައި ބުނެފައި ވެ އެވެ. މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ޕާކިސްތާނުން އެއްފަހަރާ މިހާ ގިނަ އަދަދެއްްގެ މަސްތުވާތަކެތި އަތުލައިގަތް ފަހަރު ކަމަށް އެ ގައުމުގެ މީޑީއާ އިން ބުނެ އެވެ.
ޕާކިސްތާނުގެ މީޑިއާގައިވާ ގޮތުން އެ މީހުންގެ އަތުން މަސްތުވާތަކެތި ފުރަތަމަ ފެނުނީ ރާއްޖެ އައުމަށް ކަރާޗީ އެއާޕޯޓުގައި ތިއްބާ އެ މީހުންގެ ލަގެޖް ފާސް ކުރިއިރު އޭގެ ތެރެއިންނެވެ. ލަގެޖުން 10 ކިލޯގެ މަސްތުވާތަކެތި ފެނުމުން ޕާކިސްތާނުގެ ކަސްޓަމްސުން އެ މީހުންނާ އިތުރަށް ސުވާލުކޮށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް، ކަރާޗީގައި ހުންނަ ދެ މީހުންގެ އެޕާޓްމެންޓް ފާސްކޮށްފައި ވެ އެވެ. އެތަނުން ވެސް 10 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ.