08 މާޗް 2018 - 05:57

ބޮލީވުޑްގެ ފިލްމީ ތަރިންގެ ފޭނުން އެ މީހުން އެންމެ ލޯބިވާ ތަރިއަކަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ އެވެ. މިއޮތީ އެކަލަ ކަމެއްގެ ވާހަކަ އެވެ. ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތުގެ ވަރަށް ބޮޑު ފޭނެއް ކަަމަށްވާ ނިޝީ ހަރިޝްޗަންދްރާ ތުރިޕަތީ، 62، ދާދި ފަހުން މަރުވި އިރު، އޭނާގެ ހުރިހާ މުދަލެއް ވަނީ ސަންޖޭ އަށް ހިބައިން ދީފަ އެވެ.
މުމްބާއީގައި ހުރި ނިޝީގެ 10 ކްރޯޑް ރުޕީސްގެ އެޕާޓްމަންޓާއި ގޭގެ ހުރިހާ މުދަލެއް އޭނާ މަރުވި އިރު ސަންޖޭގެ ނަމަށް ބަދަލުކޮށްފައިވާކަން ނިޝީގެ ވަކީލު ވެސް ވަނީ ކަށަވަރުކޮށްފަ އެވެ.
ސަންޖޭ، 58، އަށް މިކަން އެނގުނީ ނިޝީގެ މިލްކިއްޔާތާ ހަވާލުވާން އެދި ބޭންކް އޮފް ބަރޯޑާ އިން އޭނާ އަށް ގުޅުމުންނެވެ. އަދި މިކަންވެގެން ދިޔައީ ސަންޖޭ އަށް ލިބުނު ވަރަށް ބޮޑު ޝޮކަކަށެވެ. އެކަމަކު ފޭނަކު އެ ވަރުގެ ބޮޑު ކަމެއް އޭނާ އަށް ކޮށްދިނީތީ އެކަން ބަލައި ގަންނަ ކަމަށް ބުންޏެވެ.
ނަމަވެސް ސަންޖޭ ވަނީ ނިޝީ، އޭނާ އަށް ހިބައިން ދިން އެއްވެސް މުދަލެއް ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އަދި ނިޝީގެ އާއިލާގެ ނަމަށް މުދާތައް ބަދަލުކުރަން ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ވެސް މިހާރު ފަށައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނިޝީ މަރުވި އިރު، 80 އަހަރުވީ އޭނާގެ މަންމަ އާއި އެއްބަނޑު ބަފާ ތިން ބެއިން ދުނިޔޭގައި އެބަ ތިއްބެވެ. އެހެންވެ އެ މީހުންގެ ނަމަށް މުދާތައް ބަދަލުކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަން ސަންޖޭގެ ވަކީލް ސުބާޝް ޖާދަވްއާ ވަނީ ހަވާލުކޮށްފަ އެވެ.
ސަންޖޭ އަށް ހިބައިން ނިޝީ ދިން މުދާތައް ނިޝީގެ އާއިލާގެ ނަން މައްޗަށް ބަދަލުކޮށް ދިނުމުގެ އިތުރަށް، އެ އާއިލާ އަށް ބޭނުންވާ އިތުރު އެހީތެރިކަމެއް އޮތް ނަމަ، އެކަން ކޮށް ދޭން ވެސް ސަންޖޭ މިހާރު ހުރީ ތައްޔާރަށެވެ.
ޖަލު ހުކުމަކަށް ފަހު މިދިޔަ އަހަރު ފިލްމް "ބޫމީ" އިން އަލުން ބޮޑު ސްްކްރީނަށް އައި ސަންޖޭ މިހާރު އަންނަނީ "ސާހެބް، ބީވީ އޯރް ގޭންގްސްޓާ 3" އާއި "ތޯރްބާޒް" ގެ މަސައްކަތް ކުރަމުންނެވެ.