ހޮލީވުޑްގައި ކަޅު ޑައިރެކްޓަރުންނަށް ހައްގު ދަރަޖަ މިހާރު އެބަ ލިބޭ: ޖޯޑަން ޕީލް
ހޮލީވުޑްގައި ކަޅު ޑައިރެކްޓަރުންނަށް ހައްގު ދަރަޖަ މިހާރު އެބަ ލިބޭ: ޖޯޑަން ޕީލް

ނަސްލީ ތަފާތު ކުރުންތައް އޮންނަ ހޮލީވުޑްގައި ކަޅު ފަންނާނުންނަށް އެ މީހުންނަށް ހައްގު މަގާމު މިހާރު ލިބެމުން އަންނަ ކަމަށާއި އެ ބަދަލަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މި އަހަރުގެ އޮސްކާގައި ބިރުވެރި ފިލްމް "ގެޓް އައުޓް" އިން އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް ހޯދި ޑައިރެކްޓަރު ޖޯޑަން ޕީލް ބުނެފި އެވެ.

އޭނާ ބުނީ ހޮލީވުޑްގައި ނަން ވިދާލި މަދު ކަޅު ޑައިރެކްޓަރުންގެ ތެރެއިން ސްޕައިކް ލީ އާއި ޖޯން ސިންގަލްޓަން، ޕީބްލީސެސް އަދި ހިއުސް ބްރަދާޒް ފަދަ ފަންނާނުންނަކީ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"އަހަރެން ގަބޫލުކުރަނީ ހޮލީވުޑްގައި މަސައްކަތްކުރާ ކަޅު ޑައިރެކްޓަރުން މަދުވުމަކީ އަހަރެން މި ދާއިރާ އަށް ނުކަންނަން ލިބުނު އެންމެ ބޮޑު ހިތްވަރު ވެސް ކަމަށް،" ޖޯޑަން، 39، ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކަޅު ފަންނާނުންގެ ހުނަރާއި ގާބިލްކަން މި ފަހުން ސްކްރީންގެ ކުރިމަތިންނާއި ފަހަތުން ވެސް ދައްކަމުން އަންނަ ކަމަށެވެ. އަދި އޮސްކާ ފަދަ ޝަރަފުވެރި އެވޯޑް ބަލައި ސްޓޭޖަށް އަރަން ފުރުސަތު ލިބުމަކީ ވަކި ކުލައެއްގެ މީހަކަށް ނޫނީ ނުލިބޭނެ ފުރުސަތެއް ކަމަށް ގަބޫލު ކުރާ، ގަބޫލު ކުރުންތައް ނިމުމަކަށް އައިސްފައިވާ ކަމަށް ބުންޏެވެ.

އެގޮތުން މިހާރު ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ ފިލްމް "ބްލެކް ޕެންތާ" ގެ ޑައިރެކްޓަރު ރަޔަން ކޫގްލާ އާއި "އިޓާލިއަން ޖޮބް" ގެ ޑައިރެކްޓަރު އެފް. ގެރީ ގްރޭ އާއި މިދިޔަ އަހަރު އެންމެ މޮޅު ފިލްމްގެ އޮސްކާ ހޯދި "މޫންލައިޓް" ގެ ޑައިރެކްޓަރު ބެރީ ޖެންކިންސް ފަދަ ފަންނާނުންނަކީ ނަމޫނާއަކަށް ބަލަން ޖެހޭ ކަޅު ފަންނާނުންތަކެއް ކަމަށް ޖޯޑަން ބުންޏެވެ.

"ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު ރިލީޒް ކުރި ފިލްމް ގޯސްޓް އިން ވޫޕީ ގޯލްޑްބާގް އޮސްކާ އެވޯޑް އުފުލައިލި ތަން ޓީވީން ބަލަން އިން އިރު، އަހަންނަށް އިހުސާސް ކުރެވުނީ އޭނާ އަހަރެން ކައިރި އަށް އައިސް، އަހަރެންގެ ހުވަފެން ހަގީގަތަކަށް ހަދަން މަސައްކަތް ކުރާށޭ ބުނި ކަހަލަ ގޮތަކަށް،" ޖޯޑަން ބުންޏެވެ. "އަހަރެން މިހާރު ގަބޫލު ކުރަނީ މި އަހަރު މި ލިބުނު އޮސްކާއާ އެކު އެ ހުވަފެން ހަގީގަތަކަށްވެއްޖެ ކަމަށް. ޝުކުރިއްޔާ ވޫޕީ އަށް."